އައިޝަތު ނަހުލާ

ޓްރާސްޕޯޓް އޮތޯރިޓީ ވަރަށް ރަނގަޅަށް އޯވާހޯލް ކުރަންޖެހޭ: ނަހުލާ

ޓްރާސްޕޯޓް އޮތޯރިޓީއަކީ ވަރަށް ގޮންޖެހުން ބޮޑު އިދާރާއެއް ކަމަށާ އެ އިދާރާ ވަނީ ވަރަށް ރަނގަޅަށް "އޯވާހޯލް" ކުރަން ޖެހިފައި ކަމަށް ޓްރާސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގައި ރަނގަޅަށް މަސައްކަތް ކުރާ މުވައްޒަފުންނަށްވުރެ ގިނައީ ފެންވަރު ދަށް، ދެރަވަރުގައި މަސައްކަތް ކުރާ މުވައްޒަފުން ކަމަށާއި، އެކަން ހައްލު ކުރަން ކިތަންމެ ގިނަ ބަޔަކަށް ފިޔަވަޅު އަޅަން ޖެހުނަސް ފަސް ޖެހިވަޑައި ނުގަންނަވާނެ ކަމަށް މީގެ ކުރިންވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. އެ ވާހަކަަތަކަށް ބައެއް ފަރާތްތަކުން ފާޑުކީނަމަވެސް ގިނަ ބަޔަކު ވަނީ މިނިސްޓަރުގެ އެ ހިތްވަރަށް ތައުރީފު ކޮށްފައެވެ.

ޓްރާންސްޕޯޓް މިނިސްޓްރީއަކީ ވަރަށް ބޮޑަށް ރަނގަޅު ކުރަން ޖެހިފައިވާ ތަނެއް ކަމާއި އެ ތަނުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ދަށްވެފައި ލަސްކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.

ނިމިދިޔަ އަހަރު ކުރެވުނު މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ ޓްރާސްޕޯޓް މިނިސްޓްރީ ނުވަތަ ޓްރާސްޕޯޓް އޮތޯރިޓީއަކީ ރައްޔިތުންގެ ވަރަށް ޝަކުވާ ބޮޑު އިދާރާއެއް ކަމަށެވެ. އެއީ އިންތިހާއަށް ގޮންޖެހުން ބޮޑު ތަނެއްކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ ޓްރާސްޕޯޓް އޮތޯރިޓީ އޮތީ ވަރަށް ބޮޑަށް "އޯވާހޯލް" ކުރަން ޖެހިފައި ކަމަށެވެ.

"ޓްރާސްޕޯޓް އޮތޯރިޓީއަކީ ވަރަށް ގޮންޖެހުން ބޮޑު ތަނެއް. ހަގީގަތުގައި ވަރަށް މައްސަލަތައް ބޮޑު، ވަރަށް ރަނގަޅަށް 'އޯވާހޯލް' ކުރަން ޖެހިފައިވާ ބޮޑީ އެކޭ އަޅުގަނޑު ދަންނަވާނީ އިނގޭތޯ. ބައިވަރު ރައްޔިތުންގެ ޝަކުވާތަކެއް، އެތައް ބަޔަކާ ގުޅިފައިވާ ހިދުމަތްތަކެއް އަޅުގަނޑުމެން ދެމުން ގެންދާ ތަނެއް." މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ގޮންޖެހުންތަކާއެކުވެސް މިދިޔަ އަހަރު ދުވަހުގެ ތެރޭގައި ހެޔޮ ބަދަލުތަކެއް ގެނެވިފައިވާ ކަަމަށެވެ. އަދި ރައްޔިތުންނަށް ފަސޭހައިން ހިދުމަތް ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ.

ޓްރާސްޕޯޓް މިނިސްޓްރީގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށް ދިނުމުގައި ފަރުވާ ކުޑަކުރާ ކޮންމެ މުވައްޒަފަކަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ މީގެ ކުރިންވެސް ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ނަހުލާ ވިދާޅުވީ އެއްވެސް ރައްޔިތަކާމެދު ނިކަމެތިކޮށް އަމަލުކުރާ ތަން ފެނުމަކީ ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށެވެ. ވަކިން ޚާއްސަކޮށް ޓްރާންސްޕޯޓް މިނިސްޓްރީން ނުވަތަ އެ މިނިސްޓްރީގެ ދަށުން ހިންގާ އެއްވެސް އިދާރާއަކުން ޚިދުމަތް ހޯދަން ދާ ރައްޔިތަކާމެދު ނިކަމެތިކޮށް ކަންކަން ކޮށްފިނަމަ އެއީ ކޮންމެ މުވައްޒަފަކަށް ވިޔަސް އެކަމަނާ މަގާމުގައި ހުންނެވިހާ ދުވަހަކު ފިޔަވަޅު އަޅުއްވަމުން ގެންދަވާނެ ކަމަށެވެ.

"... ޓްރާންސްޕޯޓް މިނިސްޓަރެއްގެ ހައިސިއްޔަތުން އަޅުގަނޑުމެންގެ ޚިދުމަތް ހޯދަން އަންނަ ރައްޔިތުމީހާ މެދު ނިކަމަތިކޮށް އަމަލުކުރާ ތަން ފެނުމަކީ އަޅުގަނޑު ގަބޫލު ކުރާނެ ކަމެއް ނޫން. އެގޮތަށް އަމަލުކުރެވޭ ނުވަތަ ޚިދުމަތްދެވޭ ނޫނީ ދަށް ފެންވަރުގައި ޚިދުމަތްދޭ ކޮންމެ ފަރާތަކާމެދު އަޅުގަނޑު މި މަގާމުގައި ހުރިހާ ދުވަހަކު ފިޔަވަޅު އަޅާނެ ވާހަކަ ދަންނަވަން. ސަބަބަކީ އަޅުގަނޑަކީ ވެސް ރައްޔިތުންގެ ހާދިމެއް. އަޅުގަނޑުގެ ވެރިންނަކީ ރައްޔިތުން." ނަހުލާ ވިދާޅުވި އެވެ.

ނަހުލާ ވިދާޅުވީ އުސޫލުތަކުން މަސައްކަތް ކުރާ އެއްވެސް މުވައްޒިފަކަށް ބިރެއް ނެތެވެ. އަދި އެއްވެސް މުވައްޒިފަކާ މެދު އިންސާފުން ބޭރުން ފިޔަވަޅެއް އަޅުއްވާނެ ނުވާނެ ކަމަށާ އެފަދައިން ފިޔަވަޅެއް ނުވެސް އަޅުއްވާނެ ކަމަށެވެ.