ހޯސޭ މޮރީނިއޯ

ޓޮޓެންހަމް ބަލިވި މެޗުގައި ސަމާލުކަން ހޯދީ މޮރީނިއޯ

ސައުތު ހެމްޓަން އަތުން 1-0 ގެ ނަތީޖާ އަކުން ޓޮޓެންހަމް ހޮޓްސްޕާސް ބަލިވި މެޗުގައި ރީނދޫ ކާޑެއް ލިބިގަނެ ސްޕާސްގެ ކޯޗް ހޯޒޭ މޮރީނިއޯ ސަމާލުކަން ދަމައިގެންފި އެވެ.

މޮރީނިއޯއަށް ރީނދޫ ކާޑު ދެއްކީ ސައުތު ހެމްޓަންގެ ބެކްރޫމް ސްޓާފުންގެ ނޯޓްސްތައް ބެލުމުން، މޮރީނިއޯ އާއި ސައުތުހެމްޓަންގެގެ ގޯލްކީޕިން ކޯޗް އެންޑްރޫ ސްޕާކޭސް އާ ދެމެދު ހިނގި އަރާރުންވުމަށް ފަހު އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ އޭނާ އަށް ދެއްކި ރީނދޫ ކާޑު ރަނގަޅު ކަމަށާއި އެހެން ނަމަވެސް އޭނާއަށް އާންމު ހަމައިން ބޭރުން މުއަމާލަތް ކުރެވުނީ "އިޑިއޮޓް" އަކާ ކަމަށެވެ. "އިޑިއޮޓް" އެއްކަމަށް މޮރީނިއޯ ނިސްބަތް ކުރީ ސްޕާކޭސް އަށެވެ.

ސައުތުހެމްޓަންގެ ނޯޓްސްތައް ބެލިކަން ފާހަގަ ކުރެވޭ ކަމަށް ނޫސްވެރިޔަކު ސުވާލު ކުރުމުން ހިތްހަމަނުޖެހިފައިި ހުރެ މޮރީނިއޯ ބުނީ، އެކަމާ ބެހޭގޮތުން އެއްޗެއް ބުނަން ނޭނގޭ ކަމަށެވެ.

މެޗުގައި ޓޮޓެންހަމްގެ ފޯވަޑް ހެރީ ކޭން ޖެހި ލަނޑު ބަލައި ނުގަންނަން ރެފްރީ މައިކް ޑީން ނިންމި އެވެ. އޭގެ ވީޑިއޯ ރިޕްލައި ވެސް ނުބަލާ ކަމަށް ބުނެ މޮރީނިއޯ ވަނީ ވީއޭއާރް ބޭނުން ކުރަމުންދާ ގޮތާމެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.

ރޭ ގެ މެޗުގެ ހަމައެކަނި ލަނޑު ސައުތުހެމްޓަން އަށް ކާމިޔާބު ކޮށްދިނީ ޑެނީ އިންގްސް އެވެ.