ބޮލީވުޑް

އެވޯޑު ހަފުލާތައް ފޭކް: ރޯހިތު ޝެޓީ

ޑައިރެކްޓަރު ރޯހިތު ޝެޓީ އަކީ ބޮލީވުޑްގެ ހިޓް މެޝީންގެ ގޮތުގައި މަޝްހޫރުވެފައިވާ މީހެކެވެ. އޭނާ ޑައިރެކްޓްކުރި އަށް ފިލްމު ވިދިވިދިގެން ވަނީ ކާމިޔާބު ހޯދާފަ އެވެ. މީގެ ތެރެއިން ގިނަ ފިލްމުތައް 100 ކްރޯޑަށް ވުރެ މަތިން ހޯދާފައި ވެއެވެ. މިހާރު ރޯހިތު ޑައިރެކްޓް ކުރަމުން ދަނީ އަކްޝޭ ކުމާރު ލީޑް ރޯލު ކުޅޭ "ސޫރިޔަވަންޝަމް" އެވެ. ނަމަވެސް މިއަދު ރޯހިތުގެ ވާހަކަތައް ނޫސްތަކުގެ ފަލަ ސުރުޚީއަށް އަރާފައިވަނީ މި ފިލްމާ ގުޅުވައިގެންނެއް ނޫނެވެ. އޭނާ ދީފައިވާ އިންޓަވިއު އެއްގައި ދައްކާފައި ހުރި ވާހަކަ ތަކަކާ ގުޅިގެންނެވެ.

ނެހާ ދޫޕިއާގެ ޝޯ "ނޯ ފިލްޓާ ނެހާ" ގައި ވާހަކަ ދައްކަމުން ރޯހިތު ބުނެފައިވާ ގޮތުގައި ބޮލީވުޑްގެ އެވޯޑް ފަންކްޝަންތައް ދެކެ އޭނާ ވަރަށް ފޫހިވެ އެވެ. އެވޯޑު ހަފުލާތަކަށް ދާނީ ޝޯ ހޯސްޓް ކޮށްދޭ މަތިން ފައިސާ ދޭނަމަ ނުވަތަ އޭނާގެ ފިލްމަށް އެވޯޑެއް ލިބޭނަމަ އެކަނި ކަމަށް ވެސް ރޯހިތު ބުންޏެވެ. އެކަން ވެސް ކޮށްދޭނީ އިންތިޒާމުކުރާ ފަރާތްތަކުން އޭނާއަށް ފައިސާ ދޭނަމަ ނުވަތަ އެވޯޑެއް ދޭނަމަ ކަމަށާއި އެވޯޑު ހަފުލާތައް ފޭކް ކަމަށް ވެސް ރޯހިތު ބުނެފައި ވެއެވެ. އެވޯޑު ހަފުލާތަކަކީ ވެސް މިހާރު ޓީވީ ޝޯ ތަކެއް ކަމަށް ވެސް އޭނާ ބުންޏެވެ.

ޑައިރެކްޓަރު ބުނި ގޮތުގައި ކޮމާޝަލް ފިލްމުތަކަށް އެކަށީގެންވާ ކްރެޑިޓެއް އެވޯޑް އިންތިޒާމްކުރާ ފަރާތްތަކުން ނުދެ އެވެ.

"އަހަރެމެން ވެސް މަސައްކަތް ކުރަނީ ވަރަށް ބުރަކޮށް. އަހަރެން ރެއަކާ ދުވާލު 18 ގަޑިއިރު މަސައްކަތް ކުރަން. ކޮމާޝަލް ފިލްމުތައް މާ އުނދަގޫ. އާދައިގެ ފިލްމެއް ގެއެއްގެ ތެރޭގައި ޝޫޓް ކުރުމަށް ވުރެ 48 ޑިގްރީގެ ހޫނުގައި ކޮމާޝަލް ފިލްމެއްގެ އެކްޝަން މަންޒަރެއް ނަގަން މާ އުނދަގޫވާނެ،" އެވޯޑު ހަފުލާތަކާ މެދު ހިތްހަމަނުޖެހޭ ސަބަބުތައް ކިޔައިދެމުން ރޯހިތު ބުންޏެވެ.

ރޯހިތު ބުނި ގޮތުގައި އެވޯޑު ޝޯ ތަކަކީ ފިލްމީ ތަރިންނަށް ފައިސާ ހޯދަން ލިބޭ ފުރުސަތެކެވެ.

"އަހަރެމެންނަށް ހިޓް ފިލްމެއް ތައްޔާރު ކުރެވިއްޖިއްޔާ އަހަރެމެން ބުނަން އެކްޓަރުން ކައިރީ މިއޮތީ ޓީވީ ޝޯތަކުގައި މި ލަވަ ޕާފޯމްކޮށްގެން ފައިސާ ހޯދާނެ ފުރުސަތެކޭ،" ރޯހިތު ބުންޏެވެ.

އޭނާ ދެއްކި ވާހަކަތަކަކީ ހަގީގަތެއްކަން ސާބިތުކޮށްދެމުން ރޯހިތު ބުނީ "އާންކް މާރޭ" އެ ލަވަ ޝޫޓް ކުރަމުން ދިޔައިރު ރަންވީރު ސިންގް އާއި ސާރާ އަލީ ޚާން ކައިރީގައި ވެސް އޭނާ އެހެން ބުންޏެވެ.

ރޯހިތުގެ ކޮޕް ޑްރާމާ "ސޫރިޔަވަންޝީ"ގައި އަކްޝޭގެ އިތުރުން ކެޓުރީނާ ކައިފް ބަތަލާގެ ބައި ކުޅެފައި ވެއެވެ. އަދި އަޖޭ ދޭވްގަން އާއި ރަންވީރު ސިންގް ވެސް ކުޑަ ރޯލެއް ކުޅެ އެވެ. މި ފިލްމު ރިލީޒްކުރާނީ އަންނަ މާޗް މަހުގެ 27 ވަނަ ދުވަހު އެވެ.