ދިވެހި ސިނަމާ

އަންހެނުންގެ ފަރާތުން ސީޒަން އަށް ކާރެއް!

Jan 2, 2020
5

އައު އަހަރުގެ ހަދިޔާއަކަށް ކުޅަދާނަ ފިލްމީ ތަރި އަލީ ސީޒަން އަށް ކާރެއް ދީފި އެވެ.

އައު އަަހަރުގެ ހާއްސަ ހަދިޔާއަކަށް ސީޒަންއަށް ކާރެއް ހަދިޔާކޮށްފައިވަނީ ސީޒަންގެ އެސް ޕްރޮޑަކްޝަން އިން މިހާރު އުފައްދަން މަސައްކަތް ފަށާފައިވާ ފިލްމު "ލޯބިވެވިއްޖެ" ދެ ދެ ޕްރޮޑިއުސަރުންގެ ފަރާތުންނެވެ.

އެސް ޕްރޮޑަކްޝަންގެ "ލޯބިވެވިއްޖެ" ގެ އެއް ޕްރޮޑިއުސަރަކީ ސީޒަންގެ އަންހެނުން އައިމިނަތު ޝާނަޒް އެވެ. އަނެއް ޕްރޮޑިއުސަރަކީ ޝާނިޒް އަލީ އެވެ.

ސީޒަން ވަނީ އާ އަހަރުގެ ހަދިޔާއަކަށް ކާރެއް ލިބުމަކީ ލިބުނު ވަރަށް ބޮޑު ސަޕްރައިޒެއް ކަމަށް ބުނެފައެވެ. އަދި އެ ހަދިޔާ ހެޔޮހިތުން ބަލައިގަނެ، އަންހެނުންނާއި، ޝާނިޒް އަލީ އަށް ޝުކުރު އަދާކޮށްފަ އެވެ.

"ލޯބިވެވިއްޖެ، ހަމަ އަސްލަށް ވެސް." ކާރު ލިބުމުގެ އުފަލުގައި ސީޒަން ޖެހި ޕޯސްޓެއްގައި ބުނެފައިވެއެވެ.

ފިލްމީ ދާއިރާގައި މިހާރު ތިބި އެންމެ ތަޖުރިބާކާރު ތަރިންގެ ތެރޭގައި ހިމެނޭ ސީޒަން އަކީ ގިނަ ބައެއްގެ ލޯބި ލިބިފައިވާ ފަންނާނެކެވެ. އޭނާއަކީ އެކްޓަރެއްގެ އިތުރުން ޑައިރެކްޓަރެއް އަދި ޕްރޮޑިއުސަރެއްވެސް މެއެވެ.