މޯލްޑިވްސް ކަަރެކްޝަނަލް ސާވިސްގެ އޮފިސަރުންނާއި ގައިދީންގެ ދެމެދުގައި ކުރަތިލުމެއް ނުހިނގާ ކަމަށް އެ ސަވިސް އިން ބުނެފި އެވެ.
ކަރެކްޝަންސް އިން މިހެން ބުނީ، މާފުށީ ޖަލުގައި ހަމަނުޖެހުމެއް ހިނގާ ޖަލު އޮފިސަރުން ގޮޅިތަކަށް ވަދެ ކަރުނަ ގޭސް ޖަހައި ގައިދީން ނެރެ ކުޑަކަކޫ ޖައްސާފައިވާ ކަމަށް ބުނެ އަޑު ފެތުރުމާ ގުޅިގެނެވެ.
އެކަމާ ގުޅޭ ގޮތުން ކަރެކްޝަންސް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޖަލުގައި ހަމަނުޖެހުން ހިނގާފައި ވަނީ ރިމާންޑުގައި ހުރި މީހަކަށް އެހެން ގައިދީން ހަމަލާދީގެން ކަމަށެވެ. އަދި ޖަލު އޮފިސަރުންނާއި ގައިދީން ދެމެދު ކުރިމަތިލުމެއް ނުހިނގާ ކަމަށާއި ރިމާންޑް މީހުން ހިތްހަމަ ނުޖެހިގެން އޮފިސަރުންގެ ގަޔަށް ކާބޯތަކެތި ޖަހަމުން ދިޔަ ނަމަވެސް ޖަލު އޮފިސަރުން ކެތްތެރިކަމާއެކު އެ މީހުންނަށް ވިސްނައިދެވޭތޯ މަސައްކަތްކޮށްފައިވާ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.
ކަރެކްޝަންސް އިން ބުނީ ރިމާންޑުގައި ހުރި މީހުންގެ ޝަކުވާއަކީ ތަހުގީގު ބަންދުގެ މުއްދަތު ދިގުވަމުން ދިއުމާއި ބޭސްފަރުވާގެ އިންތިޒާމްތައއް އެ މީހުން އެދޭ ގޮތަށް ކުރިޔަށް ނުދިޔުން ކަމަށެވެ. އެއީ ކަރެކްޝަންސްގެ ވެސް ކަންބޮޑުވުމެއް ކަމަށް އެ ސާވިސް އިން ބުންޏެވެ.