ގައުޓީ އާތްރައިޓިސް އަކީ ކުއްލިޔަކަށް، އިންތިހާއަށް ރިހުމާއެކު ހުޅުތައް ދުޅަވެ، ރަތްވުމަށް މެދުވެރި ކުރުވަފާނެ އާތްރައިޓިސްގެ ވައްތަރެކެވެ. އާންމުކޮށް މި ބަލީގައި މައްސަލަ ދިމާވަނީ ފައިގެ ބޮޑުވައި އިނގިލީގެ ހުޅަށެވެ. ގައުޓީ އާތްރައިޓިސް އަކީ ކުއްލިޔަކަށް، އިންތިހާއަށް ރިހުމާއެކު ހުޅުތައް ދުޅަވެ، ރަތްވުމަށް މެދުވެރި ކުރުވަފާނެ އާތްރައިޓިސްގެ ވައްތަރެކެވެ. އާންމުކޮށް މި ބަލީގައި މައްސަލަ ދިމާވަނީ ފައިގެ ބޮޑުވައި އިނގިލީގެ ހުޅަށެވެ.
މިބަލި ހުންނަ މީހުންގެ ފައިގެ ބޮޑުވައި އިނގިލީގައި އިންތިހާއަށް ރިހުމެއް ހުރުމުގެ ސަބަބުން ކުއްލިޔަކަށް ނިދިން ހޭލެވުމަށްވެސް މެދުވެރި ކުރުވަފާނެއެވެ.
ގައުޓް މެދުވެރިވަނީ ކިހިނެތް؟
ގައުޓް މެދުވެރިވަނީ ޔުރޭޓް ކްރިސްޓަލްސް ހުޅުތަކުގައި ޖަމައުވުމުގެ ސަަބަބުންނެވެ. ޔުރޭޓް ކްރިސްޓަލްސް އުފެދުމަށް މެދުވެރިވަނީ ލޭގައި ގިނަ އަދަދަކަށް ޔުރިކް އެސިޑް ގިނަވުމުގެ ސަބަބުންނެވެ. އަހަރުމެންގެ ހަށިގަނޑުގައި ގުދުރަތީގޮތުން އެކުލެވޭ ޕިޔުރިން ނަމަކަށް ކިޔާ މާއްދާއެއް ޔުރިކް އެސިޑްއަށް ބަދަލުވެއެވެ. ވީމާ ޕިޔުރިން ގައިގައި ގިނަ ވުމަކީ ޔުރިކް އެސިޑް މަތި ވުމަށް މެދުވެރި ކުރުވާނޭ ކަމެކެވެ.
ގުދުރަތީގޮތުން ހަށިގަނޑުގައި އެކުލެވޭ ޕިޔުރިންގެ އިތުރުން، އަހަރުމެން ކެއުމުގައި ބޭނުންކުރާ ބައެއް ބާވަތްތަކުގައިވެސް ޕިޔުރިން އެކުލެވެއެވެ. އެގޮތުން ގެރި މަހުގެ ބާވަތްތައް، ސީ ފުޑްގެ އެކި އެކި ބާވަތްތައް ފާހަގަކޮށްލެވެއެވެ.
އާންމު ނިޒާމެއްގެ ގޮތުން ހަށިގަނޑުގައި އުފެދޭ ޔުރިކް އެސިޑް ކިޑްނީގެ އެހީގައި ކުޑަކަމުދާ އިރު ހަށިގަނޑުން ބޭރުވެގެން ދެއެވެ. ނަމަވެސް ހަށިގަނޑުން މާ ގިނައިން ޔުރިކް އެސިޑް އުފައްދާނަމަ ނުވަތަ ކޮންމެވެސް ސަބަބަކާހުރެ ކިޑްނީއަށް ޔުރިކް އެސިޑްތައް ހަށިގަނޑުން ބޭރު ކުރުމުގެ މަސައްކަތް އެންމެ ފުރިހަމައަށް ނުކުރެވިއްޖެ ނަމަ ލޭގައި ޔޫރިކް އެސިޑް ހިމެނޭ މިންވަރު މަތިވެގެން ދެއެވެ. މީގެ ނަތީޖާއެއްގެ ޔުރިކް ކްރިސްޓަލް އުފެދި އެތަކެތި ހުޅުތަކުގައި ޖަމާވެ، ހުޅުތައް ދުޅަވެ ތަދުވުމަށް މެދުވެރި ކުރުވައެވެ.
ގައުޓް މެދުވެރި ވުމުގެ ފުރުސަތުތައް އިތުރުކޮށްދޭ ކަންތައްތައް
ކުރިންވެސް ފާހަގަކޮށް ލެވުނުހެން ލޭގައި ޔޫރިކް އެސިޑް ގިނަވުމަކީ ގައުޓް މެދުވެރި ކުރުވާނެ ކަމެކެވެ. ވީމާ ހަށިގަނޑުގައި ޔުރިކް އެސިޑް ހުންނަ މިންވަރު މަތި ކުރުވާނެ ބައެއް ކަންތައްތަކަށް ބަލައިލާއިރު:
- ކެއުމުގައި އެއްގަމު މަހުގެ ބާވަތްތަކާއި ސީ ފުޑްގެ ބާވަތްތައް ގިނައިން ބޭނުންކުރުން
- ފްރުޓް ސުގާ ނުވަތަ ފްރުކްޓޯސް ހިމެނޭ ބުއިންތައް ގިނަގިނައިން ބޭނުން ކުރުން
- ބަނގުރާ ބުއިން
- ސިއްހަތައް ނުރައްކާވާވަރަށް ބަރުދަން އިތުރުވުން / އޮބެސިޓީ
ބަރުދަން މަތި ވާ ވަރަކަށް ހަށިގަނޑު އުފައްދާ ޔުރިކް އެސިޑްގެ މިންވަރުވެސް އިތުރުވާނެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން އެ ޔުރިކް އެސިޑް ހަށިގަނޑުން ބޭރު ކުރުމަށް ކިޑްނީ ކުރަންޖެހޭ މަސައްކަތްވެސް އިތުރުވެ އުނދަގޫވެގެން ދާނެއެވެ.
ޕްރެޝަރު މަތި ވުން، ހަކުރު ބަލި ހުރުން އަދި އެހެނިހެން ހިތުގެ އަދި ކިޑްނީގެ މައްސަލަތައް ހުރުމަކީ ގައުޓް މެދުވެރިވުމުގެ ފުރުސަތުތައް އިތުރުކޮށްދޭނޭ ކަންކަމެވެ. ހަމަ އެފަދައިން އެހެނިހެން ބަލިތަކަށް ދެވޭ ބައެއް ބޭސްތަކުގެ ސަބަބުންވެސް ޔުރިކް އެސިޑް ހަށިގަނޑުގައި ހުންނަ މިންވަރު މަތިވުމަށް މެދުވެރި ކުރުވަފާނެ ކަމަށް ދިރާސާތަކުން ދައްކައެވެ. ވީމާ ޑޮކްޓަރަށް ދައްކާއިރު އަބަދުވެސް ދާއިމީ ގޮތެއްގައި ނުވަތަ އެ ދުވަސްކޮޅެއްގައި ތިމާ ބޭނުންކުރާ ބޭސްތަކާ ބެހޭ ފުރިހަމަ މައުލުމާތު ކިޔާދިނުން އަބަދުވެސް ވަރަށް މުހިންމު ވާނެއެވެ.
- އާއިލާގައި ގައުޓް ހުންނަ މެންބަރަކު ހުރުން
- އުމުރާއި ޖިންސް
ހޯދުންތައް ދައްކާގޮތުގައި އަންހުނުނަށް ވުރެން ބޮޑަށް މި ބަލި ޖެހުމުގެ ފުރުސަތުތައް ބޮޑީ ފިރިހެނުންނަށެވެ. ހަމައެހެންމެ ފިރިހެނުންނަށް މި ބަލި އާންމުކޮށް މެދުވެރިވަނީ 30 އަހަރާއި 50 އަހަރާ ދެމެދުގައެ
ރައްކާތެރިވުން
ގައުޓްއަކީ ހަގީގަތުގައި ކޮންމެ މީހަކަށްވެސް މެދުވެރިވެދާނެ ބައްޔެކެވެ. ހާއްސަކޮށް އާއިލާގައި ގައުޓް ހުންނަ ފަރާތެއް ހުންނަނަމަ ތިމާއަށްވެސް މިކަން މެދުވެރި ވުމުގެ ފުރުސަތުތައް އޮވެއެވެ. ނަމަވެސް ބަލި މެދުވެރި ވަނީ ލޭގައި ޔުރިކް އެސިޑް ގިނަ ވުމުގެ ނަތީޖާއެއްގެ ގޮތުން ކަމުން އެހެން ވުމުގެ ފުރުސަތުތައް ކުޑަ ކުރުމަށް ކުރެވިދާނެ ކަންތައްތައް ބައިވަރެވެ.
އެގޮތުން ގިނަ ގިނައިން ފެން ބުއިން ވަރަށް މުހިންމުވާނެއެވެ. އަދި ގިނައިން ހަކުރު އަޅައިގެން ތައްޔާރު ކޮށްފައި ހުންނަ އެކި ޒާތުގެ ފޮނި ބުއިންތަކުން ދުރުހެލިވާން ވާނެއެވެ. ހާއްސަކޮށް ފްރުކްޓޯސް ގިނަައިން އެކުލެވޭ ކޯން ސިރަޕްފަދަ ތަކެތި އެކުލެވޭ ބުއިންތައް ވީހާވެސް މަދު ކުރުން މުހިންމެވެ. ވީމާ ކާތަކެތި އަދި ބުއިންތައް ގަތުމުގެ ކުރިން ފުޑް ލޭބަލް ބަލައިލުން އާދަޔަކަށް ހެދުން ވަރަށްވެސް ބުއްދިވެރިވާނެއެވެ. މީގެ އިތުރުން ޕިޔުރިން ގިނަ ކެއުންތައް ދެނެގަނެ އެފަދ ތަކެތި ކެއުމުގައި ހިމަނާ މިންވަރު މަދުކުރަން ވާނެއެވެ.
ޕްރޮޓީން އެކުލެވޭ ކެއުންތައް ކާއިރު ވީހާވެސް ލޯ ފެޓް ގެ ކެއުމުގެ ބާވަތްތައް ބޭނުން ކުރެވޭތޯ ބަލާށެވެ. އަދި ކެއުމުގައި ބޭނުން ކުރެވޭ އެއްގަމު މަހުގެ ބާވަތްތަކާއި ކަނޑުމަހުގެ ބާވަތްތައްވެސް މަދުކޮށްލެވިދާނެއެވެ.
މީގެ އިތުރުން ބަރުދަން އެންމެ އެދެވޭ މިނެއްގައި ދެމެހެއްޓުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. ނަމަވެސް މިކަން ހާސިލް ކުރުމަށްޓަކައި އެކި ޑައެޓްތަކާއި ހިކުމަށް އެހީތެރިވާނެ ކަމަށް ބުނާ ބުއިންތަކާއި ބޭސްތައް ބޭނުންކޮށްގެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބަރުދަން ދަށް ކުރުމަކީ ރަގަޅު ގޮތެއް ނޫނެވެ. މީގެ ބަދަލުގައި މަޑުމަޑުން ކެއުމަށް ރަގަޅު ބަދަލުތަކެއް ގެނެއުމާއެކު ގަވައިދުން ކަސްރަތުކުރުމަށް އަހުލުވެރިވެ އެދެވޭ މިނެއްގައި ބަރުދަން ދަމަހެއްޓުމަށް މަސައްކަތްކުރާށެވެ.
ގައުޓީ އާތްރައިޓިސްއަކީ އެކަން މެދުވެރިވާ ހުޅުތަކަށް އިންތިހާއަށް ރިހުން އިހްސާސްކުރުވަނިވި ބައްޔެކެވެ. އެހެންކަމުން މި ފަދަ ބަލިތަކާމެދު ހޭލުންތެރިވެ، ބަލި ޖެހުމުގެ ފުރުސަތުތައް އިތުރުކޮށްދޭ ކަންތައްތަކަކީ ކޮބައިކަން ދެނެގަތުމަކީ ބަލިން ރައްކާތެރިވުމަށް ކުރީބައިގައި ފިޔަވަޅުތަކެއް އެޅުމަށް އަދި ބައްޔަށް އޮށް އެންމެ ރަގަޅު ފަރުވާ ވީހާވެސް އަވަހަށް ލިބިގަތުމަށް އެހީތެރިވެދޭނޭ ކަމެއްކަމަށް ގަބޫލުކުރަމެވެ.