ބޮލީވުޑް

ނެޓްފްލިކްސްގެ "ގޯސްޓް ސްޓޯރީޒް"ގައި ޖާންވީ ކަޕޫރު

Jan 4, 2020

"ލަސްޓް ސްޓޯރީޒް"ގެ ބޮޑު ކާމިޔާބަށްފަހު ބޮލީވުޑް ފިލްމުތައް އުފައްދާ ކަރަން ޖޯހަރް، ޒޯޔާ އަޚްތަރު، އަނުރާގު ކަޝޭޕް އަދި ދިބާކަރް ބެނާޖީ ގުޅިގެން "ގޯސްޓް ސްޓޯރީޒް"ގެ ނަމުގައި ބިރުވެރި ކުރު ފިލްމުތަކެއް އުފައްދަން ވަނީ ފަށާފަ އެވެ. މީގެ ތެރެއިން ޒޯޔާ އަހްތަރު ޑައިރެކްޓްކުރި ކުރު ފިލްމު ޖެނުއަރީ 1 އިން ފެށީގެން ނެޓްފްލިކްސް އިން ވަނީ ސްޓްރީމް ކުރަން ފަށާފަ އެވެ.

ޑައިރެކްޓަރު ޒޯޔާ އަހްތަރު އަށް 2019 އަކީ ވަރަށް ކާމިޔާބު އަހަރެކެވެ. އޭނާގެ "ގަލީ ބޯއީ" ބޮކްސް އޮފީހުގައި ވަރަށް ރަނގަޅު ކާމިޔާބެއް ހޯދިއިރު ވެބް ސީރީޒް "މޭޑް އިން ހެވަން" ވެސް ވަރަށް ކާމިޔާބެވެ. މިއީ ބިރުވެރި ފިލްމެއް ޒޯޔާ ޑައިރެކްޓްކުރާ ފުރަތަމަ ފަހަރެވެ. މި ފިލްމުގައި ޖާންވީ ކަޕޫރާއި ސުރޭކާ ސިކްރީ އަދި ވިޖޭ ވަރުމާ ލީޑް ރޯލުތައް ކުޅެފައި ވެއެވެ.
އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ޖާންވީ ވަނީ މި ފިލްމާ ބެހޭ ގޮތުން ވާހަކަ ދައްކާފަ އެވެ. ޖާންވީ ބުނީ ޒޯޔާ އާއެކު ފިލްމެއް ކުޅުމުގެ ފުރުސަތު ލިބުމަކީ ކުރެވުނު ވަރަށް ހިތްހަމަޖެހޭ ތަޖުރިބާއެއް ކަމަށެވެ. ޒޯޔާ އަކީ ވަރަށް އެނާޖީ ހުރި ކަމަށް ކަމޭ ހިތައިގެން މަސައްކަތްކުރާ ޑައިރެކްޓަރެއް ކަމަށެވެ.

ޑިޖިޓަލް ޕްލެޓްފޯމްގައި މަސައްކަތްކުރުމުގައި ޖާންވީގެ އެއްވެސް މައްސަލައެއް ނެތެވެ. އޭނާ މި ފިލްމުގެ މަސައްކަތް ނަގަނީ ފިލްމީ މަސައްކަތް ދަސްކުރަން ކުރާ ތަޖުރިބާ އެއްގެ ގޮތުގަ އެވެ. ގޯސްޓް ސްޓްރީޒްގެ ޒޯޔާ ހުށަހަޅައިދޭ ކުރު ފިލްމުގައި ޖާންވީ ކުޅެނީ ނަރުހެއްގެ ރޯލެވެ. ނަރުހެއްގެ ރޯލާއެކު ވަރަށް ޒަމާނީ ޖާންވީ އެއްވެސް މި ފިލްމުން ފެންނާނެ އެވެ.

ޖާންވީ ބުނީ ނަރުހެއްގެ ރޯލު ކުޅެން އެހާ އުނދަގޫ ނޫން ކަމަށެވެ. ނަމަވެސް ބިރުވެރި ފިލްމެއް ވީމަ އޭނާއަށް ބައެއް މަންޒަރުތައް ކުޅެން ކުޑަކޮށް އުނދަގޫވި އެވެ.

އޭނާ ބުނި ގޮތުގައި ކުޑައިރު އޭނާއަށް ބިރުވެރި ހާދިސާއަކާ ދިމާވެފައި ވެއެވެ. އެއީ ރައްޓެހި ކުއްޖެއްގެ ގެއަށް ސްލީޕްއޯވާ އަކަށް ގިނަ ކުދިންތަކެއް ގޮސް އުޅެނިކޮށް ހިނގި ހާދިސާ އެއް ކަމަށާއި އެރޭ އެމީހުން ބިރުވެރި ފިލްމެއް ބަލާފައި ނިދާފައި ތިބާ ކޮޓަރީގެ ބޮކިތައް ނިވިގެން އެންމެން ވަރަށް ބިރުގަތް ކަމަށެވެ.