ބޮލީވުޑް

"ޚަތުރޯން ކޭ ކިލާޅީ"ގެ އާ ސީޒަންގައި ރުބީނާ

ކަލާޒް ޗެނަލުން ދައްކާ ވަރަށް މަގްބޫލު ރިއަލިޓީ ޝޯއެއް ކަމަށްވާ "ޚަތުރޯން ކޭ ކިލާޅީ"ގެ 12 ވަނަ ސީޒަންގައި ޓީވީ ބަތަލާ ރުބީނާ ޑިލައިކް ބައިވެރިވާކަން ޔަގީން ވެއްޖެ އެވެ.

އާ ސީޒަން ވެސް ހޯސްޓްކުރާނީ ފަހުގެ ހުރިހާ ސީޒަނެއް ހޯސްޓްކުރި ޑައިރެކްޓަރު ރޯހިތު ޝެޓީ އެވެ. ސައުތު އެފްރިކާގެ ކޭޕް ޓައުންގައި ޝޫޓްކުރަން ހަމަޖެހިފައިވާ މިފަހަރުގެ ސީޒަންގައި ވެސް ނޭވާ ހިފަހައްޓާލަން ޖެހޭ ކަހަލަ އެޑްވެންޗާތަކާއި ބިރުން ފިތްކަނޑައިގެން ދާވަރުގެ ސްޓަންޓްތައް ހިމެނޭނެ ކަމަށް ވެއެވެ.

"ބިގް ބޮސް 14" ވެސް ކާމިޔާބުކުރި ރުބީނާ ބުނީ ޝޯގައި ބައިވެރިވެވުނީތީ ވަރަށް އުފާކުރާ ކަމަށެވެ. އަދި ޝޯގައި ކުރިމަތިކުރާ ކޮންމެ ގޮންޖެހުމަކާ ކުރިމަތިލާން ތައްޔާރު ކަމަށެވެ.

"ހަޔާތުގައި ވެސް އަހަރެން ވަނީ ވަރަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާފަ. އެކަމުގެ ސަބަބުން އަހަރެންނަށް އިތުރު ވަރުގަދަ ކަމެއް ވަނީ ލިބިފަ. އެހެންވެ މި ޝޯގައި ވަރަށް ބޮޑަށް ބައިވެރިވާހިތުން މި ބައިވެރިވަނީ،" ރުބީނާ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވެއެވެ.

މި ޝޯގެ އެންމެ ފަހުގެ ސީޒަންގެ އެއްވަނަ ހޯދާފައިވަނީ ޓީވީ އެކްޓަރު އަރްޖުން ބިޖިލާނީ އެވެ. އެހެންވެ މިފަހަރުގެ ސީޒަން އޭނާ ކާމިޔާބުކުރުމުގެ ހިތްވަރާއި ޖޯޝުގައި ހުރިކަމަށް ރުބީނާ ބުންޏެވެ. އެންމެ ފަހުން ނިމުނު "ޚަތުރޯން ކޭ ކިލާޅީ ސީޒަން 11"ގައި ރުބީނާގެ ފިރިމީހާ އަބިނެވް ޝުކްލާ ބައިވެރިވެފައި ވެއެވެ.

ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި "ޚަތުރޯން ކޭ ކިލާޅީ"ގެ މިފަހަރުގެ ސީޒަންގެ ޝޫޓިން މޭ މަހުގެ ފަހުކޮޅު ފަށާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އަދި މިކަމަށްޓަކައި މިފަހަރުގެ ސީޒަންގައި ބައިވެރިވާ ހުރިހާ ބައިވެރިން ވަރަށް އަވަހަށް ސައުތު އެފްރިކާއަށް ފުރަން ވަނީ ހަމަޖެހިފަ އެވެ. އަދި ޖުލައި މެދެއްހާ ހިސާބުގައި މި ޝޯ ދައްކަން ފަށާނެކަމަށް ވަނީ ލަފާކޮށްފަ އެވެ.

"ބިގް ބޮސް 15"ގެ ބައިވެރިންގެ ތެރޭގައި ހިމެނޭ ޕްރަތީކް ސޭހަޖްޕާލް، ނިޝާންތު ބަޓް އަދި ރަޖީވް އަދާތިއާ ވެސް "ޚަތުރޯން ކޭ ކިލާޅީ"ގެ މިފަހަރުގެ ސީޒަންގައި ބައިވެރިވާނެކަމަށް ބައެއް ނޫސްތަކުން ބުނެފައި ވެއެވެ.

އަދި ކޯރިއޮގްރާފަރު ތުޝާރު ކާލިއާ އާއި ޓީވީ ބަތަލާއިންގެ ތެރޭގައި ހިމެނޭ ޕަވިތުރަ ޕޫނިއާ، އުރްވަޝީ ޑޯލަކިއާ އަދި އެރިކާ ފެނާންޑިސް ވެސް ޝޯގައި ބައިވެރިވާނެކަން ގާތްގަނޑަކަށް ޔަގީން ވެފައިވާ ކަމަށް މި ޚަބަރުގައި ބުނެފައި ވެއެވެ.