ލައިފްސްޓައިލް

ބޮލީވުޑްގެ އާ ޖޯޑަކީ ސިދާރްތު މަލްހޯތުރާ އާއި ކިއާރާ އަދުވާނީ

ސިދާރްތު މަލްހޯތުރާ އާއި ކިއާރާ އަދުވާނީގެ ލޯބީގެ ވާހަކަތައް ބޮލީވުޑްގައި ދެކެވޭތާ މިހާރު ދުވަސްކޮޅެއް ވެއްޖެ އެވެ. މި ވާހަކަތައް މިހާރު މާ ގަދަޔަށް ދެކެވެމުންދަނީ ދެ ތަރިން އެއް މަތިންދާބޯޓެއްގައި ޑުބާއީ އަށް ފުރުމާ ގުޅިގެންނެވެ. ޑުބާއީ އަށް ދާން ފުރަން މި ދެ އެކްޓަރުން އައީ ވަކި ދެ ކާރެއްގަ އެވެ. އިންޑިއާގެ ނޫސްތަކުން ބުނެފައިވަނީ މިގޮތަށް ވަކިން އައީ އެމީހުން އެކުގައި ދާކަން ނޫސްވެރިންނަށް ފަޅާއަރާފާނެތީ އެވެ.

މި ދެ ތަރިންގެ މައުލޫމާތު އެނގޭ މީހުން ބުނަނީ ދެ ތަރިންގެ ލޯބީގެ ކަންތައްތައް މިހާރު ވަނީ ވަރަށް މައްޗަށް ގޮއްސަ އެވެ. ނަމަވެސް މި ދެ ތަރިން ކުރެ އެކަކުވެސް މި ވާހަކަ އަކީ ތެދެއް ކަމަކަށް ބުނެފައެއް ނުވެ އެވެ.

ސިދާރްތު އާއި ކިއާރާ ޑުބާއީ އަށް ދިޔައީ އާ އަހަރު ފާހަގަ ކުރަން ނޫން ކަމަށާއި ދެ ތަރިން ޕްރޮފެޝަނަލް މަސައްކަތެއް ކުރަން އޮވެގެން ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ. ނަމަވެސް އެކުގައި ފުރުމާ ގުޅިގެން ލޯބީގެ ވާހަކަތަކުގެ އަޑު ގަދަވީ އެވެ.
ސިދާރްތު އާއި ކިއާރާ އެކުގައި "ޝޭރްޝާހް"ގެ މަސައްކަތް ވެސް މިހާރު ކުރިޔަށް އެބަދެ އެވެ.

ވަރަށް ފަހުން އިންޑިއާގެ ނޫހަކަށް ސިދާރްތު ދީފައިވާ އިންޓަވިއު އެއްގައި އޭނާއާއި ކިއާރާ އާ ރައްޓެހިވެގެން އުޅޭކަމަށް ދެކެވޭ ވާހަކަތަކަށް ޖަވާބު ދީފައި ވެއެވެ. ސިދާރްތު ބުނީ އޭނާއާ އެކު ފިލްމު ކުޅޭ ކޮންމެ ބަތަލާއަކާ އެކު ވެސް އެ ފިލްމެއް ކުޅޭ ދުވަސްވަރު އޭނާއަށް ލޯބިވެވޭ ކަމަށެވެ. އޭނާގެ އޮން-ސްކްރީން ރޮމޭންސްގެ އަސަރު އަމިއްލަ ދިރިއުޅުމަށް ވެސް ފޯރާ ކަމަށެވެ.
ކިއާރާ އާ ރައްޓެހިވެގެން އުޅޭ ކަމަކަށް ސިދާރްތު އެއްބަހެއް ނުވެ އެވެ. ނަމަވެސް އެ ވާހަކަތައް ދޮގެއްވެސް ނުކުރެ އެވެ.

ޑައިރެކްޓަރު ވިޝްނޫވަރްދަންގެ "ޝޭރްޝާހް"ގައި ސިދާރްތު އާއި ކިއާރާ ލީޑް ރޯލު ކުޅޭއިރު ސިދާރްތު މި ފިލްމުގައި އަދާކުރަނީ އާމީ އޮފިސަރެއްގެ ބައެވެ. މި ރޯލަށް ވަރަށް ވަރުގަދައަށް ތަމްރީނުތައް ހަދަމުންދާ ކަމަށް ސިދާރްތު ވަނީ ބުނެފަ އެވެ.