އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިއެއް ކަމަށްވާ އަނޫރާދާ ޕޮޑުވާލް ގޮވައިގެން ކެރަލާ އަންހެނަކު ކޯޓަށް ހިނގައްޖެ އެވެ. މިހާރު އުމުރުން 45 އަހަރު ވެފައިވާ ކަރްމަލާ މޮޑެކްސް ނަމަކަށް ކިޔާ މި މީހާ ކޯޓުގައި އަނޫރާދާ އާ ދެކޮޅަށް ކުރާ ދައުވާގައި ބުނެފައިވަނީ އޭނާއަކީ އަނޫރާދާ ވިހޭ އޭނާގެ އުފަން ދަރިއެއް ކަމަށާއި ކުޑައިރުއްސުރެ ނުބަލާ ދޫކޮށްލާފައި ވާތީ ބަދަލެއްގެ ގޮތުން 50 ކްރޯޑޫ ރުޕީސް ނަގައި ދިނުމަށެވެ.
ކަރްމަލާ ބުނަނީ އަނޫރާދާ އޭނާ ވިހެއުމަށްފަހު ހަތަރު ދުވަސް ވީތަނާ ބިޒީ ކަމުން ނުބެލޭނެ ކަމަށް ބުނެ އޭނާ އެހެން ބަޔަކަށް ދިނީ އެވެ. އޭނާ ގެންގުޅެ ބޮޑުކުރީ ޕޮންނައްޗަން އާއި އެގްނެސް ނަމަކަށް ކިޔާ ދެމަފިރިއެކެވެ. އެ ދުވަސްވަރަކީ އަނޫރާދާގެ ކެރިއަރު ފެށުނުތާ ކައިރި ކަމަށް ވާތީ ދަރިއަކު ބެލުމުގެ ޒިންމާ ނަގަން އޭނާ ބޭނުން ނުވީކަމަށް ވެސް ކަރްމަލާ ބުންޏެވެ.
އިންޑިއާގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ކަރުމަލާ ބުނީ މި ހަގީގަތް އޭނާއަށް އޮތީ ކުރިން ނޭނގި އެވެ. އޭނާއަށް މި ވާހަކަތައް ކިޔައިދިނީ އޭނާ ގެންގުޅުނު ދެމަފިރިންގެ ތެރެއިން ފިރިހެންމީހާ ބަލިވެ މަރު އެނދުގައި އޮވެގެން ކަމަށެވެ. އޭނާ ގެންގުޅެ ބޮޑުކުރި ބައްޕަ ޕޮންނައްޗަން މަރުވީ މީގެ ފަސް ވަރަކަށް އަހަރު ކުރިން ކަމަށްވެސް ކަރްމަލާ ބުންޏެވެ.
ކަރުމަލާ ބުނާ ގޮތުގައި ޕޮންނައްޗަން އާއި އަނޫރާދާއަކީ ދެ ރައްޓެހިންނެވެ. އޭރު ޕޮންނައްޗަން މަސައްކަތް ކުރަމުން ދިޔައީ މަހާރަޝްތުރާގައި އާމީއެއްގެ ގޮތުގައި ކަމަށާއި ފަހުން އޭނާގެ ވަޒީފާ ކެރެލާ އަށް ބަދަލުވީ ކަމަށް ވެސް އަންހެންމީހާ ބުންޏެވެ.
އޭނާއަކީ އަނޫރާދާގެ ދަރިއެއްކަން އެނގުމުން އަނޫރާދާ އާ ގުޅައިގެން ވާހަކަ ދައްކަން ވަރަށް މަސައްކަތް ކުރި ނަމަވެސް އޭނާ އެއްގޮތަކަށް ވެސް ކަރްމަލާ އާ ވާހަކަ ދައްކަން ތައްޔާރު ނުވުމުން ކޯޓަށް މައްސަލަ ހުށަހެޅީ ކަމަށް ވެސް ކަރްމަލާ ބުންޏެވެ.
ކަރްމަލާ މިހާރު ކައިވެންޏެއްކޮށް ތިން ދަރިން ވަނީ ލިބިފަ އެވެ. އޭނާ ބުނަނީ މައެއްގެ ލޯތްބާއި އަޅާލުމުން މަހްރޫމްކޮށް އޭނާ ދިރިއުޅުމުގެ ހައްގުން މަހްރޫމް ކުރީތީ 50 ކްރޯޑު ރުޕީސްގެ ބަދަލެއް އަނޫރާދާ އަތުން ހޯދުމަށް ކޯޓަށް ހުށަހަޅާފައިވާނެ ކަމަށެވެ.
ކަރްމަލާގެ ގާނޫނީ ވަކީލު މިހާރު ވަނީ މި މައްސަލައިގައި އަނޫރާދާ އާއި އޭނާގެ ދަރިން ކޯޓަށް ހާޒިރުވާން އެދިފަ އެވެ.
ކަރްމަލާގެ މި ވާހަކަތަކަށް އަނޫރާދާ އާއި އޭނާގެ ފިރިމީހާ ދެކޮޅު ހަދާނަމަ ޑީއެންއޭ ޓެސްޓް ހަދައިގެން އޭނާ ދައްކަނީ ދޮގު ވާހަކައެއް ނޫންކަން ސާބިތު ކޮށްދޭނެ ކަމަށް ވެސް ކަރްމަލާ ބުންޏެވެ.