ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް އަންނަ ކުރިއެރުންތަކުގެ އަސްލަކީ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކުރައްވަމުން ގެންދާ މަސައްކަތްތައް ކަމަށް ގެސްޓުހައުސް އެސޯސިއޭޝަންސް އޮފް މޯލްޑިވްސް (ގޭމް)އިން ބުނެފި އެވެ.
ޓޫރިޒަމް އެމްޕްލޯއިމަންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) އިން އަމިއްލަ މަަންފާ ހާސިލްކުރުމަށް ޑިމާންޑްތަކެއް ކުރައްވާ ކަމަށް ވިދާޅުވެ، އަލީ ވަހީދު ކުރެއްވި ޓުވީޓަކާ ގުޅިގެން ގޭމް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ލިބެންޖެހޭ ހައްގުތައް ހޯދައިދީ އަދި އެ ދައިރާގައި ހުރި މައްސަލަތަކަށް ދާއިމީ ހައްލު ހޯދުމަށް ޓޫރިޒަމް މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށެވެ.
".....ޓުއަރިޒަމް ދާއިރާއަށް އަންނަމުންދާ ކުރިއެރުންތަކަކީ މިއަދުގެ ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއި، އެސިޔާސަތުތައް ތަންފީޒް ކުރުމުގައި ރެއާއި ދުވާލު ވަރު ބަލިކަމެއްނެތި މަސައްކަތް ކުރަމުންދާ ޓުއަރިޒަމް މިނިސްޓަރަށް ނުހަނު އިހުލާސްތެރި ޝުކުރެއް ދަންނަވަން. އަދި އެ މަސައްކަތުގައި އެއްބާރުލުންދޭނެ އެސޯސިއޭޝަނެއްގެ ގޮތުގައި ސާބިތުވެ ތިބޭނަން." ބަޔާނުގައި ބުނެފައިވެ އެވެ.
ގޭމް އިން މިހެން ބުނެފައިވާއިރު، އަލީ ވަހީދު ވަނީ ފަތުރުވެރިކަމުގެ ދާއިރާގައި ހުރިހާ މައްސަލައެއް ޖެހެނީ ޓީމްގެ ސަބަބުން ކަމަށްވިދާޅުވެ، ތުހުމަތު ތަކެއް ކުރައްވާފަ އެވެ. އެގޮތުން ރިސޯޓު މެނޭޖްމަންޓުން އެ ރިސޯޓެއްގެ ކޮންމެ މުވައްޒަފަކަށް 6.50 ޑޮލަރު (100 ރުފިޔާ) ދިނުމަށް އެދި މިނިސްޓްރީގެ ސިޓީއަކަށް ޓީމުން އެދިފައިވާ ކަމަށާއި އެ ސިޓީ ނުދެއްވާނެ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
މިނިސްޓަރުގެ މި ވާހަކަތަކަށް ރައްދު ދީ ޓިމުން ކޮށްފައިވާ ޓްވީޓެއްގައި ބުނީ ޖަޒުބާތުގައި ޖެހިގެން މިނިސްޓަރަަކަށް ހުންނެވި ބޭފުޅެއް އެފަދަ އިތުރުފުޅެއް ހެއްދެވުމަކީ ހިތާމަ ކުރާ ކަމެއް ކަމަށެވެ. އަދި އެފަދަ ކަމަކަށް ޓީމުން އެދިފައިވާ ނަމަ ހެކި ދެއްކުމަށް ވެސް ވަނީ އެދިފަ އެވެ. އަދި މިނިސްޓަރު މި ދާއިރާއަށް މާ ބޮޑަށް ޅަ ކަމަށްވެސް ޓީމުން ވަނީ ބުނެފަ އެވެ.
ޓީމުގެ މި ވާހަކަތައް ކުށްވެރިކޮށް، ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ ގިނަ ޖަމިއްޔާތަކުން މިހާތަނަށް ބަޔާންތައް ނެރެފައިވެ އެވެ.