ވާހަކަ

ދާނޭހެ ޔާދުން ހިތާއޭ

(2 ޖެނުއަރީ 2020 އާ ގުޅޭ)

"މެރީ ކުރާ ވާހަކަ މަންމަ ގާތު ބުނެބަލަ ނުދައްކާށޭ" ދާރިއަން ބުންޏެވެ.

ދާރިއަން އައިސް އެނދުގައި އިށީނދެއްޖެއެވެ. ދަރިފުޅު ފެންނަ ހިސާބުގައި ކުރިމަތިވާނޭހެން ކޮޅަށް ޒުކަން ހުއްޓެވެ. ކުރީން ވެސް ޒުކަން ވަނީ ދާރިއަންއަށް ވިސްނައިދީފައެވެ. އޭނާއާއި އިބާގެ ތިބީ ދެ ފިރިހެން ދަރީންނެވެ. ފިރިހެން ކުދީންނެއްކަމަކު އަވަހަށް މީހުންނާ އިނުމަކީ ރަނގަޅު ކަމެއްކަން ޒުކަން ވަނީ ބުނެފައެވެ. ދާރިއަންގެ އުމުރުން އޮނަތިރީސް އަހަރުވީއެވެ. މިހާރު ދެން ކައިވެންޏާ މެދު ވިސްނަން ވެއްޖެކަން ޒުކަން ހަނދާންކޮށްދިނެވެ. ނޫނީ ދާރިއަންއަށް އިބާގެ ހުށަހެޅުން ކަމުނުދަނީތޯ އޭނާ ސުވާލުކުރިއެވެ. ހަޔާތުގެ ބައިވެރިއަކަށް ހަދަން ޖެހޭނީ ވަކި މީހެއްކަން ދާރިއަންއަށް ހީވާކަށް ޒުކަން ނޭދެއެވެ. އެކަމުގައި ދަރިފުޅުގެ އަމިއްލަ އިޚްތިޔާރު އޭނާއަށް މުހިންމެވެ. ނަމަވެސް ދާރިއަން އިސްވެ އެކަމާ ނޫޅުމަކީ އިބާއަށް ދަރިފުޅާ ގުޅޭނެ ބައިވެރިއެއް ޚިޔާރުކުރަން ޖެހުނު ސަބަބެވެ. އެކަން ވެސް ޒުކަން ޤަބޫލުކުރެއެވެ. އިބާއަކީ އޭނާ ބޭނުންވާ ގޮތުގައި ގިނަ ފަހަރަށް ހިފަހައްޓަން ބޭނުންވާ އަންހެނެކެވެ. ދަރީންގެ މައްޗަށް ޚާއްޞަކޮށް އޭނާގެ ނުފޫޒު ބޮޑެވެ. ކޮންމެކޮންމެ ގޮތެއް އޭނާއަށް ކަމަކުނުދާނެއެވެ. ދަރީންގެ މުސްތަޤުބަލަށް ފޮނި އުންމީދެއް އޭނާ ކުރެއެވެ.

"ސާރާ ކަމުނުދަންޏާ ދަރިފުޅު ރީތިކޮށް މަންމަ ގާތު ބުނެބަލަ... މަންމައަށް ވެސް ދާރިއަން ބޭނުންވާ ގޮތް ނޭނގޭތީއޭ އެހެންއެވަނީ" ދާރިއަންގެ ގާތުގައި އެނދުގައި ޒުކަން އިށީނެވެ.

"އައި ޑޯންޓް ހޭވް ފީލިންގްސް ފޯ ހާ" ދާރިއަން ބުންޏެވެ. އެހިނދު ޒުކަން ބުނެލީ ސާރާގެ ނަމެވެ. އެއާއެކު ދާރިއަން ބޯޖަހާލީ އެއްބަސްވުމުގެ ގޮތުންނެވެ. އަދި ޒުކަންއަށް ދާރިއަންއާއި ސާރާއާ ދެމެދު ކަންތައް ހިނގައިދިޔަ ގޮތް ކޮންމެވެސް ވަރަކަށް ކިޔާދީފިއެވެ. އެންމެންނަށް ސާރާ އެހާކަމުދާއިރު އޭނާ ވެސް ބޭނުންވީ ސާރާއަށް ފުރުޞަތެއް ދޭންކަން ދާރިއަން ހާމަކުރިއެވެ. ނަމަވެސް އޭނާގެ ހިތް ސާރާގެ މައްޗަށް ނުލެބުނެވެ. ހިތް ނޭދޭއިރު ކައިވެންޏެއް ކޮށްގެން އެމީހަކާއެކު އުޅޭނީ ކިހިނެއްތޯ ދާރިއަން ސުވާލުކުރިއެވެ. ދާރިއަންއަށް ކަމުދާ އަންހެންކުއްޖަކު ހުރީތޯ ޒުކަން ސުވާލުކުރިއެވެ. އޭނާ ޚިޔާރުކުރީ ހިމޭންކަމެވެ. މީގެ ކުރީން ވެސް ޒުކަން ހަމަ އެ ސުވާލު ދާރިއަން ކުރިއެވެ. އެފަހަރު ވެސް އޭނާ ޚިޔާރުކުރީ ހިމޭންކަމެވެ. ކޮންމެވެސް ވަރަކަށް ދަރިފުޅަށް ވެގެން އުޅޭގޮތް ޒުކަންއަށް ވިސްނުނެވެ.

"ދާރިއަން ގުޅުމެއްފެށީތަ؟ ކޮންކުއްޖެއް އެއީ؟" ޒުކަން އަހާލީ ނިކަން ޔަގީންކަމާއެކުއެވެ.

"ބައްޕަ ތި ހީކުރާކަހަލަ ކަމެއްނޫން... ޖަސްޓް ފޯ ނައި... ޕްލީޒް... މަންމައަށް ވިސްނައިދީ... ބުނެދީ ސާރާއާ ގުޅެން އަހަރެން އެއްގޮތަކަށް ވެސް ބޭނުންނުވާކަން" ދާރިއަން ބުންޏެވެ. އޭގެ އިތުރުން އޭނާ ބުނީ ހާނިމުމެންނާ ހަމައަށް އެއިން އެއްވެސް ކަމެއްގެ ޚަބަރު ދިއުމުގެ ކުރީން މިކަން ވަކިގޮތަކަށް ނިންމަން އެބަޖެހޭކަމުގައެވެ. ސާރާއަށް ވެސް ދާރިއަންވަނީ ހުރިހާކަމެއް ކިޔައިދީފަކަން ބުންޏެވެ. އިބާ ގާތު އެވާހަކަދައްކަން ދާރިއަން މަސައްކަތް ވެސް ކޮށްފިއެވެ. ނަމަވެސް އިބާގެ ނަޒަރުގައި ސާރާގެ އެއްވެސް އުނިކަމެއްނެތެވެ. ޙަސަބާއިނަސަބުގެ ގޮތުން ވެސް ދާރިއަންއާ އެކަށޭނެ ކުއްޖަކީ އިބާ ދުށް ގޮތުގައި ސާރާއެވެ. ދާރިއަން ބުނަން އުޅޭއެއްޗެއް އިބާ އޮއްބާލަނީ އެފަދައިންނެވެ. އެހެންވުމުގެ ސަބަބުން ދާރިއަންއަށް ވިސްނުނީ އިބާ ކޮންމެ ގޮތަކުން ވެސް ދާރިއަންއާއި ސާރާ ގުޅުވަން ބޭނުންވާކަމެވެ.

"ޑޭޑް..." ކުއްލިއަކަށް ދާރިއަންގެ ކޮޓަރީގެ ދޮރު ހުޅުވިގެން ދިއުމާއެކު އިވުނީ އައިކުގެ އަޑެވެ.

"އައިކު... ދޮރުގައި ޓަކި ޖަހާލުމެއް ވެސް ނެތްތަ؟" އައިކު ވަދެގެން އައި ހިނދު ޒުކަން އަހާލިއެވެ.

"ހޭ ބްރޯ... ޑޭޑް!... ކަމަކުއޭ މިއައީ" އައިކު އަވަސް އަރުވާލައި ޒުކަންއާ ކުރިމަތިލިއެވެ. ޒުކަން އެ ކޮޓަރީގައި އިންކަން އެނގުނީ އިބާގެ ފަރާތުންކަން އޭނާ ބުނެލިއެވެ. ދާރިއަންއާއި ޒުކަންގެ ދެމެދުގައި ދެކެވެމުންދިޔަ ވާހަކަތައް އެހިސާބުން ހުއްޓުނީއެވެ. އައިކުގެ ވާހަކަތައް މުހިންމުވީމައެވެ. ދާރިއަން ވެސް އިނީ އިތުރަށް ވާހަކަދައްކަން ބޭނުންނުވެފައި ކަމަށްވާތީ އައިކު އައީތީ އޭނާ ވެސް ހިތްހަމަޖެހުނެވެ.

* * * * *

އެއްވެސް ކަމެއް އަބަދަށް ސިއްރުވެފައި ނޯންނާއެވެ. އެކަން ލިއަމްއަށް އެނގުނީ ވަރަށް ހިތިގޮތަކަށެވެ. ދެމަފިރިންގެ ދެމެދުގައި އެކަކުއަނެކަކަށް ކަންކަން ސިއްރުކުރާނަމަ ދެމެދުގައި އިތުބާރެއް ނޯންނާނެއެވެ. އެ ދެމެދުގައި އޮންނަ ގުޅުން ބަދަހިކޮށްދޭ އެއްޗަކީ އިތުބާރެވެ. އިތުބާރުނެތި ގުޅުމެއް ދެމިއެއްނޯންނާނެއެވެ. އެކަނިމާ އެކަނި އެނދުގައި ލިއަމް އޮތްއިރު ރޭގެ އެއްދަން ހުސްވެއްޖެއެވެ. ހޭޒަލްގެ ހަނދާންތައް އޭނާއަށް އުނދަގޫ ކުރަނީއެވެ. ހިތަށް ވޭން ލިބޭގޮތްވަނީއެވެ. އޭނާގެ މަންމައަށްފަހު އެފަދަ ޤަދަރެއް ދެވުނު ދެވަނަ އަންހެނަކީ ހޭޒަލްއެވެ. އޭނާދެކެ ހޭޒަލް ލޯބިވާކަން އެނގެއެވެ. ހޭޒަލްއަކީ ގޮތެއްފޮތެއްނެތް އަންހެންކުއްޖެއް ނޫނެވެ. ކުށްކުރެވުނީ އޭނާއަށްކަން ވެސް ލިއަމްއަށް އެނގެއެވެ. ހައްދުފަހަނަ އަޅާފައިވާ ވިޔާނުދާ ދިރިއުޅުމަކަށް ނަފްސު ހުށަހެޅީ އަމިއްލައަށެވެ. އެ ދިރިއުޅުން އޭނާއަށް މަޖާވީއެވެ. ތަފާތު ރަހަތަކުން އެކަމަށް އޭނާ ދެވިހިފީއެވެ. ނަމަވެސް އޭނާގެ ސަބަބުން ހޭޒަލް ރޯނޭވަރު ލިއަމްއަށް ސިފަވަނީއެވެ. އޭނާއަށް ދެ ލޯ މަރާ ތަގުޅިކޮށްލެވުނެވެ. އަރިއަކަށްއޮވެ ލިއަމް ކުރުގެޅިލުމާއެކު ބާލީސްގެނެސް މޭގައި ފޮރުވާލިއެވެ. އެ ދެ ލޯ މަރާލެވިފައިވިޔަސް އެސްފިޔަތަކުގައި ކަރުނައިގެ އަސަރުވިއެވެ. އަމިއްލަ ނަފްސަށް ކިރިޔާ އަޑުއިވޭނެހާ ސިއްރުން ލިއަމްގެ ދުލުން ގޮވުނީ ހޭޒަލްއަށެވެ. މަޢާފުކުރާށޭ އޭނާއަށް ބުނެވުނެވެ. ތަކުރާރުކޮށް އެތައް ފަހަރަކުއެވެ.

އޮފީހުގައި އުޅޭ އެކުވެރީންނަށް ވެސް ލިއަމްއާއި ހޭޒަލް ވަރިވެއްޖެކަން އެނގިއްޖެއެވެ. އިތުރަށް އެވާހަކަ އޮއްބާލުމަށް ދެއްކޭނެ ބަހަނާއެއް ލިއަމްއަށް ނެތެވެ. އެހެންވިޔަސް ދެމީހުން ވަކިވީ ކީއްވެކަމެއް ލިއަމް އެކަކު ގާތު ވެސް ނުބުނެއެވެ. އޭނާއާއެކު އުޅޭ މީހުންގެ މެދުގައި އެކިގޮތަށް އެވާހަކަ ދެކެވެމުންދިޔައެވެ. އެންމެން ވެސް ތިބީ ލިއަމްއާއި ހޭޒަލް ފަދަ ނަމޫނާ ދެމަފިރިން ވަރިވިކަން އެނގުމުން އަޖައިބުވެފައެވެ. އެ ދެމެދުގައި ޖެހުނީ ކޮންމައްސަލައެއްކަން އެނގެން ބޭނުންވެފައެވެ. އެމީހުންނާ ނުބެހޭ ކަމަކަށް ވިޔަސްއެވެ. އެކިމީހުން ދައްކާ އެކި ވާހަކަތައް ލިއަމްގެ ކަންފަތަށް ވެސް އިވެއެވެ. އެހެންނަމަވެސް މިވީހާތަނަށް އޭނާ އެއްވެސް އެއްޗެކޭ ނުބުނެއެވެ. އެއްވެސް މީހެއްގެ ވާހަކަ ތެދުކޮށް ދޮގުކުރުމުގެ ބޭނުމެއް އޮތްކަމަކަށް އޭނާއަށް ނުފެންނާތީއެވެ.

* * * * *

އައު ދުވަހެކެވެ. ބޯކޮށް ވެހެމުންދިޔަ ވާރޭއަށް ބަދަލެއް ނާދެއެވެ. އެހެންނަމަވެސް މެންދުރުފަހު ތިނެއް ޖަހާދިޔައިރު ވާރޭ ވަނީ ތުނިކޮށްލާފައެވެ. އޮފީހުގައި އިން ވީރާ އެއްފަހަރު ގަޑިއަށް ބަލާލިއްޔާ އަނެއްފަހަރު ކުޑަދޮރުގެ ބިއްލޫރިގަނޑުން ބޭރު ބަލާލައެވެ. ފޯނުގެ އިސްކުރީނު ހުޅުވާލުމާއެކު ދެ ޚިޔާލެއްގައި އިން ފަދައިން ވީރާ ޑައިލްކޮށްލީ ސައިފްގެ ނަންބަރަށެވެ. ތުންފިއްތާލުމާއެކު ކަންފަތުގައި ޖެއްސި ފޯނު މޭޒުމަތީ ބޭއްވީ ތަންކޮޅެއް ބާރަށެވެ. އެއާއެކު ފޯނަށް ނުރުހުމުގެ ނަޒަރަކުން ބަލަން އިނދެ ކުދި ކިޔާލިއެވެ. އޭނާ ގުޅާވަރުން ސައިފް ނަންބަރު ވެސް އޮތީ ބުލޮކްކޮށްލާފައެވެ. ދެމީހުން އެއްވެސް ވަރަކަށް ބައްދަލެއްނުވެއެވެ. ސައިފް އެއްކޮށް ގުޅުން ކަނޑާލީއެވެ. މިއަދަކީ ވީރާ ރާވާފައި އޮތް ބޮޑުކަމެއް ނިމިގެންދާނޭ ދުވަހެކެވެ. ހަމަޖެހިނުލެވިގެން އޭނާ އެ އުޅެނީ އެހެންވެއެވެ. ތަންވަޅު ބަލައި އޭނާ އެހެން ދުވަސް ދުވަހަށްވުރެ ކުރީން އޮފީހުން ނުކުތެވެ. ޓެކްސީއެއް ހޯދައިގެން ވީރާ މިސްރާބު ޖެހީ ޔަޝްފީމެން ގެއަށެވެ.

އުސް އިމާރާތުގެ ގަރާޖު ދޮރާ ދިމާއަށް ޓެކްސީއިން ފޭބި ގޮތަށް ވީރާ ދުއްވައިގަތެވެ. ވާރޭ ބޯކޮށްލާފައިވުމުން ހިޔާލެވޭނޭ އަސްކަންޏެއް ހުރީ އެ ދިމާގަކަމަށްވީމައެވެ. ސިކުނޑީގައި ރާވާފައިވާ ރޭވުންތަކާމެދު ވީރާ ވިސްނާލިއެވެ. އަތުވެދާނެ ކޮންމެކަމަކަށް ނަފްސު ތައްޔާރުކޮށްލުމާއެކު ދޮރޯށިން އޭނާ ވަނެވެ. އެލެވޭޓާއިން ޔަޝްފީގެ އެޕާޓްމެންޓް ހުރި ބަޔަށް އޭނާ އައެވެ. އެޕާޓްމެންޓުގެ ރަނގަބީލު ޖަހާލުމާއެކު ދޮރު ހުޅުވީ ޔަޝްފީއެވެ. އޭނާއަށް ވީރާ ފެނުމުން ލިބުނީ ހައިރާންކަމެވެ. ވިއްސާރައިގަ ވީރާ އެގެއަށް އަތުވެދާނޭކަން ޔަޝްފީއަށް ހީވެފައި ނެތީއެވެ. އެތެރެއަށް ވީރާ ވެއްދުމާއެކު ޔަޝްފީ އަހާލީ ކޮންތާކަށް ވީރާ ދަނީތޯއެވެ. އެއާއެކު ވީރާ އަހާލީ ސައިފް ގޭގައި އުޅޭތޯއެވެ. އިތުރު ހައިރާންކަމެއް ޔަޝްފީއަށް ލިބުނެވެ.

"އަދި ނާދޭ..." ޔަޝްފީއަށް ބުނެވުނެވެ. އެހެންވިޔަސް ވީރާއަށް ވަށައިގެން ނަޒަރު ހިންގާލެވުނެވެ. ވާހަކަދައްކަން ފެށީ ދެނެވެ.

ޔަޝްފީ ހުރީ ހަދަންވީ ގޮތެއް ނޭނގިފައެވެ. ވީރާގެ ހަރަކާތްތައް ތަފާތުކަން އޭނާއަށް އެނގުނެވެ. މުހިންމު ވާހަކައެއް ދައްކަންވެފައި އޮތްކަން ވީރާ ބުންޏެވެ. ސޯފާތައް ދައްކާލުމާއެކު ޔަޝްފީ އެދުނީ އިށީނުމަށެވެ. އަވަސްއަވަހަށް ބޯޖަހާލުމާއެކު ވީރާ އިށީނެވެ. އޭނާއާއި ޖެހިގެން ހުރި ސޯފާގައި ޔަޝްފީ އިށީނެވެ. ފުރަތަމަ ވެސް ވީރާ އެހީ ސައިފްއަށް ޔަޝްފީ އިތުބާރުކުރަންތޯއެވެ. އެއާއެކު ޔަޝްފީގެ މޫނުން ވެސް ހާސްކަން ފާޅުވެލިއެވެ. ވީރާ ދައްކަން އުޅޭ ވާހަކައަކަށް އޭނާ ޝައުގުވެރިވިއެވެ. މަޑުމަޑުން ވީރާ ވާހަކަތައް ހާމަކުރަން ފެށިއެވެ. ޔަޝްފީގެ މޫނުން ފާޅުވާ އަސަރުތަކަށް އޭނާ އިނީ ސަމާލުވެއެވެ.

ސައިފް އަންހެންކުދީންނާ ގާތްކަން ބާއްވާކަމާއި ވަރަށް އަވަހަށް އަނބިމީހާ ވަރިކުރަން ގަސްދުކުރާކަން އޭނާ ބުނަމުންދާކަން ވީރާ ކިޔާދިނެވެ. އަދި ހުޅުމާލޭގައި ހުންނަ ހޮޓެލްގެ ނަން ބުނެ އެތަނަށް އަންހެންކުދީން ގޮވައިގެން ދިއުމަކީ ޢާންމުކަމެއްގައި ވީރާ ބުންޏެވެ. އަނބިމީހާގެ ފުށުން ސައިފްއަށް ލިބޭ އެއްވެސް ހިތްހަމަޖެހުމެއްނެތްކަމާއި މިހާ ދުވަހު ވެސް ހުރެވުނީ ދަރިފުޅަށް ޓަކައި ކަން އޭނާ ބުނެފައިވާކަމެވެ. ސައިފްގެ އެއްވެސް ކަމެއް އަނބިމީހާ ބަލަހައްޓައިނުދޭކަމާއި އޭނާ އަންހެނަކަށް ބޭނުންވަނީ އެހެންވެކަމެވެ. ކައިވެނީގެ ދަޅަ ދައްކާ އަންހެންކުދީންނަށް ސައިފް އޮޅުވާލައި އޭނާގެ އެދުން ފުދުން އެ އަންހެންކުދީން ދޫކޮށްލަނީކަމުގައި ވީރާ ބުންޏެވެ. ކޮންމެ އަންހެންކުއްޖަކަށް ސައިފްގެ ދިރިއުޅުން އެނގޭނީ ކިހިނެއް ހެއްޔޭ ވީރާ އެއްސެވެ. ސައިފް އެހެން އުޅޭއިރު ޔަޝްފީއަށް ހަމަ ޝައްކު ވެސް ނުވޭތޯ ވީރާ ސުވާލުކުރިއެވެ. ދަރިއަކު ހުރުމަކީ އެފަދަ މީހަކާއެކު ދިރިއުޅުން އާރާސްތުކުރަންވީ ސަބަބެއް ނޫންކަމުގައި ވީރާ ބުންޏެވެ.

"ވީރާ ސައިފްއާ ރައްޓެހިވާން ބޭނުންވަނީތަ؟" ޔަޝްފީ ކުއްލިއަކަށް ކުރި ސުވާލުން ވީރާ އަޖައިބުވިއެވެ. އެއްޗެކޭ ބުނަން ނޭނގިފައިވާ ވީރާ އިނެވެ. ދެން ވެސް ވާހަކަދެއްކީ ޔަޝްފީއެވެ. ސައިފް ގަޔާވާ ކަމަކަށް ވީރާ އެގެއަށް އައުން ނުވާކަން ޔަޝްފީ ބުންޏެވެ. ވީރާގެ ނިޔަތް ރަނގަޅެއްނޫނޭ ވެސް ސައިފް ބުނެފައި އޮތްކަން ޔަޝްފީ ބުންޏެވެ. އެވާހަކަތަކުން ވީރާގެ ގާތަށް އައީ ރުޅިއެވެ.

"އަހަރެން މިވާހަކަ ދައްކަފާނެތީ އަވަހަށް އޭނާ އަހަންނޭ ކިޔައިގެން ދެއްކީ ދޯ" ވީރާ ދަތްކުނޑިވިކާލިއެވެ.

ޔަޝްފީގެ މޫނުން ފެންނަނީ ރުޅިވެރިކަމަށްވުރެ މާޔޫސްވެފައިވީތަނެވެ. މަޑުމަޑުން އޭނާ ދެފަރާތަށް ބޯހޫރުވާލިއެވެ. ވީރާއަށް ނަޒަރު ހުއްޓާލަމުން ޔަޝްފީ އޭނާއާ ސުވާލުކުރިއެވެ. ސައިފްގެ ވާހަކަ އޭނާގެ ގާތުގައި ދެއްކީ ކޮންބޭނުމަކުތޯއެވެ. ނިކަން އަވަހަށް ވީރާ ޖަވާބު ދިނެވެ. ސައިފްގެ ހަޤީޤަތް ޔަޝްފިއަށް އެންގުންކަމުގައި ވީރާ ބުންޏެވެ.

"ތި ކަހަލަ ވާހަކައެއް އިވުމުން އަހަރެމެން ދެ މީހުންގެ ދިރިއުޅުމަށްވާނީ ކިހިނެއްކަން ވީރާ ވިސްނާލިންތަ؟ ދަރިއަކު ހުރިއިރު އެ ދަރިފުޅަށް ވާނޭ ގޮތަކާމެދު ވީރާ ވިސްނާލިންތަ؟... ބައެއްކަހަލަ ވާހަކަތަކަކީ އެކަމުގެ ސަބަބުން ދިރިއުޅުންތަކެއް ގެއްލިގެން ހިނގައިދާނޭތީ ދެއްކުމަށްވުރެ ނުދެއްކުން ރަނގަޅު ވާހަކަތައް، އެއްވެސް ކަމެއް ތާއަބަދަށް ސިއްރުވެފައެއްނޯންނާނެ، ފަޅާއަރާނޭ ދުވަހެއް އަންނާނެކަން ޔަގީން... ވީރާއާއި އަހަންނާ ދިމާވީ އިހަކަށްދުވަހު" ޔަޝްފީގެ އަޑުގައިވީ މަޑުމައިތިރިކަމެވެ. ނަމަވެސް ވީރާގެ މޫނުން ފާޅުވަނީ ރުޅިވެރިކަމެވެ.

"ހަޤީޤަތް ފާޅުކުރީމަ ޔަޝްފީއަށް ވެސް އަހަރެން ކަމުނުދިޔައީ ދޯ... އެހެންވީމަ ޔަޝްފީ ވެސް ތިއުޅެނީ ހަޤީޤަތް އެނގިހުރެ ފެންނަ ކަންކަން ނުފެންނަ ކަމަށް ހަދައިގެން އިވޭ އަޑުތަކަށް ބީރުކަންފަތެއް ދީގެންތާ" ވީރާ ބުންޏެގެ. އޭނާގެ ރާގު ހުރި ގޮތް ޔަޝްފީއަކަށް ކަމަކު ނުދިޔައެވެ.

"ދެން އެންމެ ރަނގަޅު... ވީރާ ދޭން ބޭނުންވި މެސެޖު އަހަންނަށް ލިބިއްޖެ، މިވަގުތު ގޮސްލަންވީނު" ޔަޝްފީ ސޯފާއިން ތެދުވެގެން ދޮރާ ދިމާއަށް އައެވެ. ވީރާ ގާތު ރީތިގޮތުގައި އެގެއިން ނިކުންނާށޭކަން އެބުނަނީ އޭނާ ދެނެގަތެވެ. އެހެންވެ އިނުމުގެ ގަސްދެއް ވީރާގެ ވެސް ނެތެވެ. އެހެންވިޔަސް އޭނާ ހިތްހަމަޖެހޭވަރެއް ނުވިއެވެ. ޔަޝްފީގެ ފަރާތުން ފެންނާނޭ ކަމަށް އުންމީދުކުރި އެއްވެސް އަސަރެއް ފާޅުނުވީތީއެވެ.

"އަހަރެމެން ދެ މީހުންގެ ދެމެދުގައި ރައްޓެހިކަން ބޭއްވުން އެއީ އެހާ ރަނގަޅުކަމެއްކަމަށް އަހަންނަކަށް ނުފެނޭ... ވަރަށް ރަނގަޅު ދެން މިގެއަށް ނައީވިއްޔާ" ދޮރުން ވީކާ ނިކުމެނިކުމެ ހުއްޓާ ޔަޝްފީ ބުންޏެވެ. އޭރު ވެސް އެ އަޑުގައި މަޑުމައިތިރިކަން ފިޔަވާ އެއްވެސް އަސަރެއް ނުވިއެވެ.

"ވަކިވުމުގެ ކުރީން އެއްވާހަކަ ބުނެލާނަން... ޔަޝްފީ ކިތަންމެ ސައިފްއާއެކު އުޅޭން ބޭނުންވިޔަސް އޭނާ އެ ހުންނަނީ ހޭޒަލްގެ އިންތިޒާރުގަ، ކުރީން ހޭޒަލްއަކީ މީހެއްގެ އަނތްބެއް، މިހާރު އޭނާއަކީ މިނިވަނެއް... ދެން ލަހެއްނުވެ ޔަޝްފީ ވަރިކޮށްފާނެ، އޭނާ އަނގައިން ބުނީ އެއްވެސް އަންހެނަކަށް ޓަކައި ޔަޝްފީ ވަރިނުކުރި ނަމަވެސް ހޭޒަލްއަށް ޓަކައި ޔަޝްފީ ވެސް ދޫކޮށްލާނަމޭ" އެއްމިޔަކަނުން ވީރާ މަލާމާތުގެ ހިނިތުންވުމެއް ބަދަލުކޮށްލިއެވެ. އަދި އެލެވޭޓާއަށް އަރަން އޭނާ އައެވެ.

* * * * *

ދޮރުފަތް ލައްޕާލި ގޮތަށް އިރުކޮޅަކު ދޮރުފަތުގައި ލެނގިލައިގެން ޔަޝްފީއަށް ހުރެވުނެވެ. ފިނިނޭވާއެއް ދޫކޮށްލުމާއެކު އެ މޫނުން ހިތައިމައިގެ އަސަރު ފާޅުވިއެވެ. އޭނާ ހީކުރި ކަހަލަ އަންހެންކުއްޖަކަށް ވީރާ ނުވިކަން ޔަޝްފީއަށް އެނގިއްޖެއެވެ. އެކުވެރިކަން ދަމަހައްޓަން ޔަޝްފީ ބޭނުންނުވީ އެހެންވެއެވެ. އަތުކުރީ އޮތް ގަޑިއަށް ޔަޝްފީ ބަލާލިއެވެ. މަޑުމަޑުން އައިސް ސޯފާގައި އޭނާ އިށީނެވެ. އޭނާ އިންތިޒާރު އެކުރަނީ ސައިފް ގެއަށް އަންނާނޭ އިރަކަށެވެ.

(ނުނިމޭ)