ރެހެންދި އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުސަތު ޖެންޑާ މިނިސްޓްރީން ހުޅުވާލައިފި އެވެ.
ޖެންޑާ މިނިސްޓްރީން މިއަދު ކުރި އިއުލާނުގައި ބުނީ އެ އެވޯޑަށް ކުރިމަތިލުމުގެ ގޮތުން އަމިއްލައަށް ނަން ހުށަހެޅުމުގެ ފުރުސަތާއި އެހެން ފަރާތްތަކުގެ ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. -- މި އެވޯޑަށް އޮފީސްތަކާއި މުއައްސަސާތަކުން ވެސް ކުރިމަތިލެވެ އެވެ. --
އިއުލާނު ބުނާ ގޮތުން އެވޯޑަށް ކުރިމަތިލާ މީހުނަށް މިއަދުން ފެށިގެން މިމަހުގެ 30 ވަނަ ދުވަހާ ހަމައަށް ހުށަހެޅެ އެވެ.
ރެހެންދި އެވޯޑަކީ ގައުމީ ތަރައްގީގައި ފާހަގަކުރެވޭ ހިއްސާއެއް އޮވެ، ގައުމަށް ބޮޑެތި ލާބަޔާ މަންފާ ލިބޭ ހިދުމަތް ކޮށްދީފައިވާ އަންހެނުން އަދި އަންހެނުން ކުރިއަރުވަން މަސައްކަތްކުރާ ފިރިހެނުން އަދި ޖަމިއްޔާތަކާއި ޖަމާއަތްތަކުގެ އަގު ވަޒަންކުރަން ކޮންމެ އަހަރަކު ދޭ އެވޯޑެކެވެ.