ކުޑަކުދިން ބޮޑުވަމުން އަންނަ އިރު އެންމެ ބޭނުންތެރި އެއްކަމަކީ ވީހާވެސް ގިނަ ރަނގަޅު ރޯލް މޮޑެލުން ފެނުމެވެ. ދުވާލު ގިނަ ގަޑީގައި ޓީވީ ބެލުމާއި އިންޓަނެޓްގައި ހޭދަކުރާ ކުދިންނަށް ގިނައިން ފެނިގެން މިދަނީ ހޮލީވުޑްގެ އެކިއެެކި ބަތަލުންނެވެ. އެފަދަ މީހުންގެ ވަރުގަދަ އެކްޓިން ފިލްމުތަކުންނާއި ލަވަތަކުން ފެނުމުން ކުދީންވެސް ބޭނުންވަނީ އެކަހަލަ މީހުންނަށް ވާށެވެ.
އެކަމަކު މިރޯލް މޮޑެލުންގެ ތެރެއިން ގިނަ މީހުންނަކީ މައިންބަފައިންގެ މެދުގައި އެއްވެސް ކަހަލަ ކާމިޔާބެއް ލިބިފައިތިބި ބައެއް ނޫނެވެ.
މިގޮތުން ބްރިޓަންގެ 2287 މީހުންގެ ތެރެއިން ނެގުނު ޕޯލްއެއްގައި އެންމެ ކަމުނުދާ އަދި ނަމޫނާއެއް ގޮތުގައި ނުފެނޭ އަންހެނުންގެ ތެރެއިން އެއްވަނައިގާ ހިމެނެނީ މައިލީ ސައިރަސް އެވެ.
މައިންބަފައިންގެ 78 ޕަސެންޓަކީ އެއްގޮތަކަށްވެސް އެމީހުންގެ ދަރިންނަށް މައިލީ ސައިރަސްގެ އިންފްލުއެންސެއް އަންނަން ބޭނުންވާ ބައެއް ނޫނެވެ. މިއީ 2287 މީހުންގެ ތެރެއިން ނެގިފައިވާ އަދަދަކަށް ވާއިރު މިއިން ކޮންމެ އާއިލާއެއްގައިވެސް ދިހަ އަހަރުން ދަށް އެއްކުއްޖަކު ހިމެނެއެވެ.
މިލިސްޓުގައި މައިލީގެ އިތުރުން އެއްގޮތަކަށްވެސް ކުޑަކުދިންނަށް އެކަށީގެންނުވާ ލަވަތަކެއް ނެރޭ ނިކީ މިނާޖް، ރިއަލިޓީ ތަރި ކިމް ކާޑޭޝިއަން، ޓްވައިލައިޓްގެ ކްރިސްޓަން ސްޓިވޯޓް އަދި ރިހާނާ ހިމެނެއެވެ. ރިހާނާގެ ލަވަތަކަކީ ވެސް ކުދިންނަށް އެކަށީގެންވާ ލަވަތަކެއް ކަމުގައި ގިނަ މީހުންނަކަށް ނުފެނެއެވެ.
އަންހެނުންގެ ލިސްޓުގައި މައިންބަފައިން އެންމެ ކަމުދާ ރޯލް މޮޑެލަކަށް ވަނީ ކޭޓް މިޑިލްޓަން އެވެ. މިގޮތުން ޕޯލްގެ 34 ޕަސެންޓް ދެކެނީ ކޭޓްއަކީ ހުރިހާ އެންމެންނަށްވެސް ނަމޫނާއެއް ގޮތުގައެވެ. މިޝެލް ކީގަން އާއި ޓެއިލާ ސްވިފްޓްވެސް މިލިސްޓުގައި ހިމެނޭއިރު ޗެރިޓީ މަސައްކަތުގައި ބުރަކޮށް އުޅޭ އެންޖެލީނާ ޖޯލީ އާއި ބިޔޯންސޭވެސް ހިމެނެއެވެ.
ފިރިހެނުންގެ ލިސްޓުގެ އެންމެ ނުރަނގަޅު ނަމޫނާއެއް ކަމުގައި ބްރިޓިޝްގެ 56 ޕަސެންޓް މައިންބަފައިން ކަންޔޭ ވެސްޓް ކަމުގައި ދެކޭއިރު 55 ޕަސެންޓް ދެކެނީ ޖަސްޓިން ބީބާ އަކީވެސް އެހާމެ ކަމުނުދާ ތަރިއެއް ކަމުގައެވެ. ކުރީގެ ވަން ޑިރެކްޝަން ލަވަކިޔުންތެރިޔާ ޒޭން މަލިކް އަދި ޓްރާންސްފޯމާސްގެ ޝަޔާ ލަބަފް ވެސް ހިމެނެއެވެ.
އެންމެ ކަމުދާ ފިރިހެން ތަރިންގެ ތެރެއިން އެއްވަނަައިގާ އޮތީ އެޑް ޝީރަންއެވެ. ސާދަ ޕަސަންޓް މީހުން ޖަސްޓިން ޓިމްބަލޭކްއަކީ ނަމޫނާއެއް ކަމުގައި ދެކޭއިރު 26 ޕަސެންޓް ދެކެނީ ހެރީ ސްޓައިލް މާ ރަނގަޅު ކަމަށެވެ.