މެންޗެސްޓާ ޔުނައިޓެޑް

މިއީ ކުރިމަގަށް ޓީމު ބިނާ ކުރާނެ އަހަރު: ސޮލްޝަޔާ

މިފެށުނު 2020 ވަނަ އަހަރަކީ މެންޗެސްޓާ ޔުނައިޓަޑްގެ ކުރިމަގަށް ޓީމު ބިނާ ކުރާނެ އަހަރަކަށް ވާނެ ކަމަށް ޔުނައިޓަޑްގެ ކޯޗް އޮލޭ ގަނާ ސޮލްޝަޔާ ބުނެފި އެވެ.

އިނގިރޭސި ޕްރިމިއާ ލީގްގައި މިއަދު އާސެނަލް އާ ދެކޮޅަށް ނުކުތުމުގެ ކުރިން ސޮލްޝަޔާ ބުނީ، ކުރު ރާސްތާގެ ޓާގެޓެއް ޔުނައިޓަޑްގައި ނެތް ކަމަށާއި އެހެން ކުލަބުތަކުންވެސް ޓީމު އަލުން ބިނާ ކުރުމަށް ޓްރާންސިޝަނަލް ޕީރިއަޑްގެ ގޮތުގައި ވަގުތުތައް ހޭދަ ކޮށްފައިވާ ކަމަށެވެ.

ޑިސެމްބަރު މަސް ފާހަގަ ކުރެވިގެން ދިޔައީ ސޮލްޝަޔާގެ ޓީމުން ކުރިއެރުންތަކެއް ހޯދި މަހެއްގެ ގޮތުގަ އެވެ. އެ ޓީމުން ވަނީ މިދިޔަ މަހުގައި ހަ މެޗުން މޮޅުވެފަ އެވެ. އެންމެ ފަހުން ކުޅުނު މެޗުތައް ކާމިޔާބު ކޮށް އެ ޓީމުން ވަނީ ތާވަލުގެ ފަސް ވަނަ އަށް އަރާފަ އެވެ.

"އަހަރެމެން މި ތިބީ ރަނގަޅު ޓްރެކެއްގައި،" ސޮލްޝަޔާ ބުންޏެވެ. "އަހަރެމެން ހޭދަ ކުރަމުން މިދަނީ ޓްރާންސިޝަން ޕީރިއަޑެއްގައި، އަހަރެމެން ދެކެފިން އެހެން ޓީމުތައްވެސް އެ ޕީރިއަޑަށް ފަހު ވަރުގަދަ ކޮށް އައިތަން، މި ދިހަ އަހަރު ތެރޭ މި ކުލަބުން ވަރުގަދަ ކޮށް އަންނާނެ، އެއީ މި ކުލަބުގެ ތޮބީއަތް."

ޔުނައިޓަޑަށް ކުޅެމުން ދިޔަ ބެލްޖިއަމްގެ ސްޓައިކަރު ރޮމެލޫ ލުކާކޫ އެ ޓީމު ދޫކޮށް އިންޓަ މިލާންއަށް ބަދަލު ވިފަހުން އޭނާގެ ބަދަލުގައި ސްޓައިކަރެއް ނުގެނެ އެވެ. ސޮލްޝަޔާ ބުނީ ކުލަބު ބޭރުން އެތަން ފޫބައްދާނެ ރަނގަޅު ސްޓައިކަރެއް އެވަގުތު ފެންނަން ނެތީ ކަމަށެވެ.

ޔުނައިޓަޑްގެ ފޯވަޑްލައިންގައި މި ސީޒަންގައި މާކަސް ރަޝްފާޑް އާއި އެންތަނީ މާޝިއަލްގެ ފަރާތުން ގޯލްތައް ފެނެއެވެ. އަދި މޭސަން ގްރީންވުޑްގެ ދައުރުވެސް އެޓޭކުތަކުގައި ރަނގަޅެވެ. ސޮލްޝަޔާ ބުނީ ފޯވަޑުންގެ ފަރާތުން ފެންނަމުންދާ މަސައްކަތާމެދު ކަންބޮޑުވާން ޖެހޭ އެއްވެސް ކަމެއް ނެތް ކަމަށެވެ.

އޭނާ ބުނީ، ޖެނުއަރީ ޓްރާންސްފާ ޕީރިއަޑް ވާން ޖެހޭނީ ޔުނައިޓަޑްގެ ކުރިމަގަށްޓަކައި ގެންނަ ކުޅުންތެރިޔަކަށް ކަމަށެވެ.