ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

(31 ޑިސެމްބަރ 2019 އާ ގުޅޭ)

އެހެންކަންތައް އެވަނީ ހޭޒަލްއާ ހެދިއޭ އެއްފަހަރު ވެސް މުހުސިނާގެ ހިތަކަށް މިނޫނީ ނާރައެވެ. އޭނާއަށް ހޭޒަލް ފެނުނީ އަޚުލާޤު ރަނގަޅު ކިޔަމަންތެރި ކުއްޖެއްގެ ގޮތުގައެވެ.

ވިޔާނުދާ އެއްވެސް ސިފައެއް މުހުސިނާ ނުދެކެއެވެ. އެއާއެކު މުހުސިނާގެ ހިތަށް އެރީ އެހެން އަންނަ މަދު ފަހަރަކުން މީހެއްގެ ގޮތެއް ނޭނގޭނޭކަމެވެ. އެމީހުންނަށް ފެންނާނީ ހޭޒަލް އެމީހުންނަށް ދެއްކި ކުލައެއްތާއޭ މުހުސިނާގެ ޟަމީރު ވެސް އެއްބަސްވިއެވެ.

* * * * *

"ލިއަމް، ރަނގަޅަށް ބުނެބަލަ... ކީއްވެ ޒެއްލު ވަރިވީ؟" ލިއަމްއަށް ފަރުވާތެރިކަމާއެކު ބަލަން ހުރެ ޒައިދަން އެއްސެވެ. އޭނާއާއި ލިއަމް އެޕާޓްމެންޓަށް އައީ ޝަމާޢިލް ބުނެގެންނެވެ. ލިއަމް ބޭނުންވާނޭ އެއްޗެހި ވަގުތީ ގޮތުން ވިޔަސް ބަންދުކޮށްގެން ގެއަށް ލިއަމް ބަދަލުވާން ޝާމާޢިލް އެންގީމައެވެ.

"ޒެއްލު އަމިއްލައަށް ވަރިވާން ބޭނުންވީ" ލިއަމް އެންމެން ގާތު ވެސް ބުނަނީ އެހެންނެވެ. ޒައިދަންއަށް ދެފަރާތަށް ބޯހޫރާލެވުނެވެ. ލިއަމް ބުނާ އެއްޗެއް ޤަބޫލުކުރަން އޭނާއަށް ދައްޗެވެ.

އެޕާޓްމެންޓަށް ޒައިދަން ވަން ވަގުތު ވެސް ހީވަނީ އެތަނުގައި އަދިވެސް ލިއަމްގެ ދެމަފިރިން އުޅެމުންދާ ތަނެއް ހެންނެވެ. ލިއަމް ކޮޓަރިއަށް ވަނުމުން އެ ކޮޓަރީގެ ދޮރުމަތީ ޒައިދަން މަޑުކޮށްލީއެވެ. އޭނާއަށް އެ ކޮޓަރިތެރެ އޮތް ގޮތް ފެނުނެވެ. އެތަނުގައި ވެސް އެއްވެސް އެއްޗެއް މަދުވެފައިވީހެން ހިޔެއްނުވެއެވެ. ހޭޒަލްގެ ދެ ހެދުމެއް ހަރުގަނޑިގައި ހުރިއިރު ލިއަމް ހުޅުވާފައި ހުރި އަލަމާރީގައި ވެސް ފެންނަނީ ހޭޒަލްގެ ހެނދުންތައް ހުރި ތަނެވެ. އެކޮޓަރީގައި ހުރި ރީތިވާ މޭޒުމަތީގައި ހޭޒަލްގެ މޭކަޕް ސާމާނާއި އެނޫން ވެސް އެއްޗެހި ހުއްޓެވެ. ހީވަނީ ހޭޒަލް ދިޔައްޔާ އެ ދިޔައީ ދެންމެ ހެންނެވެ. އެވެސް އަވަސްއަރުވާލާފައެވެ. އެހެންނޫންނަމަ ބޭނުންކުރާ އެއްޗެހީގެ ތެރެއިން ޚާއްޞަކޮށް އަންނައުނުތައް ގެންދިޔައީހޭ ޒައިދަންގެ ހިތަށް އެރިއެވެ.

"ލިއަމް... މަންމަ ބުނި ތިންމަސްވެއްޖެއޭ، ޒެއްލުގެ އެއްވެސް އެއްޗެއް ވެސް ނުގެންދޭތަ؟ އޭނާއަށް ނުދޭންތަ ބަހައްޓާފަ މިހުރީ" ޒައިދަންގެ ނަޒަރު ކޮޓަރީގެ އެކި ދިމާއަށް ހުއްޓެމުންދިޔައެވެ.

"އެ ބަހައްޓައިގެން އަހަންނަށް ފައިދާތަކެއްވާނީތަ؟..." ލިއަމްގެ އަޑުގައިވީ ނުރުހުމެވެ. އިތުރަށް ސުވާލު ނުކުރުންކަން ރަނގަޅުވާނީ ޒައިދަންއަށް ވިސްނުނެވެ. ލިއަމް ރުޅިގަދަވަނީ އޭނާ ހާމަކުރަން ބޭނުންނުވާކަމެއް އޮތީމައޭ ޒައިދަންގެ ޟަމީރު އެއްބަސްވިއެވެ. އެހެންވެ އަމިއްލަ ޝުޢޫރުތައް ފާޅުކުރުން ހުއްޓާލިއެވެ. ނަމަވެސް އޭނާގެ ހިތާއި ސިކުނޑީގައި ޖަވާބު ބޭނުންވެފައި ސުވާލުތައް ހައްތަހާވީ ގިނައެވެ.

އެޕާޓްމެންޓް ދޫކޮށްލުމުގެ ވިސްނުމެއް ލިއަމްގެ ނެތެވެ. އެނބުރި ގެއަށް ދާކަށް ވެސް އޭނާ ބޭނުމެއްނޫނެވެ. ނަމަވެސް ޝަމާޢިލްގެ ބަހަށް ދެކޮޅު ހަދާނޭ ހިތްވަރެއް ލިއަމްގެ ނެތެވެ. އެޕާޓްމެންޓުގައި ހުރީ ހަމައެކަނި އޭނާގެ އެއްޗިއްސެއްނޫނެވެ. އެތަނުން އޭނާ ގެންދަން ބޭނުންވާ އެތައް އެއްޗެއް އެބަހުއްޓެވެ. ނަމަވެސް ޝަމާޢިލްގެ އެންގުމަށް ބޯލަނބަން ޖެހިފައިވުމުން ލިއަމް ފޮށި ތައްޔާރުކުރީއެވެ. އެ ފޮށި ދަމަމުން ކޮޓަރިން އޭނާ ނުކުންނަން އައުމުން ދޮރުމަތީ ހުރެފައި ޒައިދަން ވެސް ހިނގައިގަނެއްޖެއެވެ.

* * * * *

އާ ދުވަހެއްގެ އިރު މެދުން ޖެހިފައި ހުރި ވަގުތެވެ. ނަމަވެސް އިރުގެ އަލިކަން ފަނޑުވެ ދުނިޔެމަތި އަނދިރިކަމަށް ދައްކައެވެ. އުޑުމަތިން ފެންނަ ބޯކަޅު ވިލާތަކުން ދެންމެދެންމެ ވާރާ އޮހިގެންފާނެހެން ހީވެއެވެ. ޖެހޭ ވައިރޯޅިތައް ބާރުވެ ފަޒާގައި ފިނިކަމެއް ވިއެވެ. ވީރާ އޮފީހުން ނުކުތީ އެތަނުގައި އުޅޭ އެހެން ސްޓާފަކާއެކު މެންދުރު ކާށެވެ. އެމީހުންގެ މިސްރާބު ހުރީ ކަންމަތީގައި ހުރި ރެސްޓޯރެންޓަށެވެ. އެތަނުގެ މަތީ ފަންގިފިލާގައި ނަގާފައި އޮތް ބުފޭގައި އެ ދެ އަންހެންކުދީން ބައިވެރިވިއެވެ. ތަށިތަކަށް ކާއެއްޗެހި އަޅައިގެން އައިސް އިށީނީ މަގުމަތި ފެންނަ ގޮތަށް ހުރި މޭޒެއްގެ ދޮށުގައެވެ. ވައަތްފަރާތު ގޮނޑީގައި އިން ސަނާއާ ވާހަކަދައްކަމުން ވީރާ ކެއުން ކުރިއަށް ގެންދިޔައެވެ. ފެނުގެ ސައިލެއް އޮހިގަތް ފަދައިން ވާރޭގެ ތިކިތައް އޮހިގަތީ އެމީހުން ކައި ނުނިމެނީހެވެ. ރެސްޓޯރެންޓުގެ ދެތިން ވެއިޓަރުން ވެގެން އަވަހަށް އެ ދިމާ ނިވާކުރުމަށް ރަބަރު ފަރުދާއެއް ތިރިކޮށްލިއެވެ. ބޭއިޚްތިޔާރުގައި މަގުމަތި ބަލާލެވުނު ވީރާއަށް ސައިފް ފެނުނީ އެހިނދުއެވެ. އޭނާ އަންހެންކުއްޖެއްގެ އަތުގައި ހިފައިގެން ކުރިމަތިން ފެންނަން ހުރި އިމާރާތެއްގެ އަސްކަނި ދަށަށް ވަންން ދުވެފައި ދިޔައެވެ. ވަށައިގެން އަޅާފައި ހުރި ފަތިތަކުގައި އަތްއަޅުވާލައި ވީރާގެ މޫނު ތިރިކޮށްފައިވާ ރަބަރު ފަރުދާގަ ޖެހޭނުޖެހޭ ހިސާބަށް ކައިރިކޮށްލިއެވެ. ސައިފްއާއެކު ހުރީ ޔަޝްފީއެއްނޫނެވެ. މީގެ ކުރީން ވީރާ ދުށް އަންހެންކުއްޖެއްނޫނެވެ.

"ބޯކޮށްދޯ އެ އޮއްސާލީ" ވީރާ މަގުމަތި ބަލަނީއޭ ހިތާ ސަނާ ބުނެލިއެވެ. ވީރާ ހޫންއެއް ލައްވާލި ނަމަވެސް އޭނާގެ ނަޒަރު ހުއްޓިފައި ހުރީ މަގުމަތީގަ ހުރި ސައިފްއަށެވެ.

ސައިފްގެ ގާތުގައި ހުރި އަންހެންކުއްޖާ ވީރާމެން ތިބި ރެސްޓޯރެންޓަށް އިޝާރާތްކޮށްލައި ކޮންމެވެސް ވާހަކައެއް ދެއްކިތަން ފެނުނެވެ. ގިނައިރެއްނުވެ އެ ދެ މީހުން ދުއްވައިގަތީ މަގު ހުރަސްކުރާށެވެ. ވީރާ އިހު އިން ގޮތަށް ގޮނޑީގައި ހަމަޖެހިލިއެވެ. އޭނާ ކުއްލިއަކަށް ހިމޭންވީއެވެ. އެކަން ސަނާއަށް ފާހަގަވިއެވެ. ވީރާގެ ހަރަކާތްތަކަށް ބަދަލު އަންނަން ޖެހުނު ސަބަބެއް ސަނާއަކަށް ނުވިސްނުނެވެ. އޭނާ ގޮނޑިން ފޫހިއްލާލައި މަގުމަތި ބަލާލިއެވެ. އޭނާގެ ލޮލުގައި އެއްވެސް ކަމެއް އަޅައެއްނުގަތެވެ. ސަނާއަކީ ޒާތީ ދިރިއުޅުމުގެ ކަންކަން ޚިއްޞާކުރާހާ ވީރާއާ ގާތް ރަޙުމަތްތެރިއެއްނޫނެވެ. އެހެންނަމަވެސް ކިހިނެއްތޯވީ ސަނާ އަހާލިއެވެ. ވީރާގެ މޫޑު ގޯސްވެއްޖެހެން އޭނާއަށް ހީވެޔޭ ބުނެލިއެވެ.

"ކަމެއްނުވޭ... މިތާ އެއްޗެހީގެ ރަހައަށް ބަދަލެއްނާދޭ ދޯ" ވީރާ ވާހަކަ އެހެން ދިމާއަކަށް އަނބުރާލީއެވެ. ސަނާ އެކަން ދެނެހުރެ ވީރާއާ އެއްބަސްވިއެވެ. އެހެންނަމަވެސް ސަނާއަށް ފާހަގަވީ ވީރާގެ ނަޒަރު އެމީހުން ތިބި ބަޔަށް އެރި ދެ މީހުންނަށް ހުއްޓިފައި ހުރި ކަމެވެ.

"ދަންނަ މީހެއްތަ؟" ސަނާ އަހާލިއެވެ.

"އެ ދެމީހުން ވަރަށް ކްލޯޒްހެން ހީނުވޭތަ؟" ވީރާ ވެސް ކުރީ ސުވާލެކެވެ. އޭނާއަށް ހީވާ އެއްޗެއް ޔަގީންކޮށް ބޭނުންވީ ފަދައެވެ.

"އޭނާ ބިޓުކަންނޭނގެ... ވަރަށް ގުޅޭ ދޯ" ސަނާއަށް ބުނެވުނެވެ. ވީރާގެ މޫނުން ފާޅުވީ ރުޅިވެރިކަމެވެ. ބުނެވުނީ ރަނގަޅު އެއްޗެއްނޫނޭ ސަނާއަށް ހީވިއެވެ.

ސައިފްގެ ނަޒަރު ވީރާއާ އަމާޒުވިކަން ވީރާއަށް އެނގެއެވެ. އެހެންނަމަވެސް ސައިފް ހެދީ ނުފެންނަ ކަމަށެވެ. ވީރާއާ އެއްވެސް ގުޅުމެއް ބާއްވަން ސައިފް ބޭނުމެއްނޫނެވެ. އޭނާ އެކަން އެތައް ފަހަރަކު ވަރަށް ސާފުކޮށް ވީރާއަށް އަންގައިފިއެވެ. ނަމަވެސް ވީރާގެ ވިސްނުން ހުރީ ސައިފްއާ ވަކިވާގޮތަކަށްނޫނެވެ. އޭނާ ކޮންމެ ގޮތަކުން ވެސް ސައިފް ހާސިލުކުރަން ބޭނުމެވެ. ގޮނޑީގެ އަތްގަނޑުގައި ވީރާއަށް ބާރަށް ހިފާލެވުނެވެ. ތެދުވެގެން ގޮސް ސައިފްއާ ކުރިމަތިލާން އޭނާ ހިތަށް އެރިއެވެ. އެކަމަކު އެއްޗެކޭ ބުނާތަނުން ސައިފް ހަދާނޭ ގޮތެއް ވެސް ނޭނގޭތީ ވީރާ ފަސްޖެހުނީއެވެ. އޭނާ ވަގުތުން ނީލަމްއަށް ގުޅިއެވެ. ދެ މީހުން ބައްދަލުކޮށްލަން ޖެހޭ ކަމުގައި ވީރާ ބުނެ ގަޑިއެއް ކަނޑައެޅިއެވެ.

ކައި ނުނިމުނެއްކަމަކު ސަނާ ނިމުމުން ވީރާ ވެސް ނިންމާލީއެވެ. ދެމީހުން ބިލަށް ފައިސާ ދީފައި ތެދުވިއެވެ. ރެސްޓޯރެންޓުގެ ތިރިއަށް ފައިބަން ހުރި ސިޑިއާ ދިމާއަށް ސަނާއާއެކު އައި ވީރާ ފޭބުމުކުރީން ސައިފް އިން މޭޒަށް ބަލާލިއެވެ. ތަންކޮޅެއް ބާރަށް ސައިފްއަށް ގޮވާލައި އަތްހޫރާލީ ނިކަން ހިނިއައިސްފަ ހުރެއެވެ. ސައިފް ބަލާލިއެއްކަމަކު އެ މޫނުން އެއްވެސް އަސަރެއް ފާޅެއްނުވިއެވެ. އޭނާގެ ފުށުން ޖަވާބެއް ލިބެންދެން ވީރާ މަޑެއްނުކުރިއެވެ. އަނބިމީހާއާއި ދަރިފުޅު ކިހިނެއްތޯ އަހާލަމުން ސަލާމްބުނަން ވީރާ ބުނެލިއެވެ. ސައިފް ހިތްހަމަނުޖެހުނުހެން ވީރާއަށް ހީވިއެވެ. އެހެންނަމަވެސް އޭނާ އަތްހޫރާލައި "ޓާޓާ" ކިޔާލަމުން ފުޅާ ހިނިތުންވުމަކާއެކު ސިޑިން ފައިބަން ފެށިއެވެ.

ހަވީރު އޮފީސް ނިމުނު ގޮތަށް ވީރާ މިސްރާބު ޖެހީ ނީލަމް ބުނި ތަނަށް ދިއުމަށެވެ. އެގަޑިއަކީ އޭނާ ވެސް އޮފީސް ނިމުނު ގަޑިއެވެ. އެހެންވެ ދެ މީހުން ވެސް ބައްދަލުވާން ކަނޑައެޅީ ގްލޯރިއާޖީންސްގައެވެ. އެތަނަށް ކުރީން ދެވުނީ ނީލަމްއަށެވެ. އޭނާގެ އޮފީހާ ކައިރިވީމައެވެ. އޭނާ މޭޒުދޮށުގައި އިންދަ ވީރާ އަތުވެއްޖެއެވެ. ނީލަމް ފުރަތަމަ ވެސް ދެއްކީ ކަސްރަތުކުލާހަށް މިއަދު އޭނާ ވެސް ދާނޭކަމެވެ. އެމީހުން ބޭނުންވާ ކޮފީ ނެގުމަށްފަހު ދެ މީހުން މޭޒުގައި ހަމަޖެހިލިއެވެ. ވީރާ ދައްކަން އޮތީ ކޮންވާހަކައެއްތޯ ނީލަމް އެހީ ދެނެވެ.

"ޔަޝްފީ ހަޒްގެ ވާހަކައެއް... އައި ނޯ ތީނައާ ޔަޝްފީއާ ވަރަށް ކްލޯޒްކަން" ވީރާ ބުންޏެވެ.

"ސައިފް ކިހިނެއްވީ؟" ނީލަމްއަށް އަހާލެވުނެވެ.

"އެ ދެމީހުން ރަނގަޅުތަ؟ ސައިފް... އޭނަ ބޭނުންވެގެންތަ ޔަޝްފީއާ މެރީކޮށްގެން އުޅެނީ" ވީރާގެ ވާހަކަ ދާންއުޅޭ މިސްރާބު ވަގުތުން ނީލަމްއަށް އެނގުނެވެ. އެކަމާ އޭނާ ހައިރާނެއް ވެސް ނުވިއެވެ.

"ސައިފް އަންހެންކުއްޖަކާ އެކީ ފެނުނީ ދޯ" ނީލަމް ވަގުތުން އަހާލިއެވެ.

"ހޫމް!... އެ ދެމީހުން ވަރިވާންތަ އުޅެނީ" ވީރާ އަހާލިއެވެ. ނީލަމް ޖަހާލީ ހިނިގަނޑެކެވެ.

"އަހަންނަށް ވެސް ފެނޭ، ކުރީން ޔަޝްފީ ގާތު ބުނަން... ސައިފްއަކީ ބިޓިންމީހެއް، ޔަޝްފީއަށް ވާގޮތަކީ އެމީހުންގެ ދަރިފުޅު ސައިފްއާ ހެދި އެހާ ވަރުހުންނާތީ އޭނާއަށް ވެސް ސައިފް ބުނާ އެއްޗެއް ޤަބޫލުކޮށްލައިގެން ހުރެވެނީ، ހަނާއަށް އެއްއަހަރުގަ އެ ދެ މީހުން އުޅުނު ވަރިވާން، ސައިފް ރޮއެ އާދޭސްކޮށްގެން އޭނާއަށް ފުރުސަތެއް ދިނީ، އަސްލު ސައިފް ވަރިކުރި ނަމަވެސް ޔަޝްފީ ހާލަކުނުޖެހޭނެ، އެކަން އޭނާއަށް ވެސް އެނގޭ... އެހެންވިޔަސް ލޯތްބަކީ ފާޑެއްގެ އެއްޗެކޭ ބުނެއެއްނު... ޔަޝްފީއަށް ވެސް އެނގޭ ކަންނޭނގެ ސައިފް އަންހެންކުދީންނާ ވާހަކަދައްކާކަން، އެކަމަކު އެ އުނދަގޫ ގެއާ ހަމައަށް ނާންނާތީ އޭނާ ވެސް އަޅާނުލަނީހެން ހީވޭ... ދެން ނޭނގެ ބުނާކަށް އޭނާގެ ވިސްނުން ވެސް ހުރިގޮތެއް" ނީލަމް ކިޔާދިނެވެ.

"ސައިފް އެހެން މީހަކާ އިންނަން ޔަޝްފީ ޤަބޫލުވާނެތަ؟" ވީރާ އަހާލިއެވެ.

"ނޭނގެ... ހިޔެއްނުވޭ... ސައިފް އެހާ އަރާމުގަ އެ އުޅެނީ ޔަޝްފީގެ ލާރީގަ، އޭނާއަކީ ފޮނިކޮށް އުޅޭހިތްވާ ފިރިހެނެއް، އޭނާ އަދާކުރާ ވަޒީފާގަނޑުން ހީވޭތަ އެހާ އަރާމުގަ އުޅެވިދާނެހެން، ގަނޑުވަރެއްކަހަލަ ތަނެއްގަ އެމީހުން އެ އުޅެނީ... ވީރާ ވެސް ދިޔައީމެންނު އެގެއަށް، ސައިފު އެ ދުއްވާ ސައިކަލަކީ ވެސް ޔަޝްފީ ގަނެދީފަ ހުރި އެއްޗެއް، ކޮންމެ ތިންމަހަކުން ރާއްޖޭން ބޭރަށް ޔަޝްފީ ދާނެ ސައިފްއަށް ހެދުން ގަނެދެން، އަހަރު ފަހުކޮޅުގައި ދުނިޔެ ބަލާލަން އެކި ދިމާއަށް އެމީހުން އެ ދާ ދަތުރުތަކަކީ ވެސް ޔަޝްފީގެ ބައްޕަގެ ޚަރަދު.... ޔަޝްފީގެ އެއްވެސް އުނިކަމެއް ހުރީއެއްނޫން، އޭނާ ޤަބޫލުވާނެހެން ވަރަށް ހީނުވޭ" ނީލަމް ބުންޏެވެ.

"ނޭނގޭނެއެއްނު ސައިފް ހަމަ ޔަޝްފީ ވަރިކޮށްފާނެއެއްނު" ވީރާ ބުންޏެވެ.

"ނުކުރާނެ... އޭނާގެ އެ އަރާމު ދިރިއުޅުން އޭނާ ދޫކޮށްލާނެހެން ހީވޭތަ، އެއަށްވުރެ މާ ހިތްމޮޅު ފިރިހެނެއް އެއީ، ޔަޝްފީ ދިމާއަކަށް އެނބުރިދާނެތީ އޭނާ ހުންނާނީ އެލާޓްގަ، ޔަގީންކަމެއް އެއީ އޭނާ ކޮންމެ ވައްތަރަކަށް ތެޅުނަސް ޔަޝްފީ ވަރިއެއް ނުކުރާނެކަން، އެވަރުގެ ގަޓެއް ހުރެގެން އުޅޭ ފިރިހެނެއްނޫނޭ އެއީ" ނީލަމް ފޫހިކަމާއެކު ބުނެލިއެވެ.

"އަހަންނަށް..." ވީރާ ބުނަން އުޅުނު އެއްޗެއް ނުބުނެ ހުއްޓާލިއެވެ. އޭނާއާއި ސައިފް ގުޅިގެން އުޅޭކަން ބުނުމަކީ ބުއްދިވެރި ޚިޔާލެއް ނޫނޭ ވީރާއަށް ވިސްނުނީއެވެ. އެކަމަކު އެކަން އޭނާ ޔަޝްފީއަށް ހާމަކުރާނެއެވެ. އެހެންމީހެއްގެ ފަރާތުން ޔަޝްފީއަށް ޚަބަރު ދިއުމުގެ ކުރީން ވީރާގެ ދުލުން ކިޔާދޭން އޭނާ ބޭނުންވެއެވެ. ޔަޝްފީމެންގެ ގެއަށް ވީރާ އެކި ބަހަނާގައި ގޮސް ހަދާތީ އޭނާގެ ދިރިއުޅުން ހުންނަ ގޮތް ވީރާއަށް ކޮންމެވެސް ވަރަކަށް އެނގެއެވެ. ދާންވީ ވަގުތެއް ވީރާ ކަނޑައެޅިއެވެ. ނަމަވެސް ނީލަމް ގާތު އެއިން އެއްވެސް ކަމެއް ނުބުނެއެވެ. އޭނާ ހާމަކުރީ މިއަދު އޭނާއަށް ފެނުނު މަންޒަރެވެ.

"އަޅާނުލާ، އެއީ އެމީހުންގެ ދިރިއުޅުން، އަހަރެމެންނާ ބެހޭ ކަމެއްނޫން... އެހެންނޫނީ މީހުންގެ ވާހަކަދައްކާ ނުނިމޭނެ، ގާތް ރައްޓެހިންނެއްކަމަކު ބެހެންނުވާ ކަންކަން ހުންނާނެ" ނީލަމް ބުންޏެވެ. ޔަޝްފީއާއި ސައިފްގެ ވާހަކަ އިތުރަށް ދައްކާކަށް ނީލަމް ބޭނުމެއްނޫނެވެ. އެހެންވެ އޭނާ ދެން ފެށީ އެހެން ވާހަކައެކެވެ.

* * * * *

ރޭގަނޑުގެ ކެއުމަށް ސާރާ ގޮވައިގެން އަންނަން އިބާ ބުނުމުން ދާރިއަން ބަހަނާއެއް ދެއްކިއެވެ. އޭނާ ވަރަށް މުހިންމު ކަމަކު މީހަކާ ބައްދަލުކުރާން ދާންޖެހިފައި އޮތްކަން ބުންޏެވެ. ދަރިފުޅުގެ ހަރަކާތްތައް ފޮތްހަރުގަނޑު ކައިރީ ފޮތެއް ހިފައިގެން ހުރި ޒުކަންއަށް ފާހަގަވިއެވެ. އޭނާގެ ނަޒަރު ސޯފާގައި އިން އިބާއަށާއި އެތަނުގައި ކޮޅަށް ހުރި ދާރިއަންއަށް ހުއްޓެއެވެ. އެ ދެމެދުގައި ދެކެވޭ ވާހަކަތަކަށް ޒުކަން ހުރީ ސަމާލުވެއެވެ. އެއްގޮތަކަށް ވެސް ދާރިއަން އެއްބަހެއްނުވިއެވެ. އެންމެ ފަހުން އިބާގެ ވާހަކަ ނުނިމެނީސް ފޯނު ނަގައި ކަންފަތުގައި ޖަހާލަމުން ދާރިއަން ހެލޯއޭ ބުނެލިއެވެ. ދާންޖެހިއްޖެކަން އަތުން އަންގާލަމުން ދާރިއަން ހިނގައިގަތީއެވެ. އިބާ ހިތްހަމަނުޖެހިފައި އިންކަން އެ މޫނުން ފާޅުވެއެވެ. އަތުގައި އޮތް ފޮތް ލައްޕާލައި ހަރުގަނޑަށް ލާފަ ޒުކަން ހިނގައިގަތީ ދާރިއަންގެ ފަހަތުންނެވެ.

"ކާކު؟" ދޮރުގައި ޓަކި ދިން އަޑަށް ދާރިއަން އަހާލިއެވެ. އިބާ ފަހަތުން އައީކަމަށް އޭނާ ހީކުރިއެވެ. ނަމަވެސް އިވުނީ ޒުކަންގެ އަޑެވެ. ތަޅުލާފައި ހުރި ދޮރު ހުޅުވާލަދިނުމަށް ޒުކަން އެދުނެވެ.

"މަންމަ ދޯ ފޮނުވީ" ދޮރު ހުޅުވާލައި ކުރިމަތީ ހުރި ޒުކަންއަށް ދާރިއަން ބުނެލިއެވެ. ލުއި ހިނިތުންވުމެއް ޒުކަންގެ ތުންފަތަށް ވެރިވިއެވެ.

"މަންމަ އެބުނަނީ ބޮޑުކަމެއްކުރާކަށްނޫނެއްނު... ސާރާ ގޮވައިގެން އެހެންޏާ ވެސް ދާރިއަން އަންނަމެންނު" ޒުކަން އެތެރެއަށް ވަދެ ކޮޓަރީގެ ދޮރު ލައްޕާލިއެވެ.

"މެރީ ކުރާ ވާހަކަ މަންމަ ގާތު ބުނެބަލަ ނުދައްކާށޭ" ދާރިއަން ބުންޏެވެ.

(ނުނިމޭ)