ހަބަރު

އުފަންވާ ކުދިންނަށް ހަދިޔާ ދޭކަށް ނުފަށަން: ސަރުކާރު

އުފަންވާ ކޮންމެ ކުއްޖަކަށް "ތަންމަތި ފޮށި" ދޭނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދު ފުއްދާފައި ނުވާ ކަމަށް ރައީސް އޮފީހުގެ ޗީފް ކޮމިއުނިކޭޝަން ސްޓްރެޓެޖިސްޓް އަދި ތަރުޖަމާން އިބްރާހިމް ހޫދު ވިދާޅުވެއްޖެ އެވެ.

މި އަހަރުން ފެށިގެން އެސްޓީއޯގެ ހާއްސަ ވައުޗަރެއް ހިފައިގެން އަންނަ ފަރާތްތަކަށް ހަދިޔާ ލިބޭނެ ކަމަށް ބުނާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ. އެ ވައުޗަރުގައި ލިޔެފައި ވަނީ އަލަށް އުފަންވާ ކުދިންނަށް ދެވޭ ހާއްސަ ހަދިޔާގެ ވައުޗަރު ކަމަށެވެ. އަދި ސަރުކާރުގެ ކުންފުނި އެސްޓީއޯ އާއި މައި ހޮސްޕިޓަލު އައިޖީއެމްއެޗްގެ ލޯގޯ ވަނީ ޖަހައިފަ އެވެ.

އެ ފޮޓޯތައް ޝެއާ ކުރުމަށް ފަހު ސަރުކާރުން "ތަންމަތި ފޮށި" ވައުދު ފުއްދާފައިވާ ކަމަށް އެމްޑީޕީގެ ސަޕޯޓަރުންނާއި އެކްޓިވިސްޓުން ބުނަމުން އެބަދެ އެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން އަވަސް އިން ސުވާލު ކުރުމުން ހޫދު ވިދާޅުވީ އެ ވައުދު ފުއްދާފައި ނުވާ ކަމަށާއި އެއީ އެ ކުންފުނިން އަމިއްލައަށް ކުރާ ކަމެއް ކަމަށެވެ.

ރައީސް ސޯލިހު ވައުދުވެފައި ވަނީ ރާއްޖޭގެ ހުރިހާ އާއިލާތަކުން އުފަންވާ ކޮންމެ ކުއްޖަކަށް ދައުލަތުގެ ފަރާތުން ހަދިޔާއެއްގެ ގޮތުގައި ތަންމަތި ފޮއްޓަކާއެކު، ކުއްޖާއަށް ބޭނުންވާ އަސާސީ ތަކެއްޗާއި ސިއްހީ މައުލޫމާތުތަކުގެ ލުއިފޮތެއް ހިމެނޭ "ބޭބީ ބޮކްސް" ދިނުމަށެވެ.