"ސައިނަސް ހުރުން" މިއީ ވަރަށް އާންމުކޮށް ދިވެހިންގެ މެދުގައި ބޭނުން ކުރެވޭ އިބާރާތެކެވެ. އާންމުކޮށް މި އިބާރާތް ބެނުން ކުރެވެނީ ސައިނަސްގައި މައްސަލައެއް ހުރުމަށް ނުވަތަ ސައިންސް ދުޅަވުމަށް ނިސްބަތް ކޮށެވެ
ސައިނަސްއަކީ ކޮންމެ މީހެއްގެ ވެސް ނޭފަތާއި ލޯ ވަށައިގެންވާ ސަރަހައްދުގެ މޫނުގެ ކަށިގަނޑުގައި ހެދިފައިވާ ހޮއިތަކެކެވެ. ސައިނަސްއަކީ މޫނުގެ މި ސަރަހައްދުތަކުގައި އެކުލެވިގެންވާ ވައި ކޮތަޅުތަކެކޭ ބުނެވިދާނެ އެވެ. ސައިނަސައިޓިސް އަކީ ކޮންމެވެސް ސަބަބަކާހުރެ މި ވައި ކޮތަޅުތަކުގެ ވަށައިގެންވާ ތެތް ދުލިފަށަލަ ދުޅަވުމެވެ. އެހެނީ ސައިނަސް ބްލޮކް ވުމުގެ ސަބަބުން އާންމުކޮށް ސައިނަސްގައި އުފެދޭ ދިޔަތައް ނޭފަތުގެ ތެރެއަށް ފޭބުމަށް ހުރަސް އެޅި، އޭގެ ސަބަބުން ސައިނަސްގައި ޕްރެޝަރު ބޮޑުވެ އިތުރު އުނދަގޫތައް ކުރިމަތި ކުރުވަ އެވެ.
ސައިނަސައިޓިސްގެ އަލާމާތްތައް
މޫނުގައި ރިހޭ ސަރަހައްދު ބިނާވަނީ އިންފެކްޝަން ޖެހިފައިވާ ސައިނަސްގެ މައްޗަށެވެ. އަދި ސައިނަސައިޓިސްގައި މޫނުގައި ރިހޭ ރިހުން ކުރިއަށް ލެބުމުން، އެހެނީ ސަޖިދައަށް އަދި ރުކޫއަށް ދާއިރު ރިހުން އިތުރުވުން އެކަށީގެން ވެއެވެ.
- ނޭފަތް ފުރިފައި ހުންނަހެން ހީވުން
- ނޭފަތުން ފެން / ރީނދޫ ނުވަތަ ފެހި ކުަލައިގެ އަރިދަފުން ފޭބުން
- ބޮލުގައި ރިހުން
- ދަތުގައި ރިއްސުން (ހާއްސަކޮށް މަތީ ދަތްޕިލައިގަ)
- ހުން އައުން
- ނޭވާލާ އިރު ނުބައި ވަހެއް ހުރުން
- ނޭފަތުން ވަސް ނުދުވުން
- ސައިނަސް ދުޅަވުމަށް މެދުވެރިކުރުވާ ސަބަބުތައް
ސައިނަސް ދުޅަވުމަށް މެދުވެރިކުރުވާ އެންމެ އާންމު އެއް ގޮތަކީ އަރިދަފުސް ރޯގާ ޖެހުމަށްފަހު ސައިނަސައިޓިސް އަށް ބަދަލުވުމެވެ. އާންމުކޮށް ސައިންސް ދުޅަވުމަށް މެދުވެރި ކުރުވަނީ ވައިރަހެއްގެ ސަބަބުން ޖެހޭ އިންފެކްޝަނެކެވެ. ނަމަވެސް ބެކްޓީރިއާ އަދި މަދު ހާލަތްތަކުގައި ފަންގަހުގެ ބާވަތްތަކުގެ ސަބަބުންވެސް ސައިނަސައިޓިސް މެދުވެރިވެދާނެ އެވެ. ސައިނަސް ދުޅަވުމުގެ ފުރުސަތުތައް އިތުރުކޮށްދޭ ކަންތައްތަކެއް ހުރެ އެވެ.
- އެލާޖީސް ހުރުން
- އެސްމާ ހުރުން
- ނޭފަތުގައި ޕޮލީޕްއެއް އުފެދުން
- ދުންފަތުގެ އިސްތިއުމާލު ކުރުން
- ދިފާއީ ނިޒާމް ބަލިކަށިވުން
- ވަށައިގެންވާ މާހައުލު މާ ބޮޑަށް ފިނިވުން
- ވަށައިގެންވާ މާހައުލުގެ ޖައްވު ނުސާފުވުން
- ވަށައިގެންވަ މާހައުލުގެ ޕްރެޝަރު ބަދަލުވުން (ގިނައިން ވައިގެ ދަތުރު ކުރާ ފަރާތްތަކާއި ފީނާ މީހުން)
ފަރުވާ
ސައިނަސް ދުޅަވުމުން ދެވޭ ފަރުވާ ބިނާ ވާނީ ބަލީގެ ކުޑަ ބޮޑު މިނަށް ބެލުމަށް ފަހު އަދި މިއީ އެކިޔުޓް ނުވަތަ ކްރޮނިކް ސައިނަސައިޓިސްތޯ ދެނެގަތުމަށް ފަހުގައެވެ.
އެކިޔުޓް ސައިނަސައިޓީސްއަކީ ކުރު މުއްދަތަކަށް (ހަތަރު ހަފުތާއަށް ވުރެން މަދު މުއްދަތަކަށް) ސައިނަސް ދުޅަވުމެވެ. އަދި ކްރޮނިކް ސައިނަސައިޓިސް އަކީ ގިނަ ހަފުތާތަކަށް (12 ހަފްތާ އަށް ވުރެން ގިނަ މުއްދަތަކަށް) ދެމިގެންދާ ހާލަތެކެވެ. ވީމާ ދެވޭ ފަރުވާ މި ދެ ހާލަތުގައި ތަފާތު ވެގެންދާނެ އެވެ.
ކުރު މުއްދަތައް މެދުވެރިވާ ސައިނަސް އިންފެކްޝަންތައް އާންމު ގޮތެއްގައި ޖެހެނީ ވައިރަހެއްގެ ސަބަބުންނެވެ. އަދި ދިހަ ވަރަކަ ދުވަހުގެ ތެރޭގައި އަމިއްލައަށް ބަލީގެ އަލާމާތްތައް ފަސޭހަވެ ރަނގަޅު ވެއެވެ. ނަމަވެސް ބަލީގެ އުނދަގޫތައް ކުޑަ ކުރުމައްޓަކައި ދެވޭ އެކި ބޭސްތައް ހުރެ އެވެ.
ސައިނަސް ދުޅަވުމަށް މެދުވެރިވެފައިވަނީ ބެކްޓީރިއާއެއްގެ ސަބަބުންނަމަ، ބަލި މީހާގެ ސިއްހީ ހާލަތަށް ބަލައި އެންޓިބަޔޮޓިކްއެއް ނެގުމަށް ޑޮކްޓަރު ލަފާދީފާނެ އެވެ. މިފަދަ ހާލަތްތަކުގައި ބަލީގެ އަލާމާތްތައް ފަސޭހަވި ނަމަވެސް ދެވިފައިވާ އެންޓިބަޔޮޓިކް އެއްކޮށް ހުސްވަންދެން ބޭސް ނެގުން ވަރަށް މުހިންމު ވާނެ އެވެ. އާންމު ގޮތެއްގައި އެންޓިބަޔޮޓިކްސް ސައިނަސް އިންފެކްޝަންއަކަށް ދިނުން ކޮންމެހެން މުހިންމު ވާނީ ބަލި މީހާގެ ދިފާއީ ނިޒާމް ބަލިކަށިވެފައި ވާނަމަ ނުވަތަ އިންފެކްޝަން ނުރައްކާތެރި ވެދާނެ ފަދަ ހާލަތްތަކުގަ އެވެ. އެހެނީ ބައެއް ހާލަތްތަކުގައި އެންޓިބަޔޮޓިކެއް ނުނެގި ނަމަވެސް ބަލީގެ އުނދަގޫތައް އަމިއްލަޔަށް ރަނގަޅު ވުމުގެ ފުރުސަތުތައް އޮވެއެވެ.
މިއާ ހިލާފަށް ސައިނަސައިޓިސް މެދުވެރިވުމުގެ އަސްލަކީ ނޭފަތުގައި ޕޮލީޕްއެއް ފަދަ އިތުރު ދުޅައެއް ފަދަ ކަމެއް ނަމަ، ނޭފަތް ބްލޮކް ވުމުން ސަލާމަތް ކުރުމަށް އޮޕަރޭޝަނެއް ކުރަން ޖެހިދާނެ އެވެ. ވީމާ ބަލީގެ ފަރުވާ ބިނާ ވާނީ ސައިނަސް ދުޅަވުމަށް މެދުވެރި ކުރުވި ސަބަބާއި ބަލީގެ މުއްދަތަށް ބެލުމަށް ފަހުއެވެ.
ނޭފައި ބްލޮކްވުމުން އަދި ސައިނަސް ދުޅަވުމުން މެދިވެރިވާ އުނދަގޫތަކުން ސަލާމަތް ވުމަށް ސްޕްރޭއެއް ފަދަ އެއްޗެއް އަމިއްލަޔަށް ފާމަސީއިން ގަނެގެން ބޭނުން ކުރާނަމަ ބޭނުން ކުރުން އެންމެ ބުއްދިވެރި ވަނީ ޑޮކްޓަރުގެ ލަފައަށް ފަހުގަ އެވެ.
ސައިނަސައިޓިސްގެ އުނދަގޫތަކުން ސަލާމަތްވުމަށް ގޭތެރޭގައި ކުރެވިދާނެ ބައެއް ކަންތައްތަކަށް ހުރެ އެވެ.
- ގިނައިން ފެން/ދިޔާ ތަކެތި ބުއިން
- ދުވާލަކު 3-4 ފަހަރު 10-15 މިނެޓަށް އާވި އެރުވުން
- މާ ބާރަށް ނޭފަތް ނުފޮޅުން/ސާފު ނުކުރުން
- ތާފަނާ ފެނަށް ލޮނު ކޮޅެއް އެޅުމަށް ފަހު އަނގަޔާއި ކަރުތެރެ ދޮވުން
މޫނުގައި ރިހޭ ސަރަހައްދުތަކުގައި ތާފަނާ ފެނުން ފޮތިކޮޅެއް / ރުމާލެއް ތެއްމާލުމަށް ފަހު މަޑު މަޑުން ބޮނޑިތާން ކުރުން
އަރިދަފުސް ރޯގާއިން ސަލާމަތް ވުމަށް -- ގިނަ މީހުން އުޅޭ ތަންތަނަށް ދިޔުމަށް ފަހު -- ގިނަ ގިނައިން އަތް ދޮވުން
ސައިނަސް ދުޅަވުމަކީ ވަރަށް އާންމު ސިއްހީ މައްސަލައެކެވެ. ނަމަވެސް ބަލީގެ އަލާމާތްތައް މާ ގިނަ ދުވަހަށް ދެމިގެންދާނަމަ، ހާއްސަކޮށް ކުޑަ ކުދިންގެ ފަރާތުން ސައިނަސް ދުޅަވުމުގެ އަލަމާތްތައް ފެންނަނަމަ، އިންފެކްޝަން އިތުރަށް ފެތުރިޔަ ނުދިނުމަށްޓަކާ ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ.