އޮފްބީޓް

އަޔަލެންޑް ސްކޫލެއްގައި ހޯމްވޯކްގެ ބަދަލުގައި ދަސްކޮށްދެނީ ހެޔޮކަންތައް

ސްކޫލަށް ދާން އެންމެ ފޫހިވާ ސަބަބަކީ ކޮބައިތޯ ކިޔަވާ ކުދިން ކައިރީ ސުވާލު ކޮށްފިނަމަ ގިނަ ކުދިން ބުނާނީ މާ ގިނައިން ހޯމްވޯކް ދޭތީ ކަމަށެވެ. ގޭގައި ހަދަންދޭ އިތުރު ހޯމްވޯކް ތަކަކީ ގިނަ ކުދިން އެހާ ގަޔާވާ އެއްޗަކަށް ނުވެ އެވެ. ކުދިން ބޭނުންވަނީ ގޭގައި ހޭދަކުރާ ވަގުތު އާއިލާއައެކު މަޖާކޮށްލާ ހިތްހަމަޖައްސާލާށެވެ.

އަޔަލެންޑްގެ އެލެމެންޓްރީ ސްކޫލެއްގައި ދާދިފަހުން ވަނީ ހޯމްވޯކްގެ ބަދަލުގައި ކުދިން ޝައުގުވެރިވާނެ އެހެން ކަމެއް ތައާރަފް ކޮށްފަ އެވެ. އަދި މިކަން ފެއްޓި ފަހުން ގިނަ ބަޔެއްގެ ތައުރީފު އެ ސްކޫލަށް ދަނީ ލިބެމުންނެވެ.

އެ ސްކޫލުން ވަނީ ހޯމްވޯކް ދިނުން އެއް މަސް ދުވަހަކަށް މުޅިން ހުއްޓާލާފަ އެވެ. އަދި އޭގެ ބަދަލުގައި ކުދިންނަށް ޖެހެނީ ރަނގަޅު ކަންތައްތައް އަމަލީގޮތުން ކުރާށެވެ. އެގޮތުން ޑިސެމްބަރު މަހު މި ސްކޫލްގެ ކުދިންނަށް ތަފާތު ރަނގަޅު ކަންތައްތައް ކުރަން ޖެއްސި އެވެ. އެގޮތުން ކޮންމެ ހަފުތާއެއްގައި ވެސް މި ކުދިންނަށް ތަފާތު ޓާސްކްތައް ފުރިހަމަ ކުރަން ޖެހެ އެވެ.
އެއްމަސް ދުވަހަށް ކަނޑައަޅާފައިވާ މި ޓާސްޓްތަކުގައިވާ ގޮތުން ހޯމަ ދުވަސްތައް އުމުރުން ދުވަސްވީ މީހުންނަށް އެހީވާ ދުވަސްތަކެއްގެ ގޮތުގަ އެވެ. އަންގާރަ ދުވަސްތަކުގައި ގޭގެ މަސައްކަތް އެހެން މީހަކު ނުބުނަނީސް އަމިއްލައަށް ފެނިގެން ކުރަން ޖެހެ އެވެ. ބުދަ ދުވަސްތައް އެއީ އެ ކުއްޖަކަށް ފެންނަ ރަނގަޅު ކަންތައްތައް ކުރަން އޮންނަ ދުވަސް ތަކެކެވެ. ބުރާސްފަތި ދުވަހަކީ އެ ކުއްޖާގެ އަމިއްލަ ނަފްސުގެ ދުޅަހެޔޮކަމަށާއި ސިކުނޑީގެ ސިއްހަތަށް ފައިދާ ހޯދުމަށް އެ ކުއްޖަކަށް ކުރަން ފެންނަ ކަންތައްތަކެއް ކުރަން އޮންނަ ދުވަސް ތަކެކެވެ.

ކުދިންނަށް ޖެހެނީ މި ޓާސްކްތަކުން އެކުދިންނަށް ތަޖުރިބާ ކުރެވުނު ކަންތައްތައް "ކައިންޑްނަސް ޑައިރީ"ގައި ލިޔާށެވެ. މީގެ އިތުރުން "ކައިންޑްނަސް ބަކެޓް" އެއް ވެސް ސްކޫލުގައި ބަހައްޓާފައި ހުރެ އެވެ. ކުދިންނަށް ޖެހެނީ އެކުދިންނާއެކު ސްކޫލްގައި އުޅޭ އެހެން ކުދިން ކުރާ ރަނގަޅު ޕޮޒިޓިވް ކަންތައް އޮބްޒާވްކޮށް އެކަންތައްތައް ކަރުދާސްގަނޑެއް ލިޔެފައި "ކައިންޑްނަސް ބަކެޓް" އަށް ލާށެވެ.

ކޮންމެ ހުކުރު ދުވަހު މި ބަކެޓުން ކަރުދާސްކޮޅުތައް ނަގައިގެން ހުރިހާ ކުދިންގެ ހާޒިރުގައި މި ކަރުދާސްކޮޅުގައިވާ ލިޔުން ކިޔުން އޮވެ އެވެ.

އެންމެ ފަހުން އޮންނަނީ ކުދިން ފުރިހަމަކުރަން ޖެހޭ "ސާވިސް ޕްރޮޖެކްޓެއް" ކުރިއަށް ގެންދިއުމެވެ. އެގޮތުން ހުރިހާ ކުދިން މަޝްވަރާކުރުމަށްފަހު ހުރިހާ ކުދިން ބައިވެރިވެގެން ކުރާ މުޖުތަމައަށް ފައިދާ ހުރި ކޮންމެވެސް ކަމެއް ކުރަންޖެހެ އެވެ.
މި ޚަބަރުގައިވާ ގޮތުން 2018 ގައި އަލަށް ފެށި މިކަންތަކަށް ލިބުނު ތަރުހީބުގެ ބޮޑުކަމުން 2019 ގައި ވެސް މި ގޮތަށް މި ސްކޫލްގައި ވަނީ މި ޕްރޮޖެކްޓް ކުރިޔަށް ގެންގޮސްފަ އެވެ.

މި ސްކޫލުން ބުނެފައިވަނީ މިކަން ކުރިއަށް ގެންދިއުމުގައި ސްކޫލުން ކުދިންނަށް ދޭން ބޭނުންވާ މެސެޖަކީ އެކުދިންގެ ސަބަބުން އެހެން މީހަކަށް ހިނިތުންވުމެއް ގެނެސްދެވިއްޖެނަމަ ދުނިޔެއަކީ މިހާރަށް ވުރެ އަމާން އޮމާން ތަނަކަށް ހެދިދާނެކަމުގެ މެސެޖެވެ.