މޯލްޑިވްސް ޕޮލިސް ސާވިސް

"ރިވެލި" އޮޕަރޭޝަން: ބަންދުގައި ތިބީ 19 މީހުން

އާ އަހަރާ ދިމާކޮށް، ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ހައްޔަރުކުރީ 65 މީހެއް ކަމަށާ އޭގެ ތެރެއިން މިހާރު ބަންދުގައި ތިބީ 19 މީހެއް ކަމަށް ފުލުހުން ބުނެފި އެވެ.

"ރިވެލި" ނަމުގައި ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން، ފުލުހުންގެ އިސް ތަރުޖަމާން އިޒްމިއްޔާ ޒާހިރު ވިދާޅުވީ އައު އަހަރާއި ގުޅިގެން ފުލުހުން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 65 މީހެއް ކަމަށެވެ.

ފުލުހުންގެ އޮޕަރޭޝަންގައި މީހުން ހައްޔަރުކޮށްފައިވާ މާލެ ސިޓީ، އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ގދ އަތޮޅު އަދި ށ އަތޮޅާއި ރ އަތޮޅުންނެވެ. މި އޮޕަރޭޝަންގައި އެންމެ ގިނަ މީހުން ހައްޔަރުކުރީ ފުވައްމުލަކުންނެވެ. ދެން މާލެ ސިޓީއާއި އައްޑޫ ސިޓީންނެވެ.

ފުލުހުން ހައްޔަރުކުރި މީހުންގެ އަދަދު

  • އައްޑޫ ސިޓީން 15 މީހުން
  • ފުވައްމުލަކު ސިޓީން 23 މީހުން
  • މާލެ ސިޓީން 19 މީހުން
  • ގދ އަތޮޅުން މީހެއް
  • ށ އަތޮޅުން 6 މީހުން
  • ރ އަތޮޅުން 1

ފުލުހުން ބުނީ އެ މީހުންގެ ތެރެއިން މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ 19 މީހެއް ކަމަށެވެ. އެގޮތުން މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ އައްޑޫ ސިޓީން ހައްޔަރުކުރި 15 މީހުންގެ ތެރެއިން 2 މީހަކާއި، ފުވައްމުލަކު ސިޓީން ހައްޔަރުކުރި 23 މީހުންގެ ތެރެއިން 5 މީހަކާއި، ގދ އަތޮޅުން ހައްޔަރުކުރި މީހާގެ އިތުރުން ށ އަތޮޅުން ހައްޔަރުކުރި 6 މީހުންގެ ތެރެެއިން 4 މީހުން ކަމަށެވެ.

ފުލުހުންގެ ބަންދުގައި މިހާރު ތިބި މީހުންގެ އަދަދު

  • އައްޑޫ ސިޓީން ހައްޔަރުކުރި 15 މީހުންގެ ތެރެއިން 2 މީހުން
  • ފުވައްމުލަކު ސިޓީން ހައްޔަރުކުރި 23 މީހުންގެ ތެރެއިން 5 މީހުން
  • މާލެ ސިޓީން ހައްޔަރުކުރި 19 މީހުންގެ ތެރެއިން 7 މީހުން
  • ގދ އަތޮޅުން ހައްޔަރުކުރި މީހާ
  • ށ އަތޮޅުން ހައްޔަރުކުރި 6 މީހުންގެ ތެރެއިން 4 މީހުން

ފުލުުހުން ބުނީ އައު އަހަރާ ދިމާކޮށް ފުލުހުންގެ ބަންދަށް 110 މީހުން ގެންގޮސްފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ފަތުރާފައިވަނީ ދޮގު ހަބަރެއް ކަމަށެވެ. އަދި ފުލުހުންގެ މަސައްކަތާއި ގުޅޭގޮތުން ހަގީގަތެއް ނެތް ވާހަކަތައް ނުފެތުރުމަށް އެދޭ ކަމަށެވެ.

އައު އަހަރާއި ދިމާކޮށް މުޅި ރާއްޖޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ފުލުހުން މިއަހަރުވެސް ވަނީ ހާއްސަ މަސައްކަތްތަކެއް ކޮށްފައެވެ. ވަކިން ހާއްސަކޮށް މަސްތުވާތަކެއްޗާއި އެ ނޫންވެސް ކުށްކުށައް އަރައިގަންނަ މީހުން ހުއްޓުވަން ފުލުހުން ވަނީ ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ.