ދީޕިކާ ޕަދުކޯން އާއި ވިކްރާންތު މެސީގެ "ޗަޕާކް" އަންނަ ހުކުރު ދުވަހު ރިލިޒް ކުރަން ހަމަޖެހިފައިވާއިރު ފިލްމު ރިލީޒް ކުރުން ހުއްޓުވުމަށް ބަޔަކު މަސައްކަތް ފަށައިފި އެވެ.
މެގްނާ ގުލްޒާރުގެ މި ފިލްމަކީ އެސިޑްގެ ހަމަލައިގައި އަނިޔާ ލިބޭ މީހުން ދިރިއުޅޭ ހިތްދަތި ހާލަތު ވަރަށް ރަނގަޅަށް ހާމަވެގެންދާ ފިލްމެކެވެ. މެގްނާގެ ފިލްމު ބިނާކޮށްފައިވަނީ އެސިޑް ހަމަލައިގެ ޝިކާރައަކަށްވީ ލަކްޝްމީ އަގަރްވާލްގެ އަމިއްލަ ހަޔާތުގެ ވާހަކައަށެވެ. ފިލްމުގައި ދީޕިކާ ކުޅެނީ ލަކްޝްމީގެ ރޯލެވެ.
ފިލްމު ރިލީޒްކުރަން މަދު ދުވަސްކޮޅަކަށް ވެފައިވާއިރު ފިލްމު އުފެއްދި ފަރާތުން ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންދަނީ ފިލްމު ޕްރޮމޯޓް ކުރުމަށެވެ. ގިނަ ބަޔަކަށް ފިލްމުގެ ޚަބަރު ދިނުމުގެ މަސައްކަތުގައި އުޅެނިކޮށް ފިލްމު ރިލީޒް ކުރިޔަ ނުދީ ހިފަހައްޓަން ބަޔަކު މަސައްކަތް ފެށީ ކޮޕީ ރައިޓްސް ގާނޫނާ ޚިލާފުވެފައިވާ ކަމަށް ތުހުމަތުކޮށްފަ އެވެ.
މިހާރު މި މައްސަލަ ކޯޓަށް ވައްދާފައިވާއިރު މައްސަލަ ޖެއްސި ފަރާތުން އެދިފައިވަނީ ފިލްމު ރިލީޒްކުރިޔަ ނުދީ ހިފެހެއްޓުމުގެ އަމުރެއް ކޯޓުން ނެރެދިނުމަށެވެ.
"ޗަޕާކް" އާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހެޅީ ލިޔުންތެރިޔާ ރާކޭޝް ބާރްތީ އެވެ. އޭނާ ދައުވާ ކުރަނީ ފިލްމުގެ އެކްޓަރު - ޕްރޮޑިއުސަރު ދީޕިކާ ޕަދުކޯން އާއި ޑައިރެކްޓަރު މެގްނާ ގުލްޒާރާ ދެކޮޅަށެވެ. ލިޔުންތެރިޔާގެ ދައުވާގައި ބުނެފައި ވަނީ "ޗަޕާކް"ގެ ސްކްރިޕްޓަކީ އޭނާ ލިޔުނު އެއްޗެކެވެ. އަދި "ޗަޕާކް" އުފައްދާފައިވަނީ އޭނާގެ ސްކްރިޕްޓް ވަގަށް ނަގައިގެން ކަމަށް ވެސް ލިޔުންތެރިޔާ ރާކޭޝް ތުހުމަތު ކުރެ އެވެ.
ރާކޭޝް ބުނި ގޮތުގައި އޭނާ ސްކްރިޕްޓް ލިޔުނީ ދަރިފުޅާ ދެ މީހުން ވެގެން ފިލްމު ޕްރޮޑިއުސް ކުރުމަށެވެ. އެ ފިލްމަށް އެމީހުން ދޭން ނިންމާފައި އޮތީ "ބްލެކް ޑޭ" ކަމަށް ވެސް ރާކޭޝް ބުންޏެވެ.
ހޮނިހިރު ދުވަހު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ލިޔުންތެރިޔާ ބުނީ ފިލްމު ލިޔުމުގެ ޚިޔާލު އޭނާ ކުރާތާ ފަސް ވަރަކަށް އަހަރު ވެއްޖެ އެވެ. އަދި 2014 ގައި ލަކްޝްމީ އާ ބައްދަލު ކުރުމަށްފަހު ސްކްރީންރައިޓާސް އެސޯސިއޭޝަންގައި ރަޖިސްޓްރީ ވެސް ކޮށްފައިވާނެ ކަމަށެވެ. އޭނާގެ ގޮތުގައި ފިލްމުގެ ސްކްރިޕްޓް 2015 އިން ފެށިގެން ލިޔެ ނިންމާފައި އެބަ އޮތް ކަމަށާއި އޭގެ މާނައަކީ އޭނާގެ ހަޔާތުގެ ވާހަކަ ލިޔެ އުފެއްދުމުގެ ހުއްދަ ލަކްޝްމީ އޭނާއަށް ދީފައިވުން ކަމަށް ގަބޫލުކުރާ ކަމަށް ވެސް ލިޔުންތެރިޔާ ބުންޏެވެ.
ލިޔުންތެރިޔާ އިތުރަށް ބުނި ގޮތުގައި އޭނާގެ ފިލްމުގައި ލަކްޝްމީގެ ރޯލު ކުޅެދިނުމަށް އައިޝްވަރިޔާ ރާއީ އާއި ކަންގަނާ ރަނާވަތު އަށް ވެސް ހުށަހަޅާފައިވާނެ ކަމަށެވެ.
ސްކްރިޕްޓް ވަގަށް ނަގާފައިވަނީ އޭނާ އެ ސްކްރިޕްޓް ދެއްކި ބައެއް ޕްރޮޑިއުސަރުންގެ އަތުން ކަމަށާއި ވަގަށް ނެގުމަށްފަހު ބައެއް ކުދިކުދި ބަދަލުތައް ސްކްރިޕްޓަށް ގެނެސްފައިވާ ކަމަށް ވެސް ލިޔުންތެރިޔާ ތުހުމަތު ކުރެ އެވެ.
ލިޔުންތެރިޔާގެ މި ތުހުމަތުތަކަށް "ޗަޕާކް"ގެ ޕްރޮޑިއުސަރު އަދި ޑައިރެކްޓަރު ޖަވާބު ދީފައެއް ނުވެ އެވެ.