އާ އަހަރެއް ފެށުމާއެކު ރަނގަޅަށް ތާރީޚު ޖަހަން ވަރަށް ގިނަ މީހުންނަށް އުނދަގޫވެ އެވެ. ބައެއް މީހުންނަށް 2020 ފެށުނަސް ހަނދާން ނެތިގެން 2019 ލިޔެވޭ ތަން އާދެ އެވެ. ގިނަ މީހުންނަށް މި ކަހަލަ ކުށް ތަކަކީ މާ ބޮޑު ކަމަކަށް ނުވެ އެވެ. އެއީ ވެސް ހަމަ ވެދާނެ ގޮތެއް ކަމަށް ބަލައި އެކަން އެހިސާބުން ނިންމާލަ އެވެ.
ނަމަވެސް ސޫދާން އެއާޕޯޓު އޮފިޝަލުންނަށް މިގޮތަށް ކަންތައް ކުރެވުމަކީ ގިނަ ބަޔަކަށް ބަލައިގަންނަން ފަސޭހަވި ކަމަކަށް ނުވި އެވެ. ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް މި އޮފިޝަލުންނަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. ބެލެވޭ ގޮތުގައި 2020 އައި ކަމަށް ގަބޫލު ކުރަން ސޫދާން އޮފިޝަލުން އަދިވެސް ތައްޔާރެއް ނޫނެވެ. އެހެންވެ ޕާސްޕޯޓްތަކުގައި އެމީހުން އަދިވެސް ސްޓޭމްޕް ޖަހަނީ 2019 ތާރީޚުގަ އެވެ.
ސޫދާން އެއާޕޯޓަކުން މީހެއްގެ ޕާސްޕޯޓެއްގައި ޖަހާފައިވާ ސްޓޭމްޕެއްގެ ފޮޓޯއެއް މިހާރު ދައުރުވަމުންދާއިރު އޭގައި ޖަހާފައިވަނީ 32 ޑިސެމްބަރު 2019 ގެ ތާރީޚެވެ. ސޯޝަލް މީޑިއާގައި ގިނަ ބަޔަކު މާ ފޯރިގަދަކޮށްލައިގެން މި ވާހަކަ ދައްކާ ސަބަބަކީ މިއީ އެވެ.
މި ހާދިސާ ހިނގާފައިވަނީ ސޫދާންގެ ޚަރްތޫމް އެއާޕޯޓުގަ އެވެ. ދަތުރުވެރިއެއްގެ އެކްސިޓް ވިސާގައި އޮފިޝަލުން ސްޓޭމްޕްކޮށްފައި ވަނީ 32 ޑިސެމްބަރެވެ. މި ކުށަށް ޓުވިޓާގައި ގިނަ ބަޔަކު ދަނީ އޮފިޝަލުންނާ ރަނގަޅަށް ދިމާ ކުރަމުންނެވެ.
ޓުވިޓާގައި މި ފޮޓޯ ޝެއާ ކުރި ވިޖޭ ޕްރަސާދު އަކީ ޓްރައިކޮންޓިނެންޓަލް އިންސްޓިޓިއުޓް އޮފް ސޯޝަލް ރިސާޗްގެ ޑައިރެކްޓަރެކެވެ. އަދި ނިއު ދިއްލީގެ ޕަބްލިޝިން ހައުސް އެއްގެ ޗީފް އެޑިޓަރެވެ. ނުބައިކޮށް ތާރީޚު ޖަހާފައިވާ ސްޓޭމްޕް ޖަހާފައިވަނީ މި މީހާގެ ޕާސްޕޯޓްގަ އެވެ.
ގިނަ ބަޔަކު މަލާމާތް ކުރަމުން ދިޔަޔަސް ވަރަށް މަދުން ނަމަވެސް މިއީ ފޮޓޯޝޮޕް ކޮށްފައިވާ ފޮޓޮއެއް ކަމަށް ގަބޫލުކުރާ މީހުން ވެސް އުޅެ އެވެ. ނަމަވެސް ހަގީގަތުގައި ވެސް މި ޕާސްޕޯޓްގައި ޖަހާފައިވަނީ ހަމަ އެ ތާރީޚެވެ.
މިގޮތަށް ޕާސްޕޯޓުގައި ނުބައި ތާރީޚު ޖެހުމުން މިއީ އަލަށް ވީ ކަމެއް ނޫނެވެ. މީގެ ކުރިން 2017ގައި މުމްބައިގެ އެއާޕޯޓެއްގައި ވެސް މިފަދަ ހާދިސާއެއް ހިނގާފައި ވެއެވެ.
ހަރްޖިންދުރަ ސިންގް ކިޔާ މީހަކު ކުރި ޓުވީޓެއްގައި އޭނާގެ ޕާސްޕޯޓުގައި މުމްބައި އެއާޕޯޓުން ނުބައި ތާރީޚެއް ޖަހާފައިވާ ފޮޓޯއެއް ޝެއާ ކޮށްފައި ވެއެވެ. އެ ޕާސްޕޯޓުގައި ޖަހާފައިވާ ސްޓޭމްޕްގައި ވަނީ 32 ޑިސެމްބަރު 2017 އެވެ.