ހަބަރު

"މިއަހަރު ޗައިނާއާ ކައިރިން މަސައްކަތް ކުރަން އުންމީދު ކުރަން"

Jan 5, 2020
2

މި އަހަރުގެ ތެރޭގައި ޗައިނާއާއެކު ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭ ހޮސްޕޮޓަލުގައި ޗައިނާގެ އެހީގައި ގާއިމް ކުރާ ލޮލުގެ ބަލިތަކަށް ފަރުވާދޭ ކްލިނިކާ ގުޅޭ ގޮތުން ޗައިނާގެ ސަފީރު ޖަންގް ލިޖޮންގް ކުރެއްވި ޓުވީޓުތަކާ ގުޅިގެން ޝާހިދު ވިދާޅުވީ އެ މަޝްރޫއަކީ ޗައިނާ އާއި ރާއްޖެ ދެމެދު އޮންނަ ގުޅުން އިތުރަށް ރަނގަޅުވެގެން ދިޔަ ކަމެއް ކަމަށެވެ.

މި އަހަރުގެ ތެރޭގައި އެ މަޝްރޫއާއި ދެ ފަރާތައް ފައިދާވާ އެހެން މަޝްރޫއުތަކުގައި ވެސް ޗައިނާއާ ގުޅިގެން އިތުރަށް ކައިރިން މަސައްކަތް ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

ޝާހިދުގެ އެ ޓުވީޓައް ޖަވާބު ދެއްވަމުން ޗައިނާ ސަފީރު ވިދާޅުވީ ކުރިޔަށް އޮތް ތަނުގައި ރަނގަޅު ކަންކަން އަންނަން އެބަހުރި ކަމަށާއި ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.