ސަރަނގު އާދަމް މަނިކު

މާލޭގެ މޭޔަރު ކަމަށް ސަރަނގު ވާދަ ކުރައްވަނީ

މާލެ ސިޓީގެ ފުރަތަމަ މޭޔަރު އަދި މާލޭ މުނިސިޕަލްޓީގެ އެންމެ ފަހުގެ ރައީސް، ސަރަނގު އާދަމް މަނިކު ވެސް ކުރިއަށް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވަން ނިންމަވައިފި އެވެ.

ވިޔަފާރިވެރިޔާ ސަރަނގޭ މިއަދު "އަވަސް" އަށް ވިދާޅުވީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވަން ބޭނުންފުޅުވެ ވަޑައި ގަންނަވަނީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ޓިކެޓުގައި ކަމަށް ވުމުން މި މަހުގެ 31 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި އޭނާ ވާދަ ކުރައްވަން ނިންމަވާފައިވާ ކަމަށެވެ.

ސަރަނގޭ ވިދާޅުވި ގޮތުގައި މާލޭގެ މޭޔަރު ކަމަށް ވާދަ ކުރައްވާނެ ކަމަށް މިހާތަނަށް އިއުލާން ކުރެއްވި ބޭފުޅުންގެ ތެރޭގައި އެފަދަ މަގާމަކަށް އެންމެ އެކަށީގެންވާ ބޭފުޅަކު ނެތެވެ. އެހެންކަމުން މާލޭގެ މޭޔަރުގެ ހައިސިއްޔަތުން މާލޭގެ ރައްޔިތުންނަށް ހިދުމަތްކޮށް ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާތީ ތަޖުރިބާއާއެކު ކުރިމަތިލައްވަން ނިންމެވީ ކަމަށެވެ.

ސަރަނގޭގެ އިތުރުން އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުލް ސައްތާރާއި މާލެ ސިޓީގެ މިހާރުގެ މޭޔަރު ޝިފާ މުހައްމަދާއި، ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފާއި، މާލެ ސިޓީ ކައުންސިލްގެ ހެންވޭރު މެދު ދާއިރާގެ މެންބަރު އަހްމަދު ނިޔާޒު ވެސް އެމްޑީޕީގެ ޕްރައިމަރީގައި މާލެ ސިޓީގެ މޭޔަރުގެ ޓިކެޓަށް ވާދަ ކުރައްވަ އެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ އެ ޕާޓީގެ އެތެރޭގެ ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ މި މަހުގެ 31 ވަނަ ދުވަހުގަ އެވެ. އެ ޕްރައިމަރީއަށް ކުރިމަތިލާން ވަނީ މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް ހުޅުވާލައިފަ އެވެ.

އިދިކޮޅު ކޯލިޝަނުން މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވާނެ ކަމަށް މިހާތަނަށް ހާމަ ކުރައްވާފައި ވަނީ ކުރީގެ ހައުސިން މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒެވެ. ޖުމްހޫރީ ޕާޓީގައި ހުންނެވި މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހްމީ ވެސް ވަނީ މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.