ލަންޑަން (ޖެނުއަރީ 5) – އިނގިރޭސި އެފްއޭ ކަޕްގައި ރޭ ކުޅުނު މެޗުތަކުން މޮޅުވެ މެންޗެސްޓާ ސިޓީ އާއި މެންޗެސްޓާ ޔުނައިޓެޑާއި ޗެލްސީ އަދި އެންމެ ފަހުގެ ޗެމްޕިއަން އާސެނަލް މުބާރާތުގެ ހަތަރު ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.
މިދިޔަ ސީޒަންގެ އެފްއޭ ކަޕްގެ ފައިނަލްގައި އާސެނަލްއާ ވާދަކުރި ހަލް ސިޓީ އަތުން އަމިއްލަ ދަނޑުގައި ރޭ އާސެނަލް މޮޅުވީ 2-0 އިންނެވެ. މި މެޗުގައި އާސެނަލް އަށް ލަނޑު ޖަހައިދިނީ ޖަރުމަންގެ ޑިފެންޑަރު ޕާ މާޓަސެކާ އާއި ޗިލީގެ ފޯވަޑް އެލެކްސިސް ސަންޗޭޒް އެވެ.
"އަހަރެމެންނަށް ފުރުސަތުތަކެއް ގެއްލުނު. އެކަމަކު ކެތްތެރިކަމާއެކު، އަހަރެމެން ބޭނުންވި ނަތީޖާ މި ހޯދީ،" މެޗަށް ފަހު ވެންގާ ބުންޏެވެ.
ދެވަނަ ޑިވިޝަންގެ ޝެފީލްޑް ވެޑްނިސްޑޭ އަތުން ފަހަތުން އަރައި ސިޓީ މޮޅުވީ 2-1 އިންނެވެ. ސިޓީގެ ދަނޑުގައި ކުޅުނު މެޗުގެ 14 ވަނަ މިނިޓުގައި ސިޓީ ސިއްސުވާލުމަށް ފަހު، ވެޑްނިސްޑޭ އިން ލީޑު ނެގީ އަޓްދޭ ނުހިއޫ ޖެހި ލަނޑުންނެވެ.
އެކަމަކު މެޗުގެ 66 ވަނަ މިނިޓުގައި ސިޓީގެ ޖޭމްސް މިލްނާ ވަނީ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އަދި މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ސިޓީ މެޗުން މޮޅުވި ލަނޑު ވެސް ޖެހީ މިލްނާ އެވެ.
ތިން ވަނަ ޑިވިޝަންގެ ޔިއޯވިލް ޓައުން އަތުން ރަށުން ބޭރުގައި ޔުނައިޓެޑް މޮޅުވީ 2-0 އިންނެވެ. މެޗުގެ ދެވަނަ ހާފުގައި ޔުނައިޓެޑަށް ލަނޑު ޖަހައިދިނީ އެންޑަ ހެރޭރާ އާއި އަންހެލް ޑިމަރިއާ އެވެ.
"އަހަރެން ހީކުރި ގޮތަށް، މި މެޗު އަހަރެމެންނަށް އުނދަގޫވި،" މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު ލުއީ ވެން ހާލް ބުންޏެވެ. "މި ގޮތަށް ދިގު ބޯޅަތައް ލައިގެން ކުޅޭ ޓީމުތަކާ ދެކޮޅަށް ކުޅެން އަބަދު ވެސް އުނދަގޫވާނެ."
ދެވަނަ ޑިވިޝަންގެ ވޮޓްފޯޑް އަތުން އަމިއްލަ ދަނޑުގައި ޗެލްސީ މޮޅުވީ 3-0 އިންނެވެ. މި މެޗުގައި ޗެލްސީ އަށް ލަނޑު ޖަހައިދިނީ ވިލިއަން އާއި ލޮއިކް ރެމީ އަދި ކޯޓް ޒޫމާ އެވެ.
އަމިއްލަ ދަނޑުގައި ޝެފީލްޑް ޔުނައިޓެޑް އަތުން 3-0 އިން ބަލިވެ، ޕްރިމިއާ ލީގުގެ ކުއީންސް ޕާކް ރޭންޖާސް ވަނީ މުބާރާތުން ކަޓައިފަ އެވެ. -- އޭއެފްޕީ