ކުޅިވަރު

އިޓަލީގެ ލީގްގައި ރޮނާލްޑޯ ކުޅުމަކީ ރަނގަޅެއް: އިބްރަހިމޮވިޗް

ކްރިސްޓިއާނޯ ރޮނާލްޑޯ އިޓާލިއަން ލީގްގައި ކުޅުމަކީ ރަނގަޅެއް ކަމަށް އޭސީ މިލާންއަށް އަލުން އެނބުރި އައި ސްވިޑެންގެ ކުރީގެ ފޯވަޑް ޒްލަޓާން އިބްރޮހިމްވިޗް ބުނެފި އެވެ.

މިލާންގެ ކުޅުންތެރިޔެއްގެ ގޮތުގައި ދެ ވަނަ ފަހަރަށް އިބްރަހިމޮވިޗް ތައާރަފް ކުރުމަށް ބޭއްވި ހަފުލާގައި ވާހަކަ ދައްކަމުން އޭނާ ބުނީ މިލާންގައި އޭނާ އަށް އޮތް ޗެލެންޖުވެސް ބޮޑު ކަމަށެވެ. އުމުރުން 38 އަހަރުގެ ފޯވަޑް ބުނީ އޭނާގެ އުމުރުން 28 އަހަރުގައި ހުށަހެޅުނު އޮފާ ތަކަށް ވުރެ ގިނައި މިހާރު ހުށަހެޅުން ލިބުނު ކަމަށެވެ.

ސްވިޑެންގެ ޑެޔާން ކްލުސެވިސްކީ ދަނީ ޔުވެންޓަސްގެ ކޮންޓްރެކްޓްގައި ލޯން އުސޫލުން ޕާމާ އަށް ކުޅެމުންނެވެ. ސްވިޑެންގެ ކުރީގެ ކެޕްޓަން ބުނީ ކްލުސެވިސްކީ ބޮޑު ޓީމެއްގައި ހުރުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި އެ ފުރުސަތު ލިބެނީ ސްވިޑެންގެ މަދު ކުޅުންތެރިންނަށް ކަމަށެވެ.

"ރޮނާލްޑޯ އިޓަލީގައި ކުޅުމަކީ ރަނގަޅެއް، އަދި ވަރަށް މުހިންމުވެސް ކަމެއް."

މިލާން އިން އިބްރޮހިމްވިޗް އާއެކު ސޮއި ކުރީ މި ސީޒަންގެ ނިޔަލަށެވެ. ކުލަބުން ބޭނުންވެއްޖެނަމަ އެއަށް ފަހުވެސް އޭނާ ބެހެއްޓުމުގެ އިހްތިޔާރު އެބައޮތެވެ. އިބްރަހިމްވިޗް ބުނީ ކުރިއަށް އޮތް ހަ މަސްތެރޭގައި އެދެވޭ މަސައްކަތެއް ނުކުރެވޭނަމަ އޭނާ ޓީމުގައި ނުހުންނާނެ ކަމަށެވެ.

"އަހަންނަކީ އިބްރޮހިމްވިޗް ވެގެން މިތާ ހުންނާކަށް އަހަރެން ބޭނުމެއް ނޫން،" އޭނާ ބުންޏެވެ. "ކުރިން މި ކުލަބުގައި ކޮށްފައިވާ މަސައްކަތަކީ މިހާރު ގުނޭނެ އެއްޗެއް ނޫން، އަހަރެން ޖެހޭނެ އަހަރެންގެ އަމިއްލަ ނަފުސައްވެސް ސާބިތު ކޮށެދޭން އަހަންނަށް ގިނަ ކަންކަމެއް އަދިވެސް ކުރެވިދާ ދާނެކަން، އެ ޗެލެންޖު އޮތީ އަހަންނަށް."

އެމެރިކާގެ ޑީސީ ޔުނައިޓަޑަށް ކުޅުމަށް ފަހު، އިބްރަހިމޮވިޗް އޭސީ މިލާން އަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. ޔޫރޯ 2016 އަށް ފަހު އޭނާ ވަނީ ސްވިޑެންގެ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފަ އެވެ.