އަޖޭ ދޭވްގަން

އަޖޭގެ ހަނގުރާންމަތީ ފިލްމަށް ނޯރާ

އަޖޭ ދޭވްގަންގެ ހަނގުރާމަ މަތީ ފިލްމު "ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" ގައި ޕަރިނީތީ ޗޯޕްޅާ ކުޅެން ހަމަޖެހިފައި އޮތީ ޖާސޫސެއްގެ ރޯލެވެ. ނަމަވެސް މިހާރު ޕަރިނީތީ މި ފިލްމުން ވަކިވެއްޖެ ކަމުގެ ޚަބަރުތައް ވަނީ ފެތުރިފަ އެވެ. އޭނާ ފިލްމުން ވަކިވީ މިހާރު ކުޅެމުންދާ ސައިނާ ނެހެވާލް ބައޮޕިކް އާއި މިސްޓްރީ - ތުރިލާ "ދަ ގާލް އޮން ދަ ޓްރެއިން" ގެ މަސައްކަތާ ހެދި ވަގުތު ނެތިގެން ކަމަށް ވެއެވެ.

އިންޑިއާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި ޕަރިނީތީ ވަކިވުމުން މި ފިލްމަށް ނޯރާ ފަތޭހީ މިހާރު ވަނީ ހަމަޖައްސާފަ އެވެ. ނޯރާ އަކީ ވަރަށް ގިނަ އައިޓަމް ސޮންގް ތަކުން މަޝްހޫރުކަން ހޯދާފައިވާ މޮޅު ނެށުންތެރިއެކެވެ. އަދި މި މަހުގެ 24 ވަނަ ދުވަހު ރިލީޒްކުރަން ހަމަޖެހިފައިވާ "ސްޓްރީޓް ޑާންސާ 3ޑީ"ގައި ވެސް ނޯރާ މުހިއްމު ރޯލެއް އަދާ ކުރެ އެވެ. އަދި ސަލްމާން ޚާންގެ "ބާރަތު" އާއި ޖޯން އަބްރަހަމްގެ "ބަޓްލާ ހައުސް"ގައި ވެސް ބައިވެރިވި އެވެ.

އަބީޝެކް ޑޫދަޑިޔާ ޑައިރެކްޓްކުރާ މި ފިލްމު ކުޅެން ނޯރާ މިހާރު ސޮއިކޮށްފައިވާ ކަމަށާއި އަދި ފިލްމު ފެށުމުގެ ކުރިން ހިންގާ ވޯކްޝޮޕްތަކުގައި ވެސް ނޯރާ ބައިވެރިވަމުންދާ ކަމަށް ޚަބަރުތައް ބުނެ އެވެ. އަދި ޖެނުއަރީ 12 އިން ފެށިގެން ޝޫޓިންގް ތަކުގައި ވެސް ބައިވެރިވާނެ ކަމަށް ވެއެވެ.

"ބޫޖް: ދަ ޕްރައިޑް އޮފް އިންޑިއާ" ބިނާކޮށްފައިވަނީ 1971 ގައި ކުރި އިންޑިއާ-ޕާކިސްތާނު ހަނގުރާމައިގެ ދުވަސްވަރުގެ ހާދިސާ އަކަށެވެ. މި ފިލްމުގެ އަޖޭ ކުޅެނީ އާމީންގެ އިސް އޮފިސަރެއްގެ ރޯލެވެ.

މި ފިލްމުގައި ސޮނާކްޝީ ސިންހާ އާއި ސަންޖޭ ދަތު އަދި ރާނާ ދަގުބަތީ ވެސް މުހިއްމު ރޯލުތަކެއް ކުޅެ އެވެ.