ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދިނުމުން ނުފުދޭ ކަމަށާ ސިޓީއެއްގެ ދަރަޖަައާއެކު އަންނަން ޖެހޭ ތަރައްގީ ވަގުތުން ފެށުމަށް އިދިިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ގޮވާލައިފި އެވެ.
ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިކަމަށް ގޮވާލާފައިވަނީ ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ސަރުކާރުން ދިނުމާއި ގުޅިގެން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ކުޅުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ލިބުނީ ރަށުގެ ރައްޔިތުން ކުރި ބުރަ މަސައްކަތުން ކަމަށެވެ. އެ ރަށަކީ ތަރައްގީއަށް ލޯބިކުރާ ރައްޔިތުންތަކެއް ދިިރިއުޅޭ ރަށެއް ކަމަށާ ދިވެހި ގައުމުގެ މިނިވަންކަމުގެ ދިފާއުގައި އަބަދުވެސް ތެދުވާ، ގައުމުގެ މިނިވަންކަން ގެއްލުމުގެ ބިރު ހިީވާ ވަގުތުތަކުގައި ކުޅުދުއްފުށި ރައްޔިތުން ފާހަގަ ކުރެވެނީ އެންމެ ކުރީ ސަފަށް ނިކުމެ މަގުދައްކާ ބައެއްގެ ގޮތުގައި ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.
"ރައީސް ޔާމީން ކުޅުދުއްފުއްޓަށް ގެނެސްދެއްވި ތަރައްގީގެ މިސްރާބަކީ ފުއްދުންތެރި އަދި ވިޔަފާރީގެ މަރުކަޒަކަށް ކުޅުދުއްފުށި ހެއްދެވުން. އެ ތަސައްވުރު ޕީޕީއެމް އަދި ޕީއެންސީން އަބަދުވެސް ދަމަހައްޓާނެ ކަން މި ފުުރުސަތުގައިވެސް ކަށަވަރުކޮށްދެން." އިދިކޮޅުން ނެރުުނު ބަޔާނުގައިވެއެވެ.
ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދިނުމުން ނުފުދޭ ކަމަށާ ސިޓީއެއްގެ ދަރަޖަައާއެކު އަންނަން ޖެހޭ ތަރައްގީ ވަގުތުން ފެށުމަށްވެސް ވަނީ ގޮވާލާފައެވެ. އަދި ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތްތައް ފުރިހަމަކޮށް، ހަލުވި ސްޕީޑްގައި ކުރިއަށް ގެންގޮސް، ރައްޔިތުން އެދޭ ތަރައްގީ އަވަހަށް ފޯރުކޮށްދިނުމަށް އެ ކޯލިޝަނުން ވަނީ ގޮވާލާފައެވެ.
ކުޅުދުއްފުށި ސިޓީއަކަށް ބަދަލުކުރެއްވީ އިއްޔެއެވެ.
ކުޅުދުއްފުއްޓަކީ މިހާރުވެސް އިގްތިސާދީ ގިނަ މަސައްކަތްތަކެއް ހިނގާ އުތުރުގެ ވިޔަފާރީގެ މައި އެއް ރަށެވެ. އެ ރަށުގެ ރައްޔިތުންގެ ބޮޑެތި ވިޔަފާރިތައްވެސް ހިންގަމުންދާއިރު، ނިމިދިޔަ ސަރުކާރުން އަދި އޭގެ ކުރީ ސަރުކާރުންވެސް ވަނީ ތަރައްގީގެ މުހިންމު މަޝްރޫއުތައް ހިންގަވާފައެވެ.
ކުޅުދުއްފުށި، ސިޓީއެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ އެ ރަށުގެ ރައްޔިތުން އެ ރަށް ސިޓީއަކަށް ބަދަލުކުރުން ލަސްވެގެންދާތީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.
ކުޅުދުއްފުއްޓަކީ ސިޓީއެއް ކަމަށް ކަނޑައެޅުމާއެކު އަންނަ އަހަރުގެ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބުގައި ހަތަރު ސިޓީ ކައުންސިލެއް އިންތިހާބު ކުރާނެ އެވެ.