ހަބަރު

އަނިޔާ ލިބެމުންދާ އަންހެނެއްގެ މައްސަލަ ބަލަން ފަށައިފި

ކުރީގެ ފިރިމީހާގެ ފަރާތުން އަނިޔާ ލިބެމުންދާ އަންހެނެއްގެ މައްސަލަ ބަލަމުންދާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

މި އަންހެންމީހާގެ މައްސަލަ ފެންމަތިވެފައި ވަނީ ދާދި ފަހުން އޭނާގެ ގާތް މީހަކު ފޭސްބުކުގައި ލިޔުނު ޕޯސްޓެއްގެ ސަބަބުންނެވެ.

އެ ޕޯސްޓުގައި ބުނެފައިވަނީ އަންހެންމީހާއަކީ މީގެ ކުރިން ކައިވެންޏެއްކޮށް ވަރި ކޮށްފައިވާ ދެ ކުދިންގެ މަންމަ އެއް ކަމަށެވެ. ދިރިއުޅޭނެ އެއްވެސް ތަނެއް ނެތުމުގެ ސަބަބުން ދެ ކުދިންގެ ހައްގުގައި އުޅެމުންދަނީ ކުދިންގެ ބައްޕަގެ ގޭގައި ކަމަށެވެ. ނަމަވެސް އެ ގޭގެ މީހުނާއި ކުދިންގެ ބައްޕަގެ ފަރާތުން އޭނައަށް ހިމާޔަތެއް ނުދީ އަނިޔާ ކުރާ ކަމަށެވެ.

"... އަންހެންމީހާ އަކީ ދެކުނުގެ ރަށަކަށް ނިސްބަތްވާ މީހެއް. އޭނަ ރަށަށް ދިޔަ ނަމަވެސް އުޅެވޭނެ އެއްވެސް ގޮތެއް ނެތް. އަމިއްލަ ގެދޮރެއް ވެސް އާޢިލާ މީހަކުވެސް ނެތް. ހުރީ ހަމަ އެކަނި މަންމައެއް. އެ މަންމަ އަކީ ސިކުނޑި ހަމަނުޖެހޭ މީހެއް. އެހެންވެ ހުންނަނީ ގުރައިދޫގައި ހުންނަ މަރުކަޒުގަ. މިހާރު ހުންނަނީ ކުރީގެ ފިރިމީހާގެ ގޭގަ. އެހާވަރަށް އަނިޔާ ކުރޭ. އެޣެ މީހުންގެ ފަރާތުން މަލާމާތާއި ފުރައްސާރަ ލިބެނީ ވެސް." އެ ޕޯސްޓުގައި ބުނެފައިވެ އެވެ.

މި މައްސަލަ ޖެންޑާ އަށާއި ފުލުހުންގެ ފެމިލީ ޕްރޮޓެކްޝަން އަށް ހުށަހެޅުނު ނަމަވެސް މިކަމަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ކަމަށްވެސް އެ ޕޯސްޓުގައި ބުނެފައިވެ އެވެ.

އެ މައުލޫމާތު ހޯދަން ޖެންޑާ މިނިސްޓްރީ އާ ސުވާލު ކުރުމުން ފުރަތަމަ ބުނީ އެ މައްސަލައާ ބެހޭ މައުލޫމާތު އެ މިނިސްޓްރީއަށް އެނގިފައި ނުވާ ކަމަށެވެ. ނަމަވެސް ފަހުން އެ މައްސަލަ ބަލަމުން އަންނަ ކަމަށް ބުންޏެވެ.

އަވަސް އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަންހެން މީހާ އަށް މީގެ ދެތިން ރޭ ކުރިން އަނިޔާކުރުމުން އެ މައްސަލަ ފުުހުންނަށް ހުށަހެޅުމުން ފުލުހުން އެ ގެޔަށް ދިއުމުން އޭނާއަކީ ސިކުނޑި ހަމަނުޖެހޭ މީހެއް ކަމަށްބުނެ އެގޭ މީހުން ފުލުހުން ފޮނުވާލި ކަމަށެވެ.