ސްރީލަންކާ

ހައްޔަރުކުރި މީހުންގެ ތެރެއިން ހަތަރު މީހުން ދޫކޮށްލައިފި

އަވައްޓެރި ސްރީލަންކާއިން ހައްޔަރުކުރި 12 މީހުންގެ ތެރެއިން ހަތަރު މީހުން ދޫކޮށްލައިފި އެވެ.

ފޮރިން މިނިސްޓްރީން ބުނީ ސްރީލަންކާ ފުލުހުންގެ ބެލުމުގެ ދަށަށް މިއަދުގެ ވަގުތެއްގައި 12 ދިވެހިން ގެންގޮސްފައިވާ ކަމަށެވެ. އަދި އެ މީހުންނަށް ކޮލޮމްބޯގައި ހުންނަ ދިވެހި އެމްބަސީއިން ގެންދަނީ ކޮންސިއުލާ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ.

އެ މީހުން ހައްޔަރުުކުރި ސީދާ ސަބަބެއް އެ މިނިސްޓްރީން ހާމައެއް ނުކުރި އެވެ.

ނަމަވެސް އަވަސްއަށް ކަށަވަރުވެފައިވާ ގޮތުގައި ލަންކާގެ ފުލުހުން މިއަދު 12 ދިވެހިން ހައްޔަރުކުރީ ޕާސްޕޯޓް ނެތި އެ ގައުމުގައި ދިރިއުޅެމުންދާ މައްސަލައަކާއި ގުޅިގެންނެވެ. އޭގެ ތެރެއިން އެކަކު ޕާސްޕޯޓްގެ މުއްދަތު ހަމަވެ، އަދި ވިސާގެ މުއްދަތު ހަމަވި ފަހުންވެސް ގިނަ މަސްތަކެއް ވަނީ ފާއިތުވެފައެވެ.

ހައްޔަރުކުރި މީހުންގެ ތެރެއިން މިހާރު ހަަތަރު މީހަކު ދޫކޮށްލާފައިވާ ކަމަށް އެނގިފައިވެއެވެ. ބަންދުން ދޫކޮށްލާފައިވަނީ ތިން ކުޑަ ކުއްޖަކާއި، އެ ކުުދިންގެ މަންމަ އެވެ.

މިދިޔަ އަަހަރުގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ލަންކާއަށް ދިން ވަރުގަދަ ހަމަލާތަކާއި ގުޅިގެން ވެސް ބައެއް ދިވެހިން ވަނީ ހައްޔަރު ކޮށްފަ އެވެ. އެ ހަމަލާގެ ކުރިން ލަންކާއަކީ ދިވެހިންނށް ދިރިއުޅެން ވަރަށް ފަސޭހަ ގައުމެކެވެ. ނަމަވެސް އެ ހަމަލާތަކަށްފަހު ގަވާއިދާ ހިލާފަށް އެ ގައުމުގައި އުޅެމުންދާ މީހުން ހޯދުމަށް ސަލާމަތީ ބާރުތަކުން ގެންދަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ.

ދިވެހިން އެންމެ ގިނައިން ދިރިއުޅޭ އެއް ގައުމަކީ ލަންކާއެވެ. އެ ގައުމުގައި 15،000 ވުރެ ގިނަ ދިވެހިން ދިރިއުޅެމުންދާއިރު، އެކި ބޭނުންތަކުގައި އަބަދުވެސް އެ ގައުމުގައި 5000 ދިވެހިން އުޅޭ ކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.