ހަބަރު

ޝިމްހާޒް ވަޒީފާއިން ވަކި ކުރީ ރަނގަޅަށް: ހޮނޑާފުށި ރިސޯޓު

ހދ. ހޮނޑާފުށި ރިސޯޓުގައި ސެކިއުރިޓީއެއްގެ ވަޒީފާ އަދާ ކުރި އަހުމަދު ޝިމްހާޒް ވަޒީފާއިން ވަކި ކުރީ ގާނޫނާއި ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އެ ރިސޯޓުން ބުނެފި އެވެ.

ކުރީގެ މަޖިލިސް މެންބަރު އަދި ވިޔަފާރިވެރިޔާ އަހުމަދު ހަމްޒާ އާއި ރައީސް އޮފީހުގެ މިނިސްޓަރު އަލީ ޝިޔާމްގެ ދެބެންގެ މަސްލަހަތު އޮންނަ ހދ. ހޮނޑާފުށި ރިސޯޓުން މުއވައްޒަފުންނަށް ދެނީ 11 ޑޮލަރު ކަމަށް ބުނާ ވާހަކަ ސޯޝަލް މީޑިއާގައި އާންމު ކުރި ކަމަށް ބުނެ ޝިމްހާޒް ވަޒީފާ އިން ވަކި ކުރި މައްސަލާގައި ސަރުކާރަށާއި އެ ރިސޯޓަށް ވަނީ ވަރަށް ބޮޑަށް ފާޑު ކިޔުން އަމާޒުވެފަ އެވެ.

އެ މައްސަލާގައި ހޮނޑާފުށިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސާވިސް ޗާޖާ ގުޅިގެން މުވައްޒަފަކު ވަކި ކުރި ކަމަށް ބުނާ ވާހަކައަކީ ބަދުނާމް ކުރަން ދައްކާ ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ. އަދި ޝިމްހާޒް ވަކިކުރި އިރު އޭނާ ހުރީ ޕްރޮބޭޝަނެއްގައި ކަމަށާއި އެހެންކަމުން އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ ގާނޫނާއި ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް އެ ރިސޯޓުން ބުންޏެވެ.

އޭގެ އިތުރުން ހޮނޑާފުށި ރިސޯޓުގައި މަސައްކަތް ކުރާ މުއައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި 11 ޑޮލަރު ދޭ ކަމާށް ބުނާ ވާހަކަތައް ވެސް އެ ރިސޯޓުން ދޮގު ކުރި އެވެ. ހޮނޑާފުށި ބުނީ އެ ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި ބަހާލެވިފައިވާ މިންވަރު ބިނާވެފައި ވަނީ ރަށުގެ އޮކިއުޕަންސީއަށް ކަމަށާއި އެ މިންވަރު ހިސާބުކޮށްފައި ވަނީ ގާނޫނާއި ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.

އެގޮތުން މިދިޔަ މަހު 16 ޕަސަންޓު އޮކިއުޕަންސީއެއް އޮތުމުން މުއައްޒަފުންނަށް 36 ޑޮލަރު (555.16 ރުފިޔާ) ސާވިސް ޗާޖު ދީފައިވާ ކަމަށް ހޮނޑާފުށި ރިސޯޓުން ބުންނެވެ. އަދި އެ މައުލޫމާތަކީ މުއައްޒަފުން އެދުމުން ފޯރުކޮށްދޭ މައުލޫމާތުތަކެއް ކަމަށް ވެސް ބުންޏެވެ.