އިންޑިއާ

އާ އަހަރުގެ ފުރަތަމަ ދުވަހު އެންމެ ގިނަ ކުދިން އުފަންވީ އިންޑިއާގައި

އާ އަހަރުގެ ފުރަތަމަ ދުވަހު އެންމެ ގިނަ ކުދިން އުފަންވީ ރެކޯޑް އިންޑިއާ އިން ގާއިމްކޮށްފި އެވެ.

ޔުނިސެފުން ނެރެފައިވާ މައުލޫމާތުތައް ބުނާ ގޮތުގައި އާ އަހަރު ދުވަހު ދުނިޔޭގެ ހުރިހާ ގައުމެއްގައި އެވްރެޖްކޮށް އުފަންވެފައިވާ 392،078 ކުދިންގެ ތެރެއިން 67،385 ކުދިން އުފަން ވެފައިވަނީ އިންޑިއާ ގައެވެ. ދެ ވަނަ އަށް އެންމެ ގިނަ ކުދިން އުފަންވީ ޗައިނާގަ އެވެ. އެއީ 46،299 ކުދިންނެވެ. ތިން ވަނަ 26،039 ކުދިންނާއެކު ނައިޖީރިޔާ އަށެވެ. ހަތަރު ވަނައިގައި އޮތީ 16،787 ކުދިން އުފަން ޕާކިސްތާނެވެ. ފަސް ވަނަ އިންޑޮނީޝިއާއަށް ލިބުނީ އެ ގައުމުގައި 13،020 ކުދިން އުފަން ވެފައި ވާތީ އެވެ. އެމެރިކާގައި 10،452 ކުދިން އުފަން ވެފައި ވެއެވެ. ބާކީ ހިއްސާކުރަނީ ދުނިޔޭގެ ދެން ހުރި ގައުމުތަކުންނެވެ.

ޔުނިސެފްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި 2020ގެ ފުރަތަމަ ކުއްޖާ އުފަން ވާނެކަމަށް ބެލެވެނީ ފިޖީގަ އެވެ. އެންމެ ފަހު ކުއްޖާ އެމެރިކާ ގައެވެ. އަހަރުގެ ފުރަތަމަ ދުވަހު އުފަންވާ ކުދިންގެ އުފަން ދުވަސް ދުނިޔޭގައި ވަރަށް ހާއްސަ ގޮތެއްގައި ފާހަގަ ކުރަމުން ދެއެވެ. ނަމަވެސް އެކި ހާލަތްތައް ދިމާވެގެން އުފަންވާތާ ގިނަ ދުވަސްތަކެއް ނުވެ ދުނިޔެއަށް އަލްވަދާއު ކިޔާ ކުދިން ވެސް ވަރަށް ގިނަ އެވެ.

އެގޮތުން 2018 ވަނަ އަހަރު، އުފަންވީތާ އެންމެ މަހެއް ތެރޭގައި މަރުވި ކުދިންގެ އަދަދު 2.5 މިލިއަނަށް އަރަ އެވެ. މީގެ ތެރެއިން ތިންބައިކުޅަ އެއްބައި ކުދިންނަކީ އުފަންވި ދުވަހު ދުނިޔެ ދޫކުރި ކުދިންނެވެ. މަރުވި ކުދިންގެ ތެރެއިން ގިނަ ކުދިންނަކީ ފުރާނަ ސަލާމަތް ކުރެވިދާނެ ފަދަ ހާލަތެއްގައި އުފަންވެ އެކަށީގެންވާ ފަރުވާ ނުދެވި މަރުވި ކުދިންނެވެ. އޭގެ ތެރޭގައި ދުވަސްނުފުރާ ވިހެއުން، ވިހެއުމުގެ ތެރޭގައި މައްސަލަތައް ދިމާވުން، ލޭ ވިހަވުން ފަދަ އިންފެކްޝަންތައް ހިމެނެ އެވެ. މައިމީހާގެ ބަނޑުތެރެއަށް މަރުވާ ފަހުން އުފަންވާ ކުދިންގެ އަދަދު ވެސް އަހަރަކު 2.5 މިލިއަނަށް އަރަ އެވެ.

ފާއިތުވީ 30 ވަރަކަށް އަހަރު ތެރޭގައި ދުނިޔޭގެ ކަންކޮޅުތަކުގައި މަރުވާ ފަސް އަހަރުން ދަށުގެ ކުދިންގެ އަދަދު ވަނީ ދެ ގުނަ ދަށް ކުރެވިފަ އެވެ. ނަމަވެސް އަލަށް އުފަންވާ ކުދިން މަރުވާ އަދަދު މަދުކުރެވިފައި ވަނީ މިއަށް ވުރެ މާ މަދުންނެވެ. އެގޮތުން 2018 ގައި މަރުވި ކުޑަކުދިންގެ ތެރެއިން 47 ޕަސެންޓަކީ އުފަންވީތާ އެންމެ މަހެއް ތެރޭގައި މަރުވެފައިވާ ކުދިންނެވެ.