މެޑްރިޑް (ޖެނުއަރީ 5) – ސްޕެއިން ލީގުގައި ރޭ އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑް އަތުން 2-1 އިން މޮޅުވެ، ރެއާލްގެ މޮޅުވުމުގެ ސިލްސިލާ ވެލެންސިއާ އިން ނިންމާލައިފި އެވެ.
ޖެހިޖެހިގެން 22 މެޗުން މޮޅުވެފައިވާ ރެއާލް އަށް ރޭގެ މެޗުން މޮޅުވެ، ޖެހިޖެހިގެން އެންމެ ގިނަ މެޗުން މޮޅުވި ޕްރޮފެޝަނަލް ކްލަބުގެ ރެކޯޑްއާ އެއްވަރުކުރުމަށް އެންމެ މެޗަކާ ގާތަށް ޖެހިލުމުގެ ފުރުސަތު އޮތެވެ. އެކަމަކު ފަހަތުން އަރައި މެޗުގެ ދެވަނަ ހާފުގައި ވެލެންސިއާ އިން ވަނީ އެ ޓީމު ކޮޅަށް މެޗު އަނބުރާލައިފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގައި ލިބުނު ޕެނަލްޓީއަކުން ރެއާލަށް ލީޑު ހޯދައިދިނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އެކަމަކު ދެވަނަ ހާފުގެ ކުރީކޮޅު ވެލެންސިއާގެ އެންޓޯނިއޯ ބަރްގާން ވަނީ ލަނޑެއް ޖަހައި، މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. ވެލެންސިއާ އިން ލީޑު ނެގީ މެޗުގެ 65 ވަނަ މިނިޓުގައި އާޖެންޓީނާގެ ޑިފެންޑަރު ނިކޮލަސް އޮޓަމެންޑީ ޖެހި ލަނޑުންނެވެ.
"ޓީމުން ކުރި މަސައްކަތާމެދު ހިތްހަމަޖެހޭ. އަބަދު މޮޅުނުވާނެކަން ގަބޫލްކުރަން. އެކަމަކު އަހަރެމެން މިހާތަނަށް ހާސިލްކުރި ކަންތައްތައް ހަނދާން ނައްތާލައިގެން ނުވާނެ."
މި މެޗަށް ބާސާގެ ކޯޗު ލުއިސް އެންރީކޭ ނެރުނު ފުރަތަމަ 11ގައި ލިއޮނެލް މެސީ އާއި ނޭމާ އަދި ޑެނީ އަލްވޭސް އަށް ޖާގައެއް ނުދެ އެވެ. ކްރިސްމަސް ބްރޭކަށް ފަހު މި ތިން ކުޅުންތެރިން ވެސް އެ ޓީމުގެ ފަރިތަކުރުންތަކުގައި ބައިވެރިވާން ފެށީ ހުކުރު ދުވަހު އެވެ.
ތާވަލްގެ އެއްވަނައިގައި ރެއާލް އޮތީ 39 ޕޮއިންޓާއެކު އެވެ. ދެވަނައިގައި ބާސާ 38 ޕޮއިންޓާއެކު އޮތްއިރު، ތިން ވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑެވެ. -- އޭއެފްޕީ