އަންނަ ރޯދަ މަހު ރާއްޖޭގެ މިސްކިތްތަކުގައި އިމާމުވެ ތާރާވީހު ނަމާދު ކުރަން ބޭރުން ގެންނަ ހާފިޒުންގެ ކަންކަން ބެލުމުގެ ނަމުގައި ސަރުކާރުން ކުރަމުން ގެންދަނީ "ދެއުޅި" އެއް ނުވާ ކަމެއް ކަމަށް ވިދާޅުވެ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް ސަރުކާރަށް ފާޑުވިދާޅުވެއްޖެ އެވެ.
ރާއްޖެ ގެންނަ ހާފިޒުންނަކީ ދީނީ އެއްބައިވަންތަ ކަމުގެ އުސޫލުތަކަށް ތަބާވާ ރަނގަޅު ބައެއްތޯ ދެނެގަނެ އެ ހާފިޒުންގެ ކަންކަން ބެލުމަށް ނޭޝަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުން އެކުލަވައިލި ކޮމިޓީގައި ހިމެނެނީ އިސްލާމިކް މިނިސްޓްރީއާއި ހޯމް މިނިސްޓްރީ އާއި ފޮރިން މިނިސްޓްރީގެ އިތުރުން ގައުމީ ދިފާއި ބާރާއި ފުލުހުންނާއި އިމިގްރޭޝަނާއި ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރެވެ.
އިޔާޒް މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ރޯދަ މަހު ތަރާވށް ކުރަން އަންނަ އިމާމުން ނަމާދު ކުރާ ގޮތަކުން ނުވަތަ ހެދުން އަޅާ ގޮތަކުންވެސް ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާއި ހިލާފުވެވޭ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އެ އިމާމުންގެ ހެދުން އަޅާގޮތުން ނުވަތަ ނަމާދު ކުރާ ގޮތުން ހަރުކަށި ފިކުރު ފެތުރޭ ކަމަށް ބުނާ ކަމަށެވެ.
ނަމަވެސް ރާއްޖޭގެ ރަށްތަކުގެ ބީޗްތަކުގައި ނިވާކަންކުޑަ ހެދުން އަޅައިގެން އުޅުން ހައްދުފަހަނަ އެޅުމަށްވެސް ނުވާ ކަމަށާ އެކަންކަން އެއީ ރަނގަޅު ކަމަށްކަމުގެ ގޮތުގައި ދެކެމުންދާ ކަމަށެވެ.
"މިއީ ބޮލުގައި 'ސިކުޑި' އޭ ކިޔުނު އެއްޗެއް ހުރި އެއްވެސް އިންސާނަކަށް ގަބޫލުކުރެވޭނެ ވާހަކަތަކެއް ނޫން. މި ކަމަކީ ތާ އަބަދު ގާނޫނަށްވުރެ މަތީގައި ތިމަންނާ ހުންނާނަމޭ ހިތާ އުޅޭ 'މުފުސިދު' ރުއްސަން ކުރާ ކަމެއް." އިޔާޒް ވިދާޅުވިއެވެ.
އިޔާޒް ވަނީ ސަރުކާރުން ނިންމާފައިވާ ނިންމުމަކީ ވަރަށް ދެކޮޅު ނުޖެހޭ "ދެއުޅި" އެއް ނުވާ ކަމެއް ކަމަށް ވިދާޅުވެ އެފަދަ ނިންމުންތަކުގެ ސަބަބުން ސަރުކާރަށް އޮތް ތާއީދު ގެއްލިގެންދާނެ ކަންކަން ކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ސޯލިހާއި، ނާއިބް ރައީސް ފައިސަލަށް ޓެގް ކުރައްވާ އެ ނިންމެވުމާމެދު ވިސްނެވުމަށް އިލްތިމާސް ކުރެއްވިއެވެ.
ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރާއި ކަމާބެހޭ މުއައްސަސާތަކުން ރާއްޖެއަށް ގެންނަ ހާފިޒުންގެ ކަންކަން ބަލަން ކޮމިޓީއެއް އެކުލަވާލާފައި ވަނީ ރާއްޖޭގައި ދީނީ ގޮތުން ފިކުރު ހަރުކަށިވެފައި ތިބި މީހުންގެ ނުރައްކާތެރިކަން ބޮޑުވެފައިވާ ކަމަށް އެ މުއައްސަސާތަކުން ބުނެފައި ވަނިކޮށެވެ. އެ ގޮތުން މީހުންގެ ފުރާނަ ދުއްވާލަން ތިބޭ ހިސާބަށް ފިކުރު ހަރުކަށި ވެފައި ތިބި ގާތްގަނޑަކަށް 1400 މީހުން ރާއްޖޭގައި އުޅޭ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެފައިވެ އެވެ.