މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަމެއް ނުލިބެނީސް ކުރައްވަން ފެއްޓެވި މަަސައްކަތްޕުޅު ހުއްޓަވާ ނުލައްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ހުޅުމާލެ ދާއިރާއަށް ކުރިމަތިލާ ކެންޑިޑޭޓްގެ ކެންޕެއިން ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ މަޖިލީސް ކެންޕެއިންގައި އެޖެންޑާ 19 ތަފާތުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވުމުން ބައެއް މީހުން އެކަން ގަބޫލުނުކުރި ކަމަށާ ނަމަވެސް އެޖެންޑާ 19 ތަފާތު މިންވަރު މިހާރު ފެންނާނެ ކަމަށެވެ. ހަމަ އެގޮތަށް ރަށްވެހި ފަތިސްވެސް ބޮޑުތަނުން ތަފާތުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ލޯކަލް ކައުންސިލްތަކުގެ ގާނޫނު ބަދަލުވެ، ވެރިކަން ބަދަލުވެ، ފަލްސާވެސް ބަދަލުވެފަައިވާ ކަމަަށެވެ.
މާލެ ރައްޔިތުންނަށް ދެން ލިބޭނީ މުޅީން އާ މޭޔަރެއް ކަމަށާ މާލެ ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދޭނެ ކަމަށެވެ.
"އަޅުގަނޑުމެންނަށް މި ލިބެނީ އަނެއްކާވެސް މުޅިން އާ މޭޔަރެއް. މާލެ ބަދަލުކޮށްލަދޭނެ. މާލެ ރައްޔިތުންނަށް އެ މީހުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދޭނެ. އަޅުގަނޑުމެން ހުއްޓައެއް ނުލާނެ، ނުލާނޭ. މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބޯހިޔާވަހިކަމެއް ނުލިބެނީސް އެމީހުންގެ އުދާސްތަކުން އެމީހުންނަށް އަރައިނުގަނެވެނީސް އަޅުގަނޑުމެން މި މަސައްކަތް ހުއްޓާފައި ދުރަށް ޖެހޭނެ ގޮތެއް ނެތް. ހަމަ އެއް ގޮތެއްވެސް ނެތް. އަޅުގަނޑު އަނަސް ގާތުގައި ހުންނާނަން،" ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ މިދިޔަ ހަތް އަހަރު ދިވެހިންނަށް ތަފާތު ތަޖުރިބާތަކެއް ކުރަން ޖެހުނު ކަމަށާ އެހެންވީ އެމްޑީޕީގެ ވެރިކަމެއް ނެތުމުން ކަމަށެވެ. ނަޝީދު ވިދާޅުވީ އެމްޑީޕީގެ ވިސްނުމުގައި ނޫނީ ދެން ރާއްޖެ ކުރިއަށް ނުދާނެ ކަމަށެވެ.
"މިދިޔަ ހަތް އަހަރު ގޯސްވެގެން ދިޔައީ އެހެން ބޭފުޅަކު ވެރިކަމުގައި ހުންނަވައިގެނެއް ނޫނޭ. އެމްޑީޕީ ވެރިކަމުގައި ނެތިގެން. އަޅުގަނޑުމެން ފިކުރު އަޅުގަނޑުމެންގެ ވިސްނުން އަޅުގަނޑުމެން މިބުނާ ގޮތް މިރާއްޖޭގެ ރައްޔިތުން ބަލައިގެންފި. މިރާއްޖޭގެ ރައްޔިތުންނަށްނަށް އެނގޭ އެމްޑީޕީގެ ވިސްނުމުގައި ނޫނީ ދެން މިރާއްޖެ ކުރިއަކަށް ނުދާނެ. ދެވޭކަށް ނުވެސް ނެތް،" ނަޝީދު ވިދާޅުވިއެވެ.