ރެއާލް މެޑްރިޑް

ތަށި ނުލިބުމަކީ ނާކާމިޔާބެއް ނޫން: ޒިދާން

ތަށި ނުލިބުމަކީ ނާކާމިޔާބެއް ނޫން ކަމަށް ރެއާލް މެޑްރިޑްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނެފި އެވެ.

އާ އަހަރުގެ ފުރަތަމަ މެޗުގައި މިއަދު ގެޓާފޭ އާ ދެކޮޅަށް މިރޭ ނުކުންނަ މެޗުގެ ކުރިން ބޭއްވި ޕްރީ މެޗު ޕްރެސްގައި، މި އަހަރު ތަށި ހޯދުމާ ބެހޭގޮތުން ސުވާލު ކުރުމުން ޒިދާން ބުނީ ތަށި ނުލިބުމަކީ ނާކާމިޔާބެއް ނޫން ކަމަށެވެ.

މި އަހަރު، ހަތަރު ތައްޓެއް ހޯދުމުގެ ފުރުސަތު އެބައޮތެވެ. އެއީ އަންނަ ބުރާސްފަތި ދުވަހު ސައުދީ އަރަބިއްޔާގައި ފަށާ ސްޕެއިންގެ ސްޕަ ކަޕާއި، ސްޕެނިޝް ލީގްގެ، އަދި ސްޕެނިޝް ކަޕްގެ އިތުރުން ޗެމްޕިއަންސް ލީގެވެ.

ޒިދާން ބުނީ ނާކާމިޔާބަކީ މަސައްކަތް ނުކޮށް ތިބުން ކަމަށާއި އަދި މަސައްކަތަށް ދޭޏް ޖެހޭ 100 ޕަސަންޓް ނުދިނުން ކަމަށެވެ.

"އެންމެ މުހިންމު ކަމަކީ ދަނޑުމަތީގައި އަހަރެމެންގެ މެކްސިމަމް ދިނުން، އެއަށް ފަހު އަހަރެމެން ބަލަން ޖެހޭނީ," ޒިދާން ބުންޏެވެ. "ސްޕެނިޝް ލީގާއި ޗެމްޕިއަންސް ލީގަށް ދޭ ސަމާލުކަން އެހެން މުބާރާތްތަކަށް ނުދީ ނުތިބޭނަން,"

މި ސީޒަންގައި އަނިޔާގެ މައްސަލަތަކާ ހެދި އެންމެ ރަނގަޅު ކުޅުން ދެއްކުމުގައި ކާމިޔާބު ހޯދިފައި ނުވާ އެޑެން ހަޒާޑް އަށް އަނިޔާގެ ސަބަބުން ސްޕަ ކަޕް ގައި ނުކުޅެވޭނެ އެވެ.

ޒިދާން ބުނީ ސްޕަ ކަޕްގެ ފަހުން ހަޒާޑަށް ކުޅޭވޭނެ ކަމަށް އުންމީދު ކުރާ ކަމަށާއި މަޑުމަޑުން އޭނާ ކުޅުމުގެ ތެރެއަށް ނުކުންނާނެ ކަމަށެވެ.

ގެޓާފޭ އާއި ރެއާލް މެޑްރިޑް ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ 8:00 ގަ އެވެ.