އިންޑިއާގެ ބެޑްމިންޓަން ޗެމްޕިއަން ސައިނާ ނެހެވާލްގެ ހަޔާތުގެ މައްޗަށް ކުޅޭ ފިލްމުގެ ޝޫޓިން ވަރަށް އަވަހަށް މުމްބައިގެ ރަށްބޭރުގައި އޮންނަ ވަސާއީ ސަރަހައްދުގައި ފަށަން ތައްޔާރުވެފައިވާއިރު މި ފިލްމަށް ހާއްސަކޮށް މުމްބައިގެ އެކި ހިސާބުތަކުގައި 12 އަށް ވުރެ ގިނަ ސެޓު މިހާރު ވަނީ ތައްޔާރުކޮށްފަ އެވެ.
މިމީގެން ކޮންމެ ސެޓެއް ތައްޔާރުކޮށްފައިވަނީ އިންޑިއާގެ އެކި ކަންކޮޅުތަކުގައި ހުރި ބެޑްމިންޓަން ކޯޓުތައް އަދި ދުނިޔޭގެ އެކި ގައުމުތަކުގައި ސައިނާ އެކި މުބާރާތްތައް ކުޅުނު ބެޑްމިންޓަން ކޯޓުތައް ސިފަވާ ގޮތަށެވެ.
އަމިތު ރޭ އާއި ސުބްރާތާ ޗަކްރަވަތީ ޑިޒައިން ކޮށްފައިވާ މި ސެޓުތައް ހުންނާނީ ސައިނާ މެޗުތައް ކުޅުނު އަސްލު ބެޑްމިންޓަން ކޯޓުތަކާ އެއްވެސް ތަފާތެއް ނެތް ގޮތަށެވެ. މިކަމަށްޓަކައި ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ސެޓުތައް ފަރުމާކުރި ޓީމުން ވަނީ ބުނެފަ އެވެ.
ފިލްމަށް ކިޔާނެ ވަކި ނަމެއް އަދި ފައިނަލް ވެފައި ނެތް މި ފިލްމުގައި ސައިނާގެ ރޯލު އަދާކުރާ ޕަރިނީތީ ޗޯޕްޅާ މި ސެޓުތަކުގައި އޭނާގެ ބެޑްމިންޓަން ހުނަރު ވަރަށް ފުރިހަމައަށް ދައްކާލަން ވަނީ ހަމަޖެހިފަ އެވެ.
ސައިނާގެ ރޯލަށް ފިޓްވުމަށް ފާއިތުވީ އަށެއްކަ މަސް ދުވަހު ޕަރިނީތީ ވަނީ ވަރަށް ބުރަކޮށް މި ފިލްމަށްޓަކައި ތަމްރީނުތައް ހަދާފަ އެވެ. އަދި މި ތަމްރީނުތަކުގެ ތެރޭގައި ލިބުނު އަނިޔާއަކަށް ފަރުވާކުރުމަށް ޕަރިނީތީ ދުވަސްކޮޅަކު ޗުއްޓީގައި ހުރެ މިހާރު ވަނީ މުޅިން ފަސޭހަވެ ޝޫޓިން އަށް ތައްޔާރުވެފަ އެވެ.