މިހާރު ބޮލީވުޑްގައި މަސައްކަތްކުރާ ބަތަލާއިންގެ ތެރެއިން އެންމެ މަޝްހޫރު އަދި އެންމެ ކާމިޔާބު ބަތަލާއަކީ ކޮބައިތޯ ސުވާލު ކޮށްފިނަމަ ގިނަ މީހުންގެ ޖަވާބަކަށް ވާނީ ދީޕިކާ ޕަދުކޯން ކަމަށެވެ. ދީޕިކާ ވަނީ އޭނާގެ ރީތިކަމާއި ހުނަރުން އޭނާ ވަރުގެ ބަތަލާއެއް ނެތްކަން ސާބިތު ކޮށްދީފަ އެވެ.
ދީޕިކާ ކުޅޭ ފިލްމުތަކަށް ޕްރޮޑިއުސަރުން ބޮޑު އަދަދަކުން ފައިސާ ދެއެވެ. ފިލްމީ ޚަބަރުތައް ބުނާ ގޮތުގައި މިހާރު ހިންދީ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ބަތަލާއިންގެ ތެރެއިން އެންމެ ބޮޑު އަގެއް ލިބެނީ ދީޕިކާ އަށެވެ.
"އޯމް ޝާންތީ އޯމް"، "ބާޖީރާއޯ މަސްތާނީ" އަދި "ކޮކްޓެއިލް" ފަދަ ފިލްމުތަކުން ދީޕިކާ ވަނީ އޭނާ ވަރުގެ ބަތަލާއެއް ނެތްކަން ބެލުންތެރިންނަށް ދައްކާދީފަ އެވެ. ކާމިޔާބީ އިތުރުވަމުންދިޔަ ވަރަކަށް ދީޕިކާގެ ބޭންކް ބެލެންސް ވެސް އިތުރުވަމުންދާނެކަން އެއީ ޔަގީން ކަމެކެވެ.
ޖެނުއަރީ 5 ގައި 34 ވަނަ އުފަން ދުވަސް ފާހަގަކުރާ ދީޕިކާ ޕަދުކޯންގެ މިލްކިއްޔާތުގެ އަގު މިހާރު 100 ކްރޯޑަށް ވުރެ މަތި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެ އެވެ. ސަންޖޭ ލީލާ ބާންސާލީ ޑައިރެކްޓްކުރި "ޕަދްމާވަތު" ދީޕިކާ ކުޅެދިނީ 12 ކްރޯޑަށެވެ. އެހެންކަމުން އޭނާގެ މުއްސަނދިކަން 100 ކްރޯޑަށް އެރުމަކީ ހައިރާންވާ ވަރުގެ ކަމަކަށް ނުވެ އެވެ.
މީގެ އިތުރުން ވަރަށް ގިނަ ބްރޭންޑްސްތަކުގެ އިޝްތިހާރުތައް ވެސް ދީޕިކާ އަށް ލިބިފައި ވެއެވެ. މީގެން ކޮންމެ ބްރޭންޑް އެންޑޯސްމަންޓަކަށް ދީޕިކާ އަށް ކްރޯޑު ނަގަ އެވެ. ފޯބްސް އިންޑިއާގެ 2019 ވަނަ އަހަރުގެ 100 ސެލެބްރިޓީ ލިސްޓުގެ ޓޮޕް 10 ގައި ދީޕިކާ ވަނީ ހިމެނިފަ އެވެ. މި ލިސްޓުން 10 ވަނަ އޭނާއަށް ލިބިފައިވަނީ އަހަރަކު 48 ކްރޯޑު ލިބޭތީ އެވެ.
ދީޕިކާ މިހާރު ތައްޔާރުވަމުންދަނީ "ޗަޕާކް" ރިލީޒްކުރުމަށެވެ. މި ފިލްމުގައި ދީޕިކާ އަކީ އެސިޑް ހަމަލައަކުން ސަލާމަތްވީ ހިތްވަރުގަދަ އަންހެނެކެވެ. މި ފިލްމުގެ ޕްރޮޑިއުސަރަކީ ވެސް ދީޕިކާ އެވެ.