ހަބަރު

ފީނަން ފޭބި ޒުވާން މަސްވެރިއަކު ޑީކޯ ވެގެން ފަރުވާދޭން ފަށައިފި

ގދ. ކޮނޮއްޓާ ރިސޯޓް ކައިރިއަށް ފީނަން ފޭބި ޒުވާން މަސްވެރިއަކު ޑީކޯވެގެން ފަރުވާ ދޭން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ، ކޮނޮއްޓާ ރިސޯޓް ކައިރީގައި މަސްވެރިކަން ކުރަން އުޅުނު "ހުދު ހުދު" ނަމަކަށް ކިޔާ ދޯންޏަކުން ފީނަން ފޭބި 26 އަހަރުގެ ޒުވާނަކު ޑީކޯވެގެން އެކަމުގެ ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޯސްޓްގާޑުގެ ސޮކްޑްރަންގެ އެހީތެރިކަމާއެކު، ސީއެމްބިއުލާންސްގައި މިރޭ 6:10 ހާއިރު އެމީހާ ތިނަދޫ ހޮސްޕިޓަލަށް ގެންގޮސްދީފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ، އެ ޒުވާނާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ ފުޅި އަޅައިގެން ފީނުމަށްފަހު ކުއްލިއަކަށް އަތުގައި ރިއްސައިގެން އަވަސްފަރުވާއަށް އެދުމުން ކަމަށެވެ.

އެމްއެންޑީއެފުން ކުރި ޓުވީޓް

އެމްއެންޑީއެފުން ޑީކޯވި ޒުވާނާއަށް އެހީތެރިކަން ފޯރުކޮށްދީފައިވާ އިރު، އެމްއެންޑީއެފުން ގެންދަނީ ބ، އަތޮޅުގައި ޑިންޑީއަކާއި، ލޯންޗެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ގެއްލުނު މީހަކު ހޯދަން ބޮޑު އޮޕަރޭޝަނެއްވެސް ހިންގަމުން ނެވެ.

ފީނަން އުޅުމުގެ ތެރޭގައި މަސްވެރިން ޑީކޯވުމަކީ މިފަހުން ވަރަށް ގިނައިން ދިމާވާ ހާދިސާތަކެކެވެ. ގިނަ ފަހަރު އެކަހަލަ ހާދިސާތަކަށް ދިމާވަނީ، ފީނުމުގެ ތަމްރީނުތައް ނަހަދާ ފީނަން ފައިބާ ފަރާތްތަކާއި، ރަނގަޅު އާލަތްތައް ނުގެންގުޅޭ ފަރާތްތަކަށެވެ. އެކަންކަމަށް ސަމާލުކަންދޭން ކަމާއިބެހޭ ފަރާތްތަކުން އަންނަނީ އަބަދުވެސް އިރުޝާދު ދެމުންނެވެ.