މާލޭ ސިޓީ

މޭޔަރު ކަމަށް ވާދަނުކުރަން އަފްޝަން ނިންމައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވާނެ ކަމަށް އިއުލާނުކޮށްފައިވާ ވެރިކަންކުރާ ކޯލިޝަނުގެ މައި ޕާޓީ އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލްގެ ނައިބު އަފްޝަން ލަތީފް އެ ނިންމުން ބަދަލު ކުރައްވައިފި އެވެ.

އަފްޝަން ރޭ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ކުރިމަތި ނުލައްވާނެ ކަމަށެވެ. އަފްޝަން ވިދާޅުވީ ކުރިން ނިންމި ނިންމުން ބަދަލުކުރީ އެކަމަނާގެ އާއިލާއަށް ކުރިމަތިވި ކަންތައްތަކާއި ގުޅިގެން ކަމަށެވެ.

އެނގިފައިވާ ގޮތުގައި އަފްޝަންގެ މަންމަ ގެންދަވަނީ ބޮޑު ބައްޔަކަށް ބޭސްކުރައްވަމުންނެވެ. އެކަމަނާ ވަނީ މަންމައަށް ހެޔޮ ދުއާ ފޮނުއްވެވި ހުރިހާ ފަރާތްތަކަށްވެސް ޝުކުރު ދަންނަވާފައެވެ.

އަފްޝަން ވިދާޅުވީ މޭޔަރު ކަމަށް ވާދަ ނުކުރެއްވި ނަމަވެސް އަބަދުވެސް އެދެނީ މާލެއާއި މާލޭގެ ރައްޔިތުންނަށް ހެޔޮގޮތްތައްވުމަށެވެ. އަދި ކުރިއަށް އޮތް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ކާމިޔާބީއަށް އެދިފައިވެއެވެ.

އަންނަ އަހަރުގެ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ގިނަ ބޭފުޅުންތަކެއް ގެންދަވަނީ ފާޅުކުރައްވަމުންނެވެ. އެމްޑީޕީންވެސް ހަތަރު ބޭފުޅަކު ވަނީ މޭޔަރު ކަމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

އެހެންކަމުން މިމަހުގެ 31 ވަނަ ދުވަހު އޮންނަ އެމްޑީޕީގެ ޕްރައިމަރީ ވަރަށް ފޯރި ގަދަވާނެ ކަމަށް ބެލެވެއެވެ. މިފަހަރުވެސް މޭޔަރު ކަމަށް ވަޑައިގަތުމުގެ ޝައުގުވެރިކަން މިހާރުގެވެސް މޭޔަރު ޝިފާ މުހައްމަދާއި، ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް އަދި ހެންވޭރު ދެކުނު ދާއިރާ މިހާރު ތަމްސީލް ކުރައްވާ އެމްޑީޕީގެ ކައުންސިލަރު އަހްމަދު ނިޔާޒްވެސް ވަނީ ފާޅުކުރައްވާފައެވެ.

މީގެ އިތުރުން ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އަދި ކުރީގެ މަޖިލީސް މެންބަރު އަލްހާން ފަހްމީވެސް ވަނީ މޭޔަރު ކަމަށް ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.