ނައުޝާގެ ހެލްތު ކޮލަމް

ނައުޝާގެ ހެލްތު ކޮލަމް: ކެއުމުގައި ލޮނު މަދު ކުރުން މުހިންމު!

ކެއުމުގައި ލޮނު ގިނައިން ބޭނުން ކުރުމަކީ ގިނަ ސިއްހީ މައްސަލަތަކެއް މެދުވެރި ކުރުވައިފާނެ ކަމެކެވެ. އެގޮތުން ލޮނު ގިނައިން ކެއުމުގައި ބޭނުން ކުރުމަކީ ލޭގެ ޕްރެޝަރު މައްޗަށް ދިއުމަށާއި ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުގެ ފުރުސަތުތައް އިތުރު ކުރުވައިފާނެ ކަން ކަމެވެ.

ކަންމިހެން ހުރި ނަމަވެސް އަހަރުމެން ދެނެގަންނަންވި ހަގީގަތަކީ ލޮނަކީ ވެސް އިންސާނާގެ ހަށިގަނޑުގައި ހިނގާ ގިނަ މުހިންމު މަސައްކަތްތަކަށް މުހިންމު މާއްދާއެއް ކަމެވެ. ވީމާ ލޮނު މާ މަދުވުމުން ވެސް ސިއްހީ މައްސަލަތައް ދިމާވުން އެކަށޭގެން ވެއެވެ. ވީމާ ލޮނު ބޭނުން ކުރަންވާނީ އެ ބެނުން ކުރަން ޖެހޭ މިންވަރަށެވެ.

ކެއުމުގައި ބޭނުން ކުރެވޭ ލޮނު މަދު ކުރުމަށް ކުރެވޭނެ އެންމެ މުހިންމު އެއް ކަމަކީ ކާ ތަކެތި ގަތުމުގެ ކުރިން ފުޑް ލޭބަލް ޗެކް ކުރުމެވެ. އެހެނީ ބޮޑެތި މީހުން ބޭނުންކުރަން ވާނީ ދުވާލަކު ހަ ގްރާމްގެ ލޮނެވެ. ނުވަތަ 2.4 ގްރާމްގެ ސޯޑިއަމެވެ. އެއީ ގާތްގަނޑަކަށް ދުވާލަކު އެއް ސައިސަމްސާގެ ލޮނެވެ. ސޯޑިއިިިއަމަކީ ލޮނުގައި އެކުލެވޭ އެއް މާއްދާ އެވެ. އެހެނީ ބައެއް ފުޑް ލޭބަލް ތަކުގައި ލޮނު އެކެލެވޭ މިންވަރު ނެތި ހަމައެކަނި ސޯޑިއަމްގެ އަދަދު ހުރެ އެވެ. މިފަދަ ހާލަތްތަކުގައި ލޮނުގެ އަދަދު ހޯދުމަށް ސޯޑިއަމްގެ އަދަދު 2.5 ކުން ގެއްލުމުން ލޮނުގެ އަދަދު ލިބޭނެ އެވެ. ވީމާ ފުޑް ލޭބަލް ހުންނަ ކެއުންތައް ގަންނަ އިރު މިކަމަށް ސަމާލު ކަމެއް ދިނުން ބުއްދިވެރި އެވެ. ލޮނު ގިނައިން އެކުލެވޭ ކެއުންތަކަށް ބަލައިލާއިރު، ޗީސް، އޮލިވްސް، ސޯޔާ ސޯސް، ޑިނގާ، ލޮނު ލާފައި ހުންނަ ބަދަނުގެ ބާވަތްތައް، ލޮނުމަސް، ވަޅޯ މަސް އަދި ޗިކަން ކިއުބް ފަދަ ސްޓޮކް ކިއުބްތައް ހިމެނެ އެވެ.

މި ފާހަގަކޮށް ލެވުނީ ލޮނު ގިނައިން ހިމެނޭ ބައެއް ކެއުމުުގެ ބާވަތްތަކެވެ. މިފަދަ ބާވަތްތައް ކެއުމުގައި ބޭނުން ކުރަން ވާނީ މަދުންނެވެ. މިއާ ހިލާފަށް ބައެއް ކެއުންތަކަކީ އޭގައި ލޮނު އެކުލެވޭ މިންވަރު މާ މަތި ނޫނަސް އޭގައި ލޮނު ހިމެނޭ އަދި ގިނައިން އެފަދަ ކެއުންތައް ކައިފި ނަމަ އަހަރުމެންނަށް ބޭނުން ކުރެވޭ ލޮނުގެ އަދަދު މަތި ވުމަށް މެދުވެރި ކުރުވަފާނޭ ފަދަ ކެއުންތަކެވެ. އޭގެ ތެރޭގައި ޕާނުގެ ބާވަތްތައް، ޕާސްޓާ، ޕިއްޒާ، ސޮސެޖް، އެކި ބާވަތުގެ ސޯސް، މެޔޯނައިސް އަދި ހެދުނުގެ ނާސްތާއަށް އާންމުކޮށް ބޭނުން ކޮށް އުޅޭ ސީރިއަލް ހިމެނެ އެވެ. މި ތަކެއްޗަކީ އޭގެ ޒާތުގައި ލޮނު ގިނަ ތަކެއްޗަށް ނުވި ނަމަވެސް، ގިނައިން މި ތަކެތި ބޭނުން ކޮށްފިނަމަ އަހަރުމެންނަށް ދުވާލެއްގެ މައްޗަށް ބޭނުން ކުރެވޭ ލޮނުގެ އަދަދު މަތި ކުރުވާނެ ތަކެއްޗެވެ.

ކެއްކުމުގައި މަދުން ލޮނު ބޭނުން ކުރުމަށް އާދަ ކުރުމަކީ ދުވާލެއްގެ މައްޗަށް އަހަރުމެންނަށް ބޭނުން ކުރެވޭ ލޮނުގެ މިންވަރު މަދު ކުރުމަށް ކުރެވިދާނެ ކަމެކެވެ. އެގޮތުން ލޮނު ގިނައިން އެޅުމުގެ ބަދަލުގައި އެކި ހާބްސް ބޭނުން ކުރެވިދާނެ އެވެ. ހަމަ އެހެންމެ ބޭރުން އަދި ތައްޔާރީ އެކި އެކި ކެއުންތައް ކެއުމުގެ ބަދަލުގައި ވީހާވެސް ގިނައިން އަމިއްލަޔަށް ތައްޔާރު ކޮށްގެން ގޭގައި ކެއުމަކީ ކާ އެއްޗިއްސަށް އެޅޭ ލޮނުގެ މިންވަރު ކޮންޓްރޯލުކުރުމަށް ކުރެވިދާނޭ ވަރަށް މުހިންމު ކަމެކެވެ. އަދި ބޭރުން ކާ ނަމަ، އޯޑާ ކުރާއިރު ލޮނު ކުޑަކޮށް މަދު ކޮށް ޑިޝް ތައްޔާރު ކުރުމަށް ބުނެލެވިދާނެ އެވެ.

އަހަރުމެންނަކީ އާންމުކޮށް ލޮނު ހެޔޮ ވަރުކޮށް ނުހަނު މީރު ކެއުންތަކަށް ލޯބި ކުރާ ބައެކެވެ. ނަމަވެސް ލޮނު މަދުން އަޅައިގެން ކެއުންތައް ތައްޔާރު ކުރަން ފެށުމުން އެ ގޮތަށް ކެއުމަށް އާދަވާނެ އެވެ. އަދި ކެއުމުގައި ލޮނު މަދު ކުރުމަށް މަސައްކަތް ކުރުމަކީ ސިއްހަތައް ފައިދާ ނުކުރާ ގިނަ ކެއުންތަކުން އަހަރުމެން ދުރުހެލި ކޮށްދޭނެ ކަމެކެވެ.