ޝިފާ މުހައްމަދު

ވޯޓްފޮށި ގެންދާނީ އިހުމާލެއް ނޫނީ ގޯހެއް އޮތުމުން: ޝިފާ

ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިހާބެއްގައި ވޯޓް ފޮށި ނަގައިގެން ގެންދަން ޖެހޭ ހިސާބަށް ކަންކަން ދާނީ ކޮންމެވެސް އިހުމާލެއް ނުވަތަ ގޯހެއް އޮތުމުން ކަމަށް މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

މިއަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި މާލެ ސިޓީގެ މޭޔަރުކަމުގެ މަގާމަށް އިތުރު ދައުރަކަށް ކުރިމަތިލެއްވުމަށް ޝިފާ ވަނީ އެމްޑީޕީގެ ޓިކެޓް ހޯއްދަވަން ޕްރައިމަރީގައި ވާދަ ކުރައްވާފަ އެވެ. މިދިޔަ ހުކުރު ދުވަހު އޮތް އެ އިންތިހާބުގައި ކާމިޔާބު ލިބި ވަޑައި ނުގެން ޝިފާ ވަނީ ބަލިވެފަ އެވެ. ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުގެ މަގާމަށް އެމްޑީޕީގެ ޓިކެޓްގައި ނިކުންނަވާނީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރެވެ.

ހުކުރު ދުވަހު އޮތް ޕްރައިމަރީގައި ބައެއް ރަށްރަށުގައި ވަނީ ހަމަނުޖެހުން ހިނގާފަ އެވެ. އަދި ވޯޓްފޮށިތައް ހުރި ތަންތަނުން ނަގައިގެން ގެންގޮސް ކަރުދާސްކޮޅުތަކާއެކު ހުޅުޖަހާ އަންދާލާފައި ވެއެވެ.

އޭގެ ފަހުން އެމްޑީޕީން ބުނީ ގއ. އަތޮޅުގައި ޕްރައިމަރީ ބޭއްވި ތިން ރަށުގެ ވޯޓްވެސް ބާތިލް ކޮށްފައިވާ ކަމަށެވެ. އެއީ ވިލިނގިއްޔާއި ދާންދޫ އަދި ކޮލަމާފުށީގެ ވޯޓެވެ. އެ ރަށްރަށުގައި ފަހުން އިންތިހާބު ބާއްވާނެ އެވެ.

ޝިފާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންތިހާބުގެ ވަކި ވޯޓް ފޮއްޓެއްގެ އިންތިހާބު އަލުން ބާއްވާނަމަ އެކަން ސާފު ކޮށްދިނުން މުހިންމު ކަމަށެވެ. އަދި ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިހާބެއްގައި ވޯޓް ފޮށި ނަގައިގެން ގެންދަން ޖެހޭ ހިސާބަށް ކަންކަންދާނީ ކޮންމެވެސް އިހުމާލެއް ނުވަތަ ގޯހެއް އޮވެގެން ކަމަށެވެ.

"ޕާޓީގެ އެތެރޭގެ އިންތިހާބެއްގައި ފޮށި ނަގައިގަނެގެން ދާންޖެހޭ ހިސާބަށް އެ ދިޔައީ ކޮންމެވެސް ބައެއްގެ އިހުމާލެއް ނޫންނަމަ ގޯހެއް ހުރީމަ،" ޝިފާ ވިދާޅުވި އެވެ.

އެމްޑީޕީގެ ކައުންސިލް ޕްރައިމަރީގައި ބައެއް ރަށްރަށުގައި ހަމަނުޖެހުން ހިނގާ ވޯޓް ފޮށިތަކުގައި ހުޅުޖަހާ ރޯކޮށްލީ ފޯރި ގަދަވެގެން ކަމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

އެމްޑީޕީ އޮފީހުގައި ހޮނިހިރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީގައި ހިނގާދިޔަ ކަންކަމާމެދު ކަންބޮޑުވެވަޑައި ނުގަންނަވާ ކަމަށެވެ.

އެކަންކަން ކޮށްފައިވަނީ ޕާޓީގެ މެންބަރުން ކަމަަށާ އަދި އެކަމާ ދެކޮޅަށް ނުކުތީ ވެސް ޕާޓީގެ މެންބަރުން ކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ސިޔާސީ އެފަދަ ކަންކަމުގައި ޖޯޝް ގަދަ ވެގެން އެކަހަލަ ކަންކަން ހިނގާނެ ކަމަށެވެ. ރައީސް ނަޝީދު ވަނީ ޖޯޝްގަދަ ވުމުން އެންމެ ރަނގަޅު ގޮތަކީ އެތަނަކުން ދުރަށް ވަޑައިގަތުން ނުވަތަ މޫދަށް ވަޑައިގެން ފިނިކޮށް ލެއްވުން ކަމަށެވެ.