ހަބަރު

ކުޑަކަމުދާ ތަކެތި ނުދިން މައްސަލާގައި މަލްއަށް ދައުވާކޮށްފި

ކުޑަކަމުދާ ތަކެތި ދިނުމަށް އިންކާރު ކުރި ކަމުގެ ދައުވާ ފިލްމީ ތަރި މަލީހާ ވަހީދު (މަލް) ގެ މައްޗަށް އުފުލައިފި އެވެ.

މިދިޔަ އަހަރު ނޮވެމްބަރު 19 ގައި ހުޅުމާލޭ ގެސްޓްހައުސްއެއް މަލް އާއި 11 ފިރިހެނުން ހައްޔަރުކޮށްފައި ވަނީ ބަނގުރާ ބޭނުން ކުރާ ކަމުގެ ތުހުމަތުގަ އެވެ.

އެކަމާ ގުޅޭ ގޮތުން ޕްރޮސެކިއުޓާ ޖެނެރަލަގެ އޮފީހުން މިއަދު ބުނީ މަސްތުވާތަކެއްޗާބެހޭ ގާނޫނުގެ 125 ވަނަ މާއްދާގެ ދަށުން ކުޑަކަމުދާ އެއްޗެހި ދިނުމަށް އިންކާރު ކުރުމުގެ ކުށުގެ ދައުވާ މަލްގެ މައްޗަށް އުފުލާފައިވާ ކަމަށާއި ކެނެބިސް ބޭނުން ކުރުމުގެ ކުށުގެ ދައުވާ އެ މައްސަލާގައި ހިމެނޭ ހަ ފިރިހެނަކަށް އުފުލައި ހުޅުމާލެ މެޖިސްޓްރޭޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އެ މައްސަލާގައި ހިމެނޭ އިތުރު ފިރިހެނެއްގެ މައްޗަށް ވެސް ކެނެބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ ޑްރަގް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.

މީގެ ކުރިން ވެސް މަސްތުވާތަކެތީގެ މައްސަލައެއްގައި މަލް ހައްޔަރު ކޮށްފައި ވެއެވެ.