ވާހަކަ

ވާހަކަ: 2020

"އެންމެ ބޮޑު ލޭންޑް މާކަކަށް ވާނީ، ރޯސްޓަވަރު. އެއީ ހިންދު ކަނޑުގައި ބިނާ ކޮށްފައި ހުންނަ އެންމެ އުސް އިމާރާތް. އެ އިމާރާތް ބިނާކޮށް ކުރެވޭނީ މާލެ ކައިރިން ފަޅެއް ހިއްކައިގެން. ދުރުން ބަލާއިރު ހީވާނީ މި ޓަވަރަކީ މޫދުގައި ހުންނަ ތަނެއްހެން. ޓަވަރުގެ މަތީ ބައި ފެންނާނީ ފޮޅެމުންދާ ފިނިފެން މަލެއް ގޮތަށް. ރޭގަނޑުވުމުން ޓަވަރު ދިއްލައިލެވޭނެ. ކޮންމެ ދެ ގަޑިއަކުން ކުލަ ބަދަލުކުރެވޭނެ." އަހަންނަށް ބަލައިލެވުނީ އަންހަންނާ ދިމާއަށް ބަލަން ތިބި މީހުންގެ މޫނަށެވެ.

މުޅި އޯޑިއަންސް އޮތީ ހިމޭންވެފައެވެ. އަހަރެންގެ ވާހަކަތައް އަޑުއަހާށެވެ. އަހަރެން ކިޔައިދޭ މަންޒަރުތައް އަމިއްލަ ސިކުނޑީ ކުރަހާށެވެ. އާއެކެވެ. އަހަރެން ކިޔައި ދެމުން ދިޔައީ ދެހާސް ވިހިވަނަ އަހަރު އަންނަންވާ އިރަށް ރާއްޖެއަށް އަންނާނެ ކަމަށް ލަފާކުރެވޭ ބައެއް ކަހަލަ ބަދަލުތަކުގެ ވާހަކައެވެ. އަހަރެން ސިފަ ކޮށްދިނީ އެކަންކަމެވެ. އެންމެ ފުރަތަމަ ކިޔައި ދިނީ އުމުރާނީ ގޮތުން އެންމެ ފާހަގަކޮށްލެވޭނެ ބަދަލުތަކެވެ.

"މި ދެންނެވި ރޯސްޓަރު ވެގެންދާނީ ފަތުރުވެރިންގެ މަގުބޫލު ތަނަކަށް. އިންޑިޔާ ކަނޑުގައި ސްކައި ޑައިވްކުރާ މައި މަރުކަޒަށް. ވައިގެ ކުޅިވަރުތަކާއި ވައިގެ ތެރޭގެ މުބާރާތްތައް ބޭއްވޭ ބައިނަލް އަގުވާމީ މަރުކަޒަކަށް. މި ޓަވަރުގައި އެކަހަލަ ސްޓޭޑިއަމްތައް ގާއިމުކުރެވޭނެ. މި ދެންނެވީ ބައިނަލް އަގުވާމީ ވައިގެ މުބާރާތްތައް ކުރިއަށް ގެންދާ މަންޒަރު ބަލަން ބޭނުންވާ މީހުންނަށް ކުޅިބަލަން ތިބެވޭނެ ފަދަ ސްޓޭޑިއަމެއްގެ ވާހަކަ. މީގެއިތުރުން، މި ޓަވަރުގެ އިރުމަތީ ފަރާތާއި ހުޅަނގު ފަރާތުން ގިނަ ފަންގިފިލާތަކުގައި އިރު އަރާ މަންޒަރާއި، އިރުއޮއްސޭ މަންޒަރު ބަލަން ފަތުރުވެރިންނަށް ހާއްސަ ކުރެވޭނެ،" ވާހަކަދައްކަން އުނދަގޫ ގޮތެއް ވާހެން ހީވުމުން ފެންތަށި ނަގައި ތުނބުގައި ޖައްސައިލީމެވެ. "ޓަވަރުގެ އެންމެ މަތީ ބައި ހާއްސަ ކޮށްފައި ވާނީ ހަފުލާތައް ބޭއްވުމަށް. ގާތްގަނޑަކަށް ވިލާތަކާ ހަމައިގައި ޓަވަރުގެ ކުރީ ބައި ހުންނާނެ. އެހެނަސް ވިލާތަކުގައި ނުޖެހޭނެ. އެންމެ މަތީ ބައި ފެންނާނީ ވަރަށް ފުރިހަމަކޮށް."

އަހަރެން ވަށްކަޅިން ބަލައިލީ މިނިސްޓަރުގެ މޫނަށެވެ. އެއީ އޭރު ދައުލަތުގެ އެންމެ ނުފޫޒުގަދަ އެއް މިނިސްޓަރެވެ. މިނިސްޓަރު އިންނެވީ ހަފުލާގެ ޝަރަފުވެރިންގެ ގޮނޑީގައެވެ. އެއީ ވާހަކަދެއްކުމުގެ ގައުމީ މުބާރާތުގެ އިނާމު ދިނުމުގެ ހަފުލާއެވެ. މުބާރާތުގައި އަހަންނަށް ވާހަކަދައްކަން ލިބުނީ 'ވިހިވިހީގައި ރާއްޖެއަށް އަންނާނެ ބަދަލުތައް' އެ ސުރުޚީއެވެ. އަހަރެން ދެއްކި ވާހަކަ ބެލުންތެރިންނަށް ކަމުދިޔައީއެވެ. ފަނޑިޔާރުން މާގަޔާވީއެވެ. މުބާރާތުން އެއްވަނަ ލިބުމުގެ އިތުރުން ހަމަ އެ މައުޟޫއަށް މިރޭ ވާހަކަދައްކަން ލިބުނީ ވެސް އެހެން ވީމައެވެ. ވަގުތުން ދުރަށް ދައްކާ ހަފުލާއަކަށް ވީތީއެވެ.

ފަޚުރުވެރިކަމާއެކު އަހަރެން ވާހަކަ ކުރިއަށް ގެންދިޔައީމެވެ. އަހަރެން ބަލައިލާ ކޮންމެ ފަހަރަކު މިނިސްޓަރު ބޮލުން އިޝާރާތްކޮށްލައްވާ މަންޒަރު ފެންނަމުން ދިޔައެވެ. ކުރިއަށް ގެންދާށޭ ވިދާޅުވާހެން މޫނުމަތިން އެކަން ދައްކުވައިދެއްވައެވެ. އަހަރެންގެ ވާހަކަދެއްކުމަށް ކަނޑައެޅި މައިގަނޑު ހަތަރު ނުކުތާއަށް ވާހަކަދައްކާ ނިންމައިލީމެވެ.

މިނިސްޓަރު ކޮޅަށް ތެދުވެ ވަޑައިގަތެވެ. އެއާއެކު އަރިހުގައި ތިއްބެވި ބޭބޭފުޅުން ވެސް ކޮޅަށް ތެދުވެ ވަޑައިގަތެވެ. އަހަރެން ހުރީ ބިރުންނެވެ. ގޯސް އެއްޗެއް ބުނެވުނު ކަމަށެވެ. ނަމަވެސް ކަންތައް ވީ އެހެންނެއް ނޫނެވެ. މިނިސްޓަރުގެ އަތްތިލަ ބަޑީގެ އަޑުން މުޅި މާލަން ގުގުމައިލިއެވެ. އެއާއެކު އަރިހުގެ ތިއްބެވި ބޭފުޅުން ވެސް އެގޮތަށް ކަންތައް ކުރެއްވިއެވެ. އޭގެ ފަހަތުން ހުރިހާ ބެލުންތެރިން ވެސް ކޮޅަށް ތެދުވެ އަތްޖަހަން ފެށިއެވެ. އަހަރެން ފެންކަޅިވިއެވެ.

"މިއީ ތަސައްވަރަކީ، މިއީ އުފެއްދުންތެރިކަމަކީ، ދަރިވަރުންގެ ޚިޔާލުން ގައުމު ބިނާކުރުމުން ގައުމަށް ހެޔޮ ބަދަލު އަންނާނެ. މިރޭ ޒައިނާ އެ ދެއްކީ މި ގައުމު އޮންނާންވީ ގޮތް. މި ގައުމު ބިނާ ކުރާންވީ ގޮތް. އިރާދަކުރެއްވިއްޔާ ވިހިވިހި އަންނަންވާއިރަށް އިންޑިޔާ ކަނޑުގެ މެދުގައި ރޯސްޓަވަރު ބިނާކުރެވޭނެ،" މިނިސްޓަރު އަހަރެންގެ ވާހަކަތަކަށް ތައުރީފު ކުރެއްވިއެވެ. "އަދި އެހެން އުފާވެރި ޚަބަރެއް ވެސް ދޭން އެބައޮތް. ޒައިނާއަށް މިނިސްޓްރީގެ ހާއްސަ ވަޒީފާއެއް ހަމަޖެއްސައިދޭނެ ކަމުގެ އުފާވެރި ހަބަރު."
އެއީ އަހަންނަށް ބަޔާންކުރަން ދަތި އުފާވެރި އިހުސާސްތަކެއް ގެނުވައިދިން ރެޔެކެވެ. އަހަރެން ދެއްކި ވާހަކައަށް ތައުރީފު ބަސްތައް އޮހި މުޅި ގައުމަށް އަހަރެންގެ ނަން މަގުބޫލުވެގެން ދިޔަ ރެޔެވެ. ދެ ހަފުތާވަންދެން އަހަންނަށް ތައުރީފުކުރުމުގައި ރާއްޖޭގެ މީޑިއާތައް އަވަދި ނެތި ހަރަކާތްތެރިވިއެވެ.

އެއީ އަހަންނަށް އަހަރެންގެ މަގާމު އޮޅެން މެދުވެރިވި ސަބަބު ވެސް މެއެވެ. އަހަންނަށް އަހަރެން ފެންނާން ފެށީ ވެސް އެހައި ހިސާބުންނެވެ. އެހެން މީހުންނަކީ އަހަރެންގެ ކުރިމަތީގައި އެއްވެސް ބަޔަކަށް ނުވީ ވެސް އެހައި ހިސާބުންނެވެ. އަހަރެން ގުރޭޑު ދިހައެއް ނިންމި އިރަށް މިނިސްޓްރީގެ ހާއްސަ ވަޒީފާ، ދާއިމީ ވަޒީފާއަކަށް ބަދަލުވިއެވެ. ވިހިވިހި އަންނަންވާއިރަށް ރާއްޖެއަށް ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭ މަޝްވަރާ ކޮމެޓީގެ އެންމެ އިސް މީހާގެ ގޮތުގައި މަސައްކަތް ކުރުމުގެ ޒިންމާ އަހަރެންގެ ބޮލުގައި އެޅުނެވެ. އެ މަގާމުގައި ކުރިން ހުރި މީހާ އަހަރެންގެ ދަށުން މަސައްކަތްކުރާ ގޮތަށް ބަދަލުކުރުމަށް ފަހުގައެވެ.

"ވިސްނައިލަންވާނެ ތަސައްވަރެއް ކުރާއިރު، ކުރެވިދާނެ ކަންތައް ހިމެނުމަށް. އަނެއް ކޮޅުން ބަލަންވާނެ އެ ތަސައްވަރުގައި އުފެއްދުންތެރި، އަމިއްލަވަންތަކަން ހިމެނެނީ ކިހައި މިންވަރަކަށް ތޯ ވެސް. ތީގައި ނެތް އާ އެއްވެސް ކަމެއް. އާ އެއްވެސް ހިޔާލެއް." ރުންކުރު ރާގަކަށް ވާހަކަ ބައްޓަން ކުރަމުން އަހަރެން ބަލައިލީ ވާހިދުގެ މޫނަށެވެ.

އަހަރެން މި ހުރި މަގާމުގައި ކުރިން ހުރީ ވާހިދެވެ. އެއީ މަސައްކަތުގައި ފަރުވާ ބަހައްޓާ މީހެކެވެ. ހަރުކަށި ގޮތެއް ހުއްޓަސް ކެރޭ މީހެކެވެ. ޖެހިލުން ކުޑަ ހުޝިޔާރު މީހެކެވެ. ކުރާ ކޮންމެ ކަމެއް ކުރުމުގައި ދިރާސާތަކަށް އިސްކަންދޭ މީހެކެވެ. ތައުލީމީ ގޮތުން އަހަންނަށް ވުރެ މާ މަތީ ސަނަދުތައް ހާސިލުކޮށްގެން ހުރި މީހެކެވެ. ހަގީގަތުގައި އޭނާ ހުށަހެޅި މަޝްރޫއަކީ ވެސް ވަރަށް ބޮޑު ދިރާސާއެއް ކުރުމަށްފަހު ހުށަހެޅި ހުށަހެޅުމެކެވެ. އަހަރެން ބޭނުންވީ އޭނާއަށް ކަމެއް އަންގައިދޭށެވެ. ކަމެއް ވިސްނައިދޭށެވެ. މަގާމު ދަށްވި ދުވަހު އަހަންނާ ދިމާއަށް އޭނާ ބުނި ވާހަކަތަކުގެ ސަބަބުންނެވެ. އަދިވެސް އޭނާގެ ޖުމުލަތައް އަހަރެންގެ ސިކުނޑިން ފިލައިގެން ނުދެއެވެ.

"މަގާމު ދިނީ ވިއްކާތީ. ވިއްކާ އެއްޗެއްތާ ގަންނާނީ،" އަހަރެންގެ ކަންފަތްދޮށަށް ގުދުވެ ދެމާނަ އެކުލެވޭ ގޮތަށް ވާހިދު ބުނެލިއެވެ. "ކަލޭ މިގޮނޑިން ދާނީ ލަދުން! މީހުންނާ ކުރިމަތިލާން ނުކެރިގެން."

ނޫން ގޮތަކަށް އަހަރެން ބަލައިލީ ވާހިދުގެ މޫނަށެވެ. އޭނާ އިނީ ރުޅި ގަދަވެފައެވެ. ދަތްޕިލަވަނީ ޖައްސާ ބާރުކޮށްލައިފައެވެ. ދެ އަތް ވަނީ މުށްކަވާލައިފައެވެ. އަހަރެން ބޭނުން ވަނީ އޭނާ ދެރަކޮށްލާށެވެ. މާޔޫސްކޮށްލާށެވެ. އޮފީސް މަތިން ވެސް ފޫހިކޮށްލާށެވެ. އެކަން އަހަންނަށް ކުރެވިދާނެއެވެ. އެއީ އެހައި އުނދަގޫ ކަމެއް ވެސް ނޫނެވެ. އަހަރެންގެ ވާހަކަ އެ ގޮތަށް ބައްޓަން ކުރީ އެހެންވީމައެވެ.
"ވާހިދުގެ މަސައްކަތް ނޫން ހުރިހާ މަސައްކަތެއް ވަރަށް ރަނގަޅު. އެހެންވީމަ ދެން މި ކަންތައްތައް މަތީ ކޮމެޓީއަށް ފޮނުވޭނެ،" އަހަރެން ބަލައިލީ ވާހިދާ ދިމާއަށެވެ. "ވާހިދު ދެ ދުވަސް ތެރޭ އަލުން މަސައްކަތް ނިންމައިފަ ހުށަހަޅާ. މިހާރު މި އޮތް މަސައްކަތް ހަމަ އެއް ގޮތަކަށް ވެސް ކަމަކު ނުދޭ."

"ބައްލަވާ އަޅުގަނޑަށް އެންމެ ރަނގަޅީ ވާހިދުގެ ހުށަހެޅުން." ސިނާނު ވާހިދުގެ ހުށަހެޅުމަށް ތައުރީފުކުރިއެވެ.
ކޮމެޓީގެ ހުރިހާ މެންބަރުން ވެސް އެ ވާހަކައަށް ތާއިދުކުރިއެވެ. އަހަންނަށް ވެސް އެ މަސައްކަތް ކަމުދެއެވެ. ނަމަވެސް، ބޭނުންވީ ދެކޮޅު ހަދާށެވެ. އޭނާއަށް ދެރަކޮށްލުމުގެ ބޭނުމުގައެވެ. އެހެން އެއްވެސް މަގުސަދެއްގައެއް ނޫނެވެ. އަހަރެން ފާޅުގައި ދެކޮޅު ހެދީމެވެ. އެއީ ކަމުނުދާ އެއްޗެއް ކަމަށް ބުނަމުންނެވެ.

އެންމެފަހުން ވާހިދު ކޮޅަށް ތެދުވިއެވެ. ރުޅިއައިސް ފުފިގެންނެވެ. އޭނާ އެއްޗެއް ނުބުނެއެވެ. ފާޑަކަށް ބަލައިލުމަށް ފަހު ބައްދަލުވުން ދޫކޮށް ދިޔައީއެވެ. އެހައި ހިސާބުން އަހަންނަށް ފުރުސަތު ފަހިވިއެވެ. އޭނާގެ އަމަލުތައް ރަނގަޅު ނޫންކަމަށް ވިސްނައިދޭށެވެ. އޭނާއާ މެދު ޝަކުވާ ހުށަހަޅާށެވެ. އެންމެ ފަހުން ވާހިދު ގޮތެއް ނިންމިއެވެ. އަހަރެން އެންމެ ބޭނުންވި ގޮތަށެވެ. އޭނާ އޮފީހުން ވަކިވީއެވެ.
"ހަނދާންކުރާތި! ތިޔަ ކުޅުނީ ކުޅަނދުރަކާ. ކަށި ތޫނު ކުޅަނދުރަކާ. އަހަރެންގެ ކަށީގެ ތޫނުކަން ކަލޭއަށް ދައްކައިލާން!" އެންމެ ފަހުން އޮފީހަށް އައި ދުވަހު ވާހިދު އޮފީހުން ނުކުމެގެން ދިޔައީ އަހަންނަށް އިންޒާރު ދީފައެވެ. އެކަމާ އަހަރެން އަޅައެއް ނުލަމެވެ. އަހަރެން ކުރިއަށް ދިޔައީ އަހަރެންގެ ގޮތުގައެވެ. ވާހިދަށް އެ ލިބުނީ އޭނާ ބޮޑާވުމުން ލިބެން ޖެހޭ އަދަބުކަމަށް އަހަރެން ނިންމީމެވެ. އެހެން މީހުންނަށް އިބުރަތެއް ގޮތުގައި އެކަން ދައްކަން އަހަރެން މަސައްކަތް ކުރީމެވެ. އެހައި ހިސާބުން އޭނާގެ ބާބު ވެސް ނިމުނީއެވެ.

ވާހިދު ހުރި މަގާމަށް ދެން އައީ އަރީޝްއެވެ. އެއީ މުޅީން އަލަށް އޮފީހަށް ވަން ޒުވާނެކެވެ. ރީތި ޒުވާނެކެވެ. ވަރުގަދަ ހަށިގަނޑެއްގެ ވެރިއެކެވެ. ޒުވާން އަންހެން ކުދީންގެ ހިތް ކަތިލާ ފަދަ ކަޅި ރަވައެކެވެ. ރީތި ފަން އިސްތަށި ގަނޑެކެވެ.
"އެ ހިމަ ލޮލުން ބަލައިލާ ގޮތުން ވެސް ހީވޭ މުޅި މީހާ އެކުގައި ވިރިގެންދާނެހެން." އަހަރެން ވެސް އަރީޝަށް ތައުރީފުކުރީމެވެ.
ސަނާއާ އެކު ކޮފީއެއްގައި ތިބެގެންނެވެ. ސަނާއަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. ސްކޫލު ދައުރުން ސުރެ އެކުގައި އުޅޭ އަހަރެންގެ ހުރިހާ ވާހަކަތަކެއް ހިއްސާކުރާ ހަމައެކަނި މީހާއެވެ. އަރީޝްގެ ފޮޓޯއެއް ސަނާއަށް ދައްކައިލީމެވެ. އޭނާގެ ގައިން ހީބިހި ނެނގި މަންޒަރު އަހަންނަށް ދައްކައިލިއެވެ.

"ސަޅި. އެންމެ ފަހުން މަގޭ ރޯސްޓަވަރަށް ސިކްސް ޕެކެއް ކަމުދިޔައީ ދޯ." ސަނާ އަހަންނާ ދިމާކޮށްލިއެވެ.

އޮފީހަށް ފުރަތަމަ ވަން ދުވަސްކޮޅު އަރީޝް އުޅުނު ގޮތާ ފަހުން އުޅެން ފެށިގޮތް ތަފާތުކަން އަހަންނަށް ފާހަގަވާން ފެށިއެވެ. އޭރު އޭނާ ވަރަށް ދެއްކެއް އުޅުނު ހެން ހީވިއެވެ. އޭނާގެ ރީތިކަމާއި އޭނާގެ ފިރިހެން ވަންތަކަން ހާމަވާނެ އެތައް މަންޒަރެއް ސީދާ އަހަންނަށް ފެންނަ ގޮތަށެވެ. އޮފީހުގެ މޭޒުތައް ހުރި ގޮތުން އޭނާ ކުރާ ކޮންމެ މަސައްކަތެއް ސީދާކޮށް އަހަންނަށް ފެންނާނެއެވެ. އަރީޝްގެ މޭޒު ހުންނާނީ އަހަރެންގެ މޭޒުގެ ކުރިމަތީގައެވެ. އަހަރެން އިސް އުފުލައިލައިފި ނަމަ ފެންނާނީ އޭނާ ކޮންޕިއުޓަރުގެ ސްކުރީނެވެ. އެންމެ ފުރަތަމަ އޮފީހަށް ވަން ދުވަހު ވެސް އޭނާ ޑެސްކު ޓޮޕްގެ ސްކުރީނަށް ލީ އަމިއްލަ ފޮޓޯއެކެވެ. ކަކޫތާފެނަން އެރި މޫދުގައި ހުރި ފޮޓޯއެކެވެ. އެ ފޮޓޯގައި އޭނާ ފެންނަނީ ކުރުކުރު ސޯޓެއް ލައިގެން ހުއްޓައެވެ.

"މަނާކަމެއް ކަން ނޭނގުނީ. ދެން ނުލާނަން." ނަސޭހަތް ދޭން ގެނައުމުން އޭނާ ބުނީ އެހެންނެވެ.

ދެން ކުރާން ފެށީ މާ އުނދަގުވާ ކަމެކެވެ. މޭޒު ކައިރީ އިނދެފައި ދުރަންދާ ކޮންމެ ފަހަރަކު އޭނާގެ ހަށިގަނޑު ފެންނަ ގޮތަށް ނަގައިފައި ހުންނަ ފޮޓޯތައް ފެންނަ ގޮތަށް ތައްޔާރުކޮށްފައިވާ ވީޑިއޯއެއް ނޫނީ ސްލައިޑް ޝޯއެއް އަޅުވާފައި ދަނީއެވެ.
"ވީޑިއޯ ހުޅުވާލި އިރަށް ސަމީ ގޮވައިލީމަ ދިޔައީ. ހަނދާން ނެތުނީ ކުލޯޒްކޮށްލަން." އެދުވަހު ވެސް އޭނާ ދެއްކީ ބަހަނާއެކެވެ. ސަލާމަތްވާނެ އުޒުރެކެވެ.

އަހަންނާއި ސަނާ އާއްމުކޮށް ދުވަން ދަނީ ޓްރެކަށެވެ. ސަނާއަށް ކަމެއް ދިމާވެގެން ތަންކޮޅެއް ލަހުން އާދެވޭނެ ކަމަށް ބުނުމުން އަހަރެން އެދުވަހު ދުވަން ދިޔައީ އެކަންޏެވެ. ދުވަން ދިޔައިރު ވެސް އެތައް ބަޔަކު ޓްރެކުގައި އުޅުނުވެ. ދުވަން ތައްޔާރުވާން ކަސްރަތުކުރަން ހުއްޓާ މީހަކު އަހަރެންގެ ކުރިމައްޗަށް ހުއްޓުނެވެ. ކަސްރަތީ ހަށިގަނޑެއްގެ ވެރިއެކެވެ. އޭނާ ފެންނަނީ ވަރަށް ތާޒާކޮށްނެވެ. އޭނާ ކަސްރަތު ކުރަމުން ދިޔައީ އަހަންނަށް ފުރަގަސްދީގެން ހުރެއެވެ. އަހަންނަށް ޝައްކުވާން ފެށިއެވެ. ދަންނަ މީހަކާ ވައްތަރުވާހެން ހީވުމުންނެވެ. ކަޅި ޖަހައި ނުލައި ބަލަން ހުރެވޭން ފެށިއެވެ. ކުރަމުންދިޔަ ހަރަކާތްތައް ވެސް ހުއްޓޭ ގޮތްވާން ފެށިއެވެ.
ސުވާލާއި ހިޔާލުތަކުން ސިކުނޑި ފުރެމުންދަނިކޮށް އޭނާ އެނބުރިލިއެވެ. އެއީ ހަމަ އަރީޝެވެ. ގަޔަށް ބާރު ހުދުކުލައިގެ އަތްކެނޑި ޓީޝާޓަކާއި ކަޅުކުލައިގެ ކުރު ސޯޓެއް ލައިގެން ހުރި އިރު އޭނާ ފެންނަނީ ވަރަށް ތަފާތުކޮށެވެ. ކުރިއަށް ވުރެ މާ ރީތިހެން ވެސް ހީވެއެވެ. އޭނާ ވަނީ ދާހިތްލާ ފޯވެފައެވެ. ޓީޝާޓު އެކުގައި ވަނީ ތެމިފައެވެ. މޭމަތީގައި ޓީޝާޓު ވަނީ ތަތްލާފައެވެ. ތަތްވެފައިވާ ތަންތަނުން ކޮންމެ ވެސް ވަރަކަށް ހަށިގަނޑުގެ ކުލަ ފެންނަމުން ވެސް ދިޔައެވެ.

"އަހަނ. އެކަނިތަ؟" އަރީޝްގެ ޓީޝާޓުގެ ފަސް ބައިން އޭނާގެ ކަނދުރާއާ ދިމާ ފޮހެލަން ހިއްލައިލިއެވެ.

އޭނާގެ ބަނޑުގައި ގޮޅި ޖަހައިލެވިފައިވާ މަސްތައް ހާމައަށް ފެނުނެވެ. އަހަންނަށް ކަޅި ޖަހައި ނުލައި ބަލައިލެވުނެވެ. އޭނާގެ ބަނޑުގެ މަސްތަކަށެވެ. ހީވަނީ ވަޑިއެއްގެ ބުރަ މަސައްކަތެއް ހެންނެވެ. ތަރުތީބުވެފައިވާ ގޮޅިތަކެވެ. އޮމާން ހަށިގަނޑެކެވެ. އަރީޝަށް އެކަން އެނގުނުހެން ވެސް ހީވިއެވެ. އޭނާ ނޭނގޭ ކަމަށް ހަދައިގެން އަނެއްކާ އަނެއް ފަރާތުން ޓީޝާޓުގެ ފަސްބައި ހިއްލައިލަމުން ކަނދުރާއާ ދިމާ ފޮހެލިއެވެ. އަހަރެންގެ ކަޅި މި ފަހަރު ތަތްވީ އޭނާގެ ފޫޅުން ތިރިއަށެވެ.

"ކޮބާ ކުރިން އަންނަ މަންޖެ؟" އަރީޝް އަނެއްކާ ވެސް ސުވާލު ކުރިއެވެ.

"ކަމެއް ދިމާވެގެން." އަހަންނަށް ބުނެވުނީ އެވަރަށެވެ.

އަރީޝް ނޭނގޭ ކަމަށް ހެދިގެން ހުރެ ކަސްރަތު ކުރަމުން ދިޔައެވެ. އޭނާގެ ކަކޫ މައްޗަށް ހިއްލައިލިއެވެ. ސީދާ އަހަންނަށް އޭނާގެ ފަލަމަސްގަނޑު ފެންނާނެހެން އެއްފަރާތަށް ފައި އަރިކޮށްލިއެވެ. އެއާއެކު އޭނާގެ ފަލަމަސްގަނޑުން ބޮޑު ބައެއް ފެންނަން ފެށިއެވެ. މަސްތައް ބައިބަޔަށް ބެހިފައިވާ ރީތި ފަލަމަސް ގަނޑެކެވެ. ދަހި ގޮތަކަށް އަހަންނަށް ހިންދިރުވާލެވުނެވެ. ހިޔާލުތައް އުދުހެން ފެށިއެވެ. ސީދާ އަރީޝްގެ މޫނަށް ނުބެލި ނަމަވެސް އަހަންނަށް ބެލެމުން ދިޔައީ އޭނާގެ ހަރަކާތްތަކާއެކު އޭނާގެ ހަށިގަނޑަށެވެ.

"ތިއޮށް އައީނު؟" ފަހަތަށް އިޝާރާތްކޮށްލަމުން އަރީޝް ބުނެލިއެވެ.

"އޭނާ ވަރަށް ދެއްކިއްޖެ. މަ ނޭނގޭ ކަމަށްހަދައިފަ މި ހުރީ ބަލާށޭ،" ސަނާ ވާހަކަ ފެށީ އަރީޝް ދިޔުމުންނެވެ. "މަ ވެސް ގައިން ހީބިހި ނަގައިގެންފި. ސިކުނޑި ވެސް ހަރާބު ވެއްޖެ. އެހާ ރީތި ދިވެހިން ވެސް އުޅޭތަ؟"

އަރީޝަށް ތައުރީފުކޮށް ސަނާ ވަރަށް ވާހަކަދެއްކިއެވެ. އަހަރެންގެ ހިތުގައި ކުރެހެމުން ދިޔަ އަރީޝްގެ ސޫރަ ފުރިހަމައަށް ތަސައްވަރު ކޮށްލެވުނީ އެދުވަހުއެވެ. އޭގެތެރެއަށް ސަނާގެ ތައުރީފުގެ ބަސްތައް އިތުރުވިއެވެ. އެ ދުވަހު ފަހުން އޭނާ ފެންނައިރަށް ބުނަން ނޭނގޭ އުނދަގޫތަކެއް ވާން ފަށައެވެ. ނޭވާ އަވަސްވެ މޭ ފިތޭހެން ހީވާ ގޮތްވާން ފެށިއެވެ. އިރުއިރު ކޮޅާ ހިންދިރުވާލެވި ދެ ލޯ ބޮޑުކުޑަވާހެން ހީވާން ފެށިއެވެ. އެދުވަހަށް ފަހު އަރީޝް އުޅެނީ އަހަންނާ ދުރުދުރުންނެވެ. ހީވަނީ އޭނާ އެއްލި އެންކޮޅު އަހަންނަށް ދިރުވާލެވުނު ކަން އެނގުނީހެންނެވެ. އޮފީހުގައި އުޅޭ އިރު ވެސް އޭނާ ބަލަނީ އަހަންނާ ދުރަށް ދެވޭތޯއެވެ. އޭނާ ހުންނަ ތަނަކަށް އަހަރެން ދިޔަޔަސް އެ ތަނަކުން ދުރަށް ދަނީއެވެ. މީހުންނަށް އެކަން ފާހަގަ ވެސް ވިއެވެ. އެވާހަކަ ދައްކަން ވެސް ދައްކައެވެ.

"ހާދަ ދުރުވެއްޖޭ." އަރީޝް ލިޔުމެއްގައި ސޮއިކުރަން އައުމުން އަހަރެން އިސްނެގީމެވެ.

އޭނާ ނީވޭ ކަމަށް ހަދައިފަ ދިޔައީއެވެ. އަހަންނަށް އުނދަގޫވާން ފެށިއެވެ. އޭނާގެ ފަރާތުން އިޝާރާތެއް ނުވާތާގައި އަހަރެންގެ އިޝާރާތަކަށް އަޅައި ވެސް ނުލާތީއެވެ. އެކަން ބޮލުގަ ރިހުމަކަށް ބަދަލުވާން ފެށިއެވެ. އެންމެ ފަހުން އަހަރެން ގޮތެއް ނިންމީމެވެ. ކޮންމެ ޖަވާބެއް ލިބުނަސް ކުރިމަތިލާށެވެ.

"އާދޭ މިތަނަށް. އެކަނި މި ހުރީ ވެސް. އެންމެން ވީ އެކޮޅުގަ. ނިންމައިފަ ކޮފީއަކަށް ދާނީ." އަހަންނަށް ވަގުތެއް ދެވެން އޮތް ގޮތް އޭނާ ބުންޏެވެ.

އަހަރެންގެ ހިތުގައި އެތައް ސުވާލެއް އުފެދުނެވެ. ގެސްޓު ހައުސްއަކަށް ދާން ބުނުމުންނެވެ. އަރީޝާ މެދު ގޯސްކޮށް ނަޒަރަކުން ވިސްނައިލެވުނެވެ. ދެވަނަ ސިކުންތުގައި އޭނާ ބުނެދިން ވާހަކަ ހަނދާންވިއެވެ. ބޭބެގެ ޕާޓީ ނިންމާފައި އަންނަންވާ އިރަށް ކޮޓަރި ތައްޔާރު ކުރަނީ ކަމަށް ބުނުމުންނެވެ. އަރީޝް ބުނި ތަނަށް އަހަރެން ދިޔައީމެވެ. އޭނާ ބުނި ކޮޓަރީގެ ދޮރު ހުޅުވާލީމެވެ. އޭނާ ބުނީ ތެދެކެވެ. އެއީ ހަމަ އެކަހަލަ ކަމަކަށް ތައްޔާރުކޮށްފައިވާ ކޮޓަރިއެކެވެ. ކޮޓަރީގެ ދޮރު ހުޅުވާލިއިރު އެކަކު ވެސް ނެތެވެ. ނުބައި ތަނަކަށް ވަދެވުނު ކަމަށް ހީކޮށް އަހަރެން ނުކުންނަ ހިނގައިގަތް އިރަށް ފާޚާނާއިން އަރީޝް ނުކުތެވެ. އޭނާ ހުރީ ހުސްގަޔާއެވެ. އުނުގައި އޮތީ ހުދުކުލައިގެ ތުވާއްޔެއް އެކަންޏެވެ.

"ނިންމައިފަ ދާން ވެގެން ފްރެޝް ވެލީ،" ހިނިތުންވެލަމުން އަރީޝް ބުންޏެވެ. "ބޭބެމެންނަށް އާދެވޭނީ ބާރަޔަށޯ. އަދި އެގާރަ ނުޖަހާދޯ."

އަހަރެން ބޯޖަހައިލީމެވެ. ދޮރު ލައްޕާލަމުން އޭނާއާ ދިމާއަށް ހިނގައިގަތީމެވެ. އަރީޝް ހުރީ އަހަންނާ ދިމާއަށް ބަލާށެވެ. އަހަރެންގެ އަތްފައި ފިނިވަމުން ދިޔައެވެ. ނޭނގޭ ބާރަކުން ދަމާ ގެންދާހެން އޭނާއާ ދިމާއަށް ގެންދަނީއެވެ. އަހަންނަށް އޮޅުލައި ގަނެވުނީ އަރީޝްގެ ގައިގައެވެ. މޫނު ޖައްސައިލެވުނީ އޭނާގެ މޭގައެވެ. އެހިތުގައި ޖަހަމުން ދިޔަ ވިންދުގެ އަޑު އަހަންނަށް އިވުނެވެ. އަހަރެންގެ ހިތް ބަންޑުންކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ. ބަދަލުގައި އަރީޝް އެއްޗެއް ނުބުނެއެވެ. އަހަރެންގެ ކޮންމެ ދައުވަތަކަށް އޭނާ ޖަވާބު ދިނީ އަމަލުންނެވެ. ބޭބެއަށް ތައްޔާރުކުރި އެނދުގެ ބޭނުން ހިފުނީ އަހަރުމެންނަށެވެ.

އަހަންނަށް ގެއަށް އައުމަށްފަހު ވެސް ވިސްނެނީއެވެ. އެހަނދާންތައް އާވަނީއެވެ. އެ އިހުސާސްތައް ވަށައިގެން އެނބުރެނީއެވެ. ލޮލަށް ނިދި ވެސް ނައީއެވެ. އެނދުގައި ފުރޮޅެމުން އެ ހަނދާންތައް ކުރެވެނީއެވެ. މެސެޖަކަށް ފަހު މެސެޖެއް ކުރީމެވެ. ޖަވާބެއް ނުލިބެއެވެ. އެންމެ ފަހުން ހަނދާންވީ އޭނާ ބުނެދިން ވާހަކަތަކެވެ. އެރޭ އޭނާއަށް ނުގުޅުމަށް ބުނި ވާހަކައަށެވެ.

ޖެހިގެން އައީ ސުވާލުން ފުރިގެންވީ ދުވަހަކެވެ. އަހަންނަށް ލިބުނީ އަރީޝް އޮފީހުން ކެނޑުނު ކަމުގެ ޚަބަރެވެ. އަރީޝަށް ގުޅަން ކުރި މަސައްކަތް ވެސް ނާކާމިޔާބުވީއެވެ. އެންމެފަހުން އޭނާގެ ގެއަށް ދިޔައީމެވެ. އެނގުނީ އޭނާ ހަތަރު އަހަރުގެ ކޯހެއްގައި ރާއްޖެއިން ބޭރަށް ފުރިކަމެވެ.

"ބަލައިބަލަ އޭނާ ހުންނަ ވަގުކަން. އެންމެ ފަހުން ރޯސްޓަވަރު ފުނޑައިލައިފަ އެ ދިޔައީނު،" ސަނާ ހިތްހަމަ ނުޖެހުނެވެ. "އަހަންނަށް މައްސަލައަކީ ޒައި އެންމެ ރެޔަކުން ޓަވަރުގެ ކަރުގަނޑާ ހަމައަށް ދާން ފުރުސަތު ދިނީމަ."

ދެ ހަފުތާ ވަރުވީ އިރު މުޅި މީހާ ބަލިވިއެވެ. ބޮލުގައި ރިއްސަނީއެވެ. ކާހިތް ނުވަނީއެވެ. އެނދުން ތެދުވާ ހިތް ވެސް ނުވަނީއެވެ. އަހަރެން ވިސްނާ ވިސްނާ ހަލާކުވާން ކައިރިވާ ވަރުވިއެވެ. ނޭނގޭ ގޮތަކަށް ބޮލުގައި ރިއްސަން ފެށިއެވެ. ނޭވާ ކުރުވެ ވަރުބަލިވާން ފެށިއެވެ. ބޯއަނބުރާ ގޮތްވާން ފެށިއެވެ. ހެނދުނު ހޭލާއިރު އޯކަށްދެމި މޭ ބޮޑުވާން ފެށިއެވެ. ކާއެއްޗެހީގެ ވަސް ޖެހޭ އިރަށް މޭ ނުބައި ކުރާން ފެށިއެވެ. ޝައްކުތަކެއް ބޮލަށް ލައިގެން ޑޮކުޓަރާ ހަމައަށް ދިޔައީމެވެ. ލިބުނީ އަހަން ބޭނުންވި ޖަވާބެއް ނޫނެވެ. އާއެކެވެ. އަހަރެން ބަނޑުބޮޑުވީއެވެ.

އެ ލަދުވެތި ކަމާ ވެސް ކުރިތިލާން ޖެހުނީއެވެ. އެކަނިމާ އެކަންޏެވެ. ކޮންމެ މީހަކު ވެސް މަލާމަތް ކުރީ އަހަންނަށެވެ. އަރީޝްގެ ވާހަކަ އެކަކު ވެސް ނުދައްކައެވެ. އަރީޝްއޭ ބުންޏަސް އެކަކު ވެސް އޭނާ އެކަން ކޮށްފާނެ ކަމަކަށް އެއްބަހެއް ނުވެއެވެ. އޭނާ އަހަންނާ ކައިރިވިތަން އެކަކަށް ވެސް ނުފެންނާތީއެވެ. އެންމެން ވެސް ބުނަނީ އޭނާ ރާއްޖޭ ނޫޅޭ ވާހަކައެވެ. ލިބެމުން ދިޔަ މަލާމާތާއި ފުރައްސާރައަށް ކެތް ނުވާ ވަރުވުމުން އަހަރެން އޮފީހުން ކެނޑުނީމެވެ. ބޭރަށް ނިކުތަސް ހީވަނީ މަގުމަތީ ތިބޭ އެންމެން މަލާމަތް ކުރާހެންނެވެ. މީހަކު ބަލައިލިޔަސް ހީވަނީ ބަނޑުގައި ތިއޮތީ ކޮން ކަހަލަ ކުއްޖެއްހޭ އަހައިލާހެންނެވެ. އެ ހާލުގައި އުޅެނި ކޮށް ބަނޑަށް ހަތްމަހަށް އެޅިއެވެ.

އަހަރެން އިނީ ހެދި ގޮނޑުދަށުގައެވެ. ދިރިއުޅުމުގެ ހެދުނު ގޯހާ މެދު ވިސްނާށެވެ. އެކަމާ ފިކުރުކުރާށެވެ. ކުއްލިއަކަށް ސިހިފައި އަހަންނަށް ބަލައިލެވުނީ ފަހަތަށެވެ. ދަންނަ އަޑެއް އިވުމުންނެވެ.

"ކޮބާ ހީވެއްޖެ؟ މަ އޭރު ވެސް ބުނިން މިއީ ކަށި ތޫނު ކުޅަނދުރެކޭ."

އާއެކެވެ. އެއީ ވާހިދުއެވެ. އޭނާ ވެސް އަހަންނާ ދިމާކޮށްލީއެވެ. އޭނާއަށް ފުރުޞަތު ލިބުމުން އެކަން ނުކޮށް ހުންނަންވީ ސަބަބެއް ވެސް ނެތެވެ. އަހަރެން އޭނާއަށް އެވަރު ކޮށްލީމެވެ. ކަތިވަޅި އަތުގައި އޮތް ދުވަހު އޭނާގެ ފިޔަ ކޮށައިލީމެވެ. ލަދުގަންނުވާލީމެވެ. އަގުވައްޓާލީމެވެ. އަހަންނަށް އިސްޖަހައިލެވުނެވެ. ވާހިދާ ދިމާ ބަލައިލަން ވެސް ނުކެރުނީއެވެ.

"ކޮބާ އެއްކަލަ ރޯސްޓަވަރު؟ ތި ތަ އެ ޓަވަރަކީ؟" އަހަރެން ބަނޑާ ދިމާއަށް އިނގިލި ދިއްކޮށްފައި އޭނާ މަލާމަތް ކުރަން ފެށިއެވެ.
އަހަންނަށް ކޮޅަށް ތެދުވެވުނެވެ. ހިތްދަތިކަމާއެކު ހިންދިރުވާލެވުނެވެ.

"ނޭނގެ ކޮން ޓަވަރަކުން ވެއްޓުނު ރޯސް އެއް ކަމެއް ވެސް ދޯ؟" ވާހިދު ލާނެތް ޒާތަކަށް ހޭންފެށިއެވެ. "ތި ދޯ އުފެއްދުންތެރިކަމަކީ؟ ކިހާ ހަޑި. ރީތި ގޮތުގައި ތިކަން ވެސް ކުރި ނަމަ. މަ އެންމެ ފުރަތަމަ ވެސް ބުނިން ދޯ ވިއްކާ ވާހަކަ. މިއަދު އެންމެން ވެސް ކަލޭއާ ދިމާއަށް އެ ކިޔަނީ އެހެން."

އަހަންނަށް ރުޅި އާދެވުނެވެ. އަތްހޫރާލެވުނެވެ. ވާހިދުގެ މޫނުގައި ޖަހާށެވެ. އެކަމަކު އަހަންނަކަށް އޭނާގެ މޫނަކު ނުޖެހުނެވެ. އަހަރެންގެ އަތުގައި ވާހިދު ހިފީއެވެ.

"ކަލޭއަށް އެނގޭތަ ހުރިހާ ކަމެއްގެ މުގުލުގައި ހުރީ ކާކުކަން؟ އަހަރެންގެ މަޅީގައި ކަލޭ އަމިއްލަށް ޖެހުނީ. އެކަމަކު ކަލޭގެ ވާހަކަ ގަބޫލު ކުރާނެ އެކަކު ވެސް ނުހުންނާނެ. ކަލޭގެ ތިޔަ ރޯސްޓަވަރާ އޭނާ ވެސް ހަވާލެއް ނުވާނެ. އޭނާ ކޯހަށް ފޮނުވީ އަހަރެން. އޭނާއާ ހަވާލު ކުރި މަސައްކަތް ނިންމީމަ. އޭނާ ދެން ރާއްޖެ ނާންނާނެ." ވާހިދު ހަރުކަށިކަމާއެކު މަޑުމަޑުން ބުނެލިއެވެ.

އަހަންނަށް ދަތްކުނޑި ވިކައިލެވުނެވެ. ވާހިދުގެ މޫނަށް ބަލައިގެން ހުރެއެވެ. އެ ދުވަސް ވެސް ނިމުނީއެވެ. އޮޅުންބޮޅުން ބޮޑު އެތައް ސުވާލެއްގެ ޖަވާބު ލިބިގެންނެވެ. އަހަންނަށް ކުރެވުނު ކުށް ވެސް ގަބޫލުކުރެވުނެވެ. ވާހިދު ބުނިބަސް ތެދު ކުރެވުނެވެ. އަހަންނަށް އޮއްގާ އުކުނީ ވިހަ ގަދަ ކުޅަނދުރަކަށެވެ. އަހަރެން އަޒުމު ކަނޑައެޅީ އެންމެ ކަމަކަށެވެ. އަހަންނަށް ހެދުނު ގޯހުން އުފަންވާ މޭވާއަކީ އަހަރެންގެ ކުށުގެ ކައްފާރާއަކަށް ނުހެދުމަށެވެ.

"އެންމެ ބޮޑު ލޭންޑް މާކަކަށް ވާނީ، ރޯސްޓަވަރު. އެއީ ހިންދުކަނޑުގައި ބިނާ ކޮށްފައި ހުންނަ އެންމެ ފުރިހަމަ، އެންމެ ރީތި އިމާރާތް. އެ އިމާރާތް ބިނާކޮށް ކުރެވޭނީ މާލެ ކައިރީ. ދުރުން ބަލާއިރު ހީވާނީ ޓަވަރަކީ މޫދުގައި ހުންނަ ތަނެއްހެން. ޓަވަރު މަތި ފެންނާނީ ފޮޅެމުންދާ ފިނިފެން މަލެއް ގޮތަށް. ރޭގަނޑުވުމުން ޓަވަރު ދިއްލައިލެވޭނެ." އަރީޝް ހިނިތުންވެލަމުން އަހަރެންގެ މޫނަށް ބަލައިލިއެވެ. "ޓަވަރާ ޖެހިގެން ރޯސް ސިޓީ އޮންނާނެ. އެއީ ފަތުރުވެރިކަމުގެ ހަބެއް. ދުނިޔޭގެ ފެންވަރުގެ ރީތި ފުރިހަމަ ރިސޯޓެއް. ކަނޑުއަޑީގެ އާސާރުތައް ފެންނަ މުއްސަނދި ތަނެއް."

ކަޅި ޖަހައިނުލައި އަހަންނަށް ބެލުނީ އަރީޝްގެ މޫނަށެވެ. އަރީޝް މިއަދު އެ ދެއްކީ މީގެ އަށާރަ އަހަރު ކުރިން އަހަރެން ދެއްކި ވާހަކަތަކެވެ. އެކަމަކު ކުޑަކުޑަ ތަފާތަކާ އެކުގައެވެ. އޭނާ އެދައްކަނީ ދެހާސް ފަންސާހަށް ކުރާ އުއްމީދުތަކުގެ ވާހަކައެވެ. އަހަރެން ކުރެހި މަންޒަރުގައި ކުލަ ނުޖެހުމުންނެވެ. އެ ޚިޔާލުތައް ހިފައިގެން ވިއްކަން އެ ނުކުތީ އަހަރެންގެ ދަރިފުޅެވެ. އާއެކެވެ. އަހަންނަށް ލިބުނު ދަރިފުޅަށް އަހަރެން ދިނީ އެ ނަމެވެ. އަރީޝްގެ ނަމެވެ. އެނަން އަހަންނަށް ފަސޭހައިން ކިޔޭނީ އެހެންވީމަ ކަމަށް ވާތީއެވެ.
"މިއީ އާ ހިޔާލެއް ނޫން. އެކަމަކު. ކުރާން ބޭނުންވެ ނުކުރެވިފައިވާ ކަމެއް. ވިހިވިއްސަށް އަހަރުމެން ކުރި އުއްމީދެއް."

އެ ދުވަހު އަހަރެން ކުރި އުއްމީދުތައް ފުނޑުފުނޑުވި ނަމަވެސް މިއަދު އުފާކުރާން ޖެހޭ އެހެން ކަމެއް އެބައޮތެވެ. އެދުވަހު އަހަރެންގެ ހިތުގައި ކަނޑައެޅި އުއްމީދުގައި ހަގީގީ ކުލަ ޖެހުމުންނެވެ. އަހަންނަށް ލިބުނު ހަދިޔާއަށް ލޯތްބާއި އިހުތިރާމު ލިބުނީތީއެވެ. އަހަންނަށް އެ ދުވަހު ލިބުނު ޝަރަފު، އަށާރަ އަހަރު ފަހުން ދަރިފުޅަށް ވެސް ހޯދައި ދެވުނީތީއެވެ. ވިހިވިއްސަށް އަހަރެން ކުރި އެންމެ ފޮނި އުއްމީދަކީ މިއީއެވެ.