މާލޭ ސިޓީ ކައުންސިލް

އިންތިހާބު ކޮށްދެއްވައިފިނަމަ މާލެ ބަދަލުކޮށްލާނަން: އަނަސް

Mar 18, 2021
16

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް އިންތިހާބު ކޮށްދެއްވައިފިނަމަ މުޅި މާލެ ބަދަލުކޮށްލައްވާނެ ކަމަށް އެމްޑީޕީގެ ފަރާތުން މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާ އަނަސް އަބްދުއްސައްތާރު ވިދާޅުވެއްޖެ އެވެ.

އަނަސް ގެންދަވަނީ މާލެ ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އަޑުއެއްސެވުމަށް އޮންލައިން ބައްދަލުވުންތަކެއް ބާއްވަވަމުންނެވެ. "މާދަމާލެ" ނަމުގައި ކުރިއަށް ގެންދާ ބައްދަލްވުންތައް އެކި ރޭރޭ ހާއްސަ ކުރަނީ ތަފާތު މައުލޫތަކަށެވެ.

"މާލޭގެ މަގުތައް އަލުން ތަރުތީބު ކުރުން" މި މައުލޫއަށް ރޭ ކުރިއަށް ގެންދެވި ބައްދަލްވުމުގައި މާލޭގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އަދި ރައްޔިތުން ކުރި ސުވާލުތަކަށް އަނަސް ވަނީ ޖަވާބު ދެއްވާފައެވެ. އެގޮތުން މަގު ބަންދު ކުރުމުން ދިމާވާ މައްސަލަތަކަށް އަނަސް ހޯއްދަވައިދެއްވާނެ ހައްލަކީ ކޮބައިކަމާއި އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު ރައްޔިތުންނަށް ދަތިނުވާނެ ގޮތަށް އެ މަސައްކަތް ކުރުމަށް ސިޓީ ކައުންސިލުގެ އުސޫލުތަކަށް ގެންނެވުމަށް ގަސްތުކުރައްވާ ބަދަލުތައް ތަފްސީލު ކޮށްދެއްވިއެވެ.

އަދި މަގުތައް ހެދުމަށް ފަށާފައިވާ ބޮޑު މަޝްރޫއާއި ނުކުޅެދުންތެރިންކަން ހުންނަ މީހުންނަށް ފަސޭހައިން ވަދެނިކުމެވޭ ގޮތަށް މިސްކިތްތަކާއި އިދާރާތަކުގައި އިންތިޒާމުތައް ހަމަޖެއްސުމާއި ބުލާ ގިނަވުމުން ދިމާވާ އެކި މައްސަލަތަކަށް ހަައްލު ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން ވެހިކަލް އެތެރެކުރުން ކޮންޓްރޯލް ކޮށް މާލޭގެ މަގުތަކަކީ ރައްކާތެރި ހިތްފަސޭހަ މަގުތަކަށް ހައްދަވާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވަރަށް ބޮޑު ވިސްނުމެއް ވެހިކަލް އެތެރެކުރުން ކޮންޓްރޯލް ކުރުމަކީ. ސިޓީ ކައުންސިލުން އިސްވެ ހިންގަވާ 'މާލޭ ސްޓްރީޓް ސްކޭޕިން' ޕްރޮޖެކްޓްގެ މައިގަނޑު އެއް އަމާޒަކީވެސް ވެހިކަލްތަކުގެ ތޮއްޖެހުން ކުޑަ ހިނގާ ބިގާވެ އުޅެވޭނެ ހިތްފަސޭހަ މަގުތަކަށް ހެދުން،"

އަނަސް ވިދާޅުވީ އޭނާގެ މޭޔަރު ކަމުގައި މާލެ ސިޓީ ބަދަލުކޮށްލައްވާނެ ކަމަށާ ސިޓީ ކައުންސިލް ހުރިހާ ގޮތަކުން ތަފާތު ވާނެ ކަމަށެވެ. ސިޓީ ކައުންސިލްގެ ނިންމުންތައް އަންނާނީ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެން އެ ރައްޔިތުންގެ އެދުންތަކާއި އެއްގޮތަށް ކަމަށް ވިދާޅުވިއެވެ.

ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދަން ޓައުން ހޯލް ބައްދަލުވުންތައް ބާއްވަވާނެ ކަމަށާ ރައްޔިތަކު ބޭނުން ކޮންމެ ވާހަކައެއް ހިއްސާ ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

"އަޅުގަނޑަކީ އެތާނގައި އިންނާނެ މީހެއް. އަޅުގަނޑަކީ ތި ބޭފުޅުންނާއި ބައްދަލުވާނެ މީހެއް، ޓައުން ހޯލް ދިމާނުވެއްޖިއްޔާ މި ޕްލެޓް ފޯމުތަކުން ނަމަވެސް އަޅުގަނޑާ ބައްދަލުވާނެ،" އަނަސް ވިދާޅުވިއެވެ.