ހޮލީވުޑް

ބެނެޑިކްޓް ކަމްބަބެޗްގެ ފޭނެއްތަ؟

ސިނަމާގެ ދުނިޔޭގައި އިނގިރޭސި އެކްޓަރު ބެނެޑިކްޓް ކަމްބަބެޗް މި ވަނީ ޔަގީނަށް ވެސް ބޮންތިއަށް އަރައިފަ އެވެ. އޭނާ ފަތަހަކޮށްފައި މި ވަނީ ބޮޑު ސްކްރީނު އެކަންޏެއް ވެސް ނޫނެވެ. "ޝާލޮކް ހޯމްސް" ގެ ގޮތުގައި ޓީވީގެ ބެލުންތެރިންގެ ހިތް ވެސް އޭނާ ވަނީ ފަތަހަކޮށްފަ އެވެ.

އެހެންވީމަ ކޮންމެ ރޯލަކުން މި އެކްޓަރު ބެލުންތެރިންނާ ބައްދަލުކުރިޔަސް އޭނާ ދަނީ ބެލުންތެރިންގެ ހިތްތައް އަތުލަމުންނެވެ. އެންމެފަހުން ކުޅުނު ފިލްމު "އިމިޓޭޝަން ގޭމް" އަކީ އޭނާ އަށް ކުރިއަށް އޮތް އޮސްކާގެ އެންމެ މޮޅު އެކްޓަރުގެ ރޭހުގެ ދޮރު ހުޅުވާލަދޭނެ ފިލްމެއްކަން ޔަގީނެވެ.

އެހެންވީމަ، މި ކާމިޔާބު އެކްޓަރާ ބެހޭ ގޮތުން އެނގެނީ ކިހާ ވަރަކަށް ހެއްޔެވެ؟

އޭނާގެ މަންމަ އާއި ބައްޕަ އަކީ ވެސް ދެ އެކްޓަރުންނެވެ. ބެލުންތެރިންގެ މެދުގައި ކަމްބާބެޗް މަޝްހޫރު މޫނަކަށް ބަދަލުކޮށްލީ ޓީވީ ޑްރާމާ "ޝާލޮކް" އެވެ. މި ޝޯ 2010 ވަނަ އަހަރު ފެށުމާ އެކު އޭނާގެ ހުނަރުވެރިކަމާ އެކު އެތައް ބަޔަކު ވަނީ އޭނާގެ ފޭނުންނަށް ބަދަލުވެފަ އެވެ.

އެކްޓަރެއްގެ ގޮތުގައި ހުނަރުގެ ގޮތުން މޮޅު ކަމަކީ އޭނާގެ ހާއްސަ ސިފަތަކުގެ ތެރެއިން އަދި އެންމެ ސިފަ އެކެވެ. އޭނާގެ ގަދަފަދަ އަޑަކީ އަނެއް ސިފަ އެވެ. އަންހެން ކުދިން ބުނާ ގޮތުން އޭނާގެ "ތޫނު-ޗީކްބޯން" އަކީ އަނެއް ސިފަ އެވެ.

ކޮންމެއަކަސް އޭނާ އަށް ހިތްކިޔައިގެން އުޅޭ އަންހެން ކުދިންނަކަށް ފުރުސަތެއް އޮތް ކަމަކަށް ނުދައްކަ އެވެ. މިދިޔަ އަހަރު އޭނާ ވަނީ ތިއޭޓާ ޑައިރެކްޓަރެއް ކަމުގައިވާ ސޯފީ ހަންޓާއާ ކައިވެނިކުރަން އެންގޭޖުވެފަ އެވެ.

ވަރަށް ފަހަކާ ޖެހެން ދެން މި އެކްޓަރު ފެނިފައި ވަނީ ބޮޑެތި ފިލްމުތަކުގެ އާދައިގެ ރޯލުތަކުންނެވެ.

އެގޮތުން "އެޓޯންމެންޓް" އާއި "ތިންކާ ޓެއިލާ ސޯލްޖާ ސްޕައި" އަދި ސްޓީވެން ސްޕީލްބާގްގެ "ވާ ހޯސް" ފަދަ ފިލްމުތައް ފާހަގަކޮށްލެވެ އެވެ. މި ފިލްމުތަކުގައި އޭނާ އުޅުނަސް އޭނާގެ މިހާރުގެ ގިނަ ފޭނުންނަކަށް އޭރަކު އޭނާ ފާހަގައެއް ވެސް ނުކުރެވެ އެވެ.

ހޮލީވުޑްގެ ފޭނުންގެ ތެރެއަށް އޭނާ ބޮޑަށް ތައާރަފްކޮށް ދިން ފިލްމަކީ ޖޭޖޭ އެބްރަމްސްގެ "ސްޓާ ޓްރެކް" އެވެ. އޭގެ ފަހުން "12 އިޔާސް އަ ސްލޭވް" އާއި "ފިފްޓް އެސްޓޭޓް" އަކީ ވެސް އޭނާގެ ފާހަގަކޮށްލެވޭ ދެ ފިލްމެވެ. "ފިފްތު އެސްޓޭޓް" ގައި އޭނާ ކުޅެފައި ވަނީ ވިކިލީކްސްގެ ފައުންޑާ ޖޫލިއާން އަސާންޖުގެ ރޯލެވެ.

ހަގީގަތުގައި ބުނަން ޖެހެނީ، ފިލްމު ސްޓާރެއްގެ ގޮތުގައި އޭނާ ހޯދާފައިވާ މަޝްހޫރު ކަމަށް ވުރެ ބޮޑު މަޝްހޫރުކަމެއް ލިބިފައި ވަނީ ނެރޭޓާއެއްގެ ގޮތުގައި ކަމަށެވެ. އޭނާގެ އަޑު، އޭނާ އަށް ވުރެ ވެސް މަޝްހޫރެވެ.

ކަމްބާބެޗަކީ ނެޝެނަލް ޖިއޮގްރެފިކާއި ޑިސްކަވަރީ ޗެނަލްގެ އެތައް ޑޮކިއުމެންޓްރީއަކަށް އަޑު އަޅައިދީފައިވާ ކުޅަދާނަ ފަރާތެކެވެ. "ކެސަނޯވާ" އާއި "ދަ ޓެމްޕެސްޓް" އަދި "ޝާލޮކް" ފަދަ މަޝްހޫރު ވާހަކަތަކުގެ އޯޑިއޯފޮތްތަކަށް ވެސް އޭނާ އަޑު އަޅައިދީފައިވެ އެވެ. މީގެ އިތުރުން ޓީވީ އިޝްތިހާރުތަކުގައި ވެސް އޭނާގެ އަޑަކީ އާންމު އަޑެކެވެ.

ސިނަމާގެ ދުނިޔޭގައި ވެސް ކަމްބާބެޗް ފާހަގަކޮށްލެވެނީ އެހެން އެކްޓަރުންނަށް ވުރެ ތަފާތު އެކްޓަރެއްގެ ގޮތުގަ އެވެ. ބޮޑު ސްކްރީނުގައި ވެސް އޭނާ އަށް ހާއްސަ ސިފަތަކެއް ލިބިފައިވެ އެވެ. މިސާލަކަށް އޭނާ ކުޅޭ ރޯލުތަކަކީ އަބަދުވެސް ވަރަށް އިންޓެލިޖެންޓް، ވަރަށް ހައި ޕްރޮފައިލް ރޯލުތަކެއްކަން ފާހަގަކޮށްލެވެ އެވެ.

މިސާލަކަށް ޓީވީ ޑްރާމާ އިން ފެށިޔަސް، އެއޮތީ ޝާކޮލް ހޯމްސް އެވެ. މުނިފޫހިފިލުވުމުގެ ދުނިޔެ ދުށް އެންމެ ބުއްދިވެރި ޑިޓެކްޓިވް އަކީ ޝާލޮކް އެވެ. އެންމެފަހުން ކުޅުނު ފިލްމު ރޯލުގައި އޭނާ ތަމްސީލުކޮށްފައި ވަނީ ނާޒީ ޖަރުމަނުގެ މަޝްހޫރު އެނިގްމާ ކޯޑްތައް ފަޅާލި ކޮމްޕިއުޓާ ސައިންސްވެރިޔާ އެލެން ޓާނިންގެ ކެރެކްޓާ އެވެ.

ހިޔާލީ ދުނިޔެއަށް ޖެހިލިޔަސް އޭނާ ފެންނަނީ އެންމެ ބާރުގަދަ ކެރެކްޓާސްތަކުގެ ގޮތުގަ އެވެ. "ދަ ހޮބިޓް" ގައި އޭނާ އަކީ ޑްރެގަން ސްމަގް އެވެ.

އަނެއްކާ ކުރިއަށް އޮތީ ވެސް ހަމަ މިހާ ވަރުގަދަ ރޯލެކެވެ. އޭނާ އަކީ މާވެލްގެ ކުރިއަށް އޮތް ސުޕަހީރޯ ފިލްމު "ޑޮކްޓަ ސްޓްރޭޖް" ގައި ޑޮކްޓަ ސްޓްރޭންޖެވެ. މި ފިލްމު ނުކުންނާނީ އަންނަ އަހަރު އެވެ. 2016 ވަނަ އަހަރު އެވެ.