ބޮލީވުޑް

ރިތިކްގެ ޑިމާންޑް ބޮޑުވިޔަސް ކުޅޭނެ ފިލްމެއް ނުނިންމޭ!

ފާއިތުވީ އަހަރަކީ ރިތިކް ރޯޝަން އަށް ވަރަށް ކާމިޔާބު އަހަރެކެވެ. އޭނާގެ ވަރަށް މޮޅު އެކްޓިން އެއް ފެނިގެން ދިޔަ "ސުޕަ 30"އަށް ލިބުނު އާދަޔާޚިލާފު ކާމިޔާބަށްފަހު ރިތިކްގެ ކެރިއަރުގެ އެންމެ ރަނގަޅު ފިލްމު ވެސް ރިލީޒްވެފައި ވަނީ މިދިޔަ އަހަރު އެވެ. އެއީ ޓައިގާ ޝްރޮފް އާއި ރިތިކް އެކުގައި ކުޅުނު ޔާޝްރާޖް ފިލްމްސްގެ "ވޯ" އެވެ.

ބޮކްސް އޮފީހުގެ ގިނަ ރެކޯޑްތަކެއް މުގުރާ މުޅި އަހަރުގެ ވެސް އެންމެ ކާމިޔާބު ފިލްމަށް "ވޯ" ވަނީ ވެފަ އެވެ. ބޮޑު ކާމިޔާބުތަކަކާ އެކުރިތިކްގެ ޑިމާންޑް ވަރަށް ބޮޑަށް މައްޗަށް ދިޔަ ނަމަވެސް އެހާ އަވަހަށް ގިނަ ފިލްމުތަކެއްގައި ސޮއިކުރުމުގެ ވިސްނުމެއް ރިތިކްގެ ނެތެވެ. އޭގެ ބަދަލުގައި އޭނާ ވެސް މިހާރު ކުރިޔަށް ދާން ގަސްދުކުރަނީ ޝާހްރުކް ޚާން ކުރިޔަށްދާ ގޮތަށެވެ. އެހެންވެ މިހާރު އޭނާ ގެންދަނީ ފިލްމެއްގައި ސޮއިކުރުމުގެ ކުރިން ވަރަށް ގިނަ ސްކްރިޕްޓްތައް ކިޔައި ސޮއިކުރާނެ ޕްރޮޖެކްޓްތައް ފައިނަލް ކުރުމަށް ވިސްމުންނެވެ.

އެގޮތުން ވަރަށް ގިނަ ޑައިރެކްޓަރުންނާ ބައްދަލުކޮށް ވަރަށް ގިނަ ސްކްރިޕްޓްތައް ރިތިކް ދަނީ އަޑު އަހަމުންނެވެ. "ވޯ" އަށް ބޮކްސް އޮފީހުގައި ލިބުނު ބޮޑު ކާމިޔާބާއެކު ރިތިކްގެ ޒިންމާ އާއި ޕްރެޝަރު ވަނީ އިތުރުވެފަ އެވެ.

ރިތިކް މިހާރު ކުޅެމުންދާ އެއްވެސް ފިލްމެއް ނެތެވެ. އޭނާ ކުޅޭނެކަމަށް އިއުލާންކޮށްފައިވާ ފިލްމުތަކަކީ "ކްރިޝް 4" އާއި "ވޯ"ގެ ސީކުއަލް އެވެ. ނަމަވެސް މީގެ ތެރެއިން "ކްރިޝް 4" ފެށެން އަންނަނީ ފިލްމުގެ ޑައިރެކްޓަރު އަދި ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަންގެ ބަލި ފަސޭހަވީ ދުވަހަކުންނެވެ. ރާކޭޝް ރޯޝަން އަށް ކެންސަރު ޖެހިގެން އޭނާ ދަނީ އެ ބައްޔަށް ފަރުވާ ހޯދަމުންނެވެ. އަނެއްކޮޅުން "ވޯ" ސީކުއަލް އުފައްދާނެކަން އިއުލާން ކޮށްފައި ވިޔަސް ފިލްމު ފަށާ ދުވަހެއް އަދި ނޭނގެ އެވެ.