ހަބަރު

11 މީހުންނާއެކު ދަތުރުކުރި ދެ ޑިންގީއެއް ދިޔަވުމުން އެހީތެރިވެއްޖެ

ގދ.ހައުޑިގަލާއަށް ދަތުރު ދިއުމަށްފަހު އެ އަތޮޅު ތިނަދޫއަށް ދަތުރުކުރި ދެ ޑިންގީއަކަށް ދިޔަވާތީ އެމްއެންޑީއެފް ސަދަން އޭރިއާ އިން އެހީތެރިކަންފޯރުކޮށްދީފި އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

އެމްއެންޑީއެފް އިން ބުނީ ހައުޑިގަލާއިން ތިނަދޫއަށް ދަތުރުކުރި ދެ ޑިންގީއަކަށް ދިޔަވާ ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު 15:58 ހާއިރު ކަމަށެވެ. މިއީ ހައުޑިގަލާ އަށް ދަތުރުދިޔަ ބަޔަކު ގޮވައިގެން ދަތުރުކުރި ދެ ޑިންގީ ކަމަށްވެސް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.

ހައުޑިގަލާއަށް ދަތުރުދިޔަ ދެޑިންގީގެ ތެރޭގައި ހިމެނެނީ ހަ މީހުންނާއެކު ދަތުރުކުރި "ރަންދިޔެ" ނަމަކަށް ކިޔާ ޑިންގީއަކާއި އަދި ފަސް މީހުންނާއެ ދަތުރުކުރި "ކުރި" ނަމަކަށް ކިޔާ ޑިންގީއެކެވެ. މި ދެ ޑިންގީގައި ތިބި ޖުމުލަ 11 މީހަކު، ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ އެހީތެރިކަމާއެކު ވަނީ މިއަދު 17:15 ހާއިރު ތިނަދޫއަށް ގެންގޮސްދީފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފަ އެވެ.

މި ދުވަސް ވަރަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވިއްސާރަވެ ކަނޑުގަދަވެފައިވާ ދުވަސްވަރަކަށްވުމާއެކު ކަނޑުދަތުރުކުރުމުގައި ސަމާލުކަންދިނުމަށް އެމްއެންޑީއެފް އިން ވަނީ އިލްތިމާސްކޮށްފަ އެވެ.