ހަބަރު

މިއަހަރުން ފެށިގެން ސްޓެލްކޯ މުވައްޒަފުންނަށް ބޯނަސް ދެނީ

ސްޓޭޓް އިލެކްޓްރޯނިކް ކޮމްޕެނީ (ސްޓެލްކޯ) އަށް މިދިޔަ އަހަރު ލިބުނު މާލީ ކާމިޔާބީއާއެކު ސަރުކާރަށް ދައްކަންޖެހޭ ޑިވިޑެން ބައި ދެއްކުމަށްފަހު މިއަހަރުން ފެށިގެން ހުރިހާ މުވައްޒަފުންނަށް ބޯނަސް ދިނުމަށް އެ ކުންފުނިން ނިންމައިފި އެވެ.

އެކުންފުނިން މިކަން ހާމަކޮށްފައިވަނީ އާ އަހަރު ފާހަގަ ކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ އެވެ.

މުގުނީ ވިދާޅުވީ ފާއިތުވި ހައެއްކަ އަހަރުގައިވެސް ސްޓެލްކޯއިން ސަރުކާރަށް ދައްކަންޖެހޭ ޑިވިޑެންބައި ދައްކާފައިނުވާ ކަމަށާއި މިދިޔަ އަހަރު ލިބުނު މާލީ ބޮޑު ކާމިޔާބީން އެންމެ ފުރަތަމަވެސް ދައްކާނީ ޑިވިޑެން ބައި ކަމަށެވެ. އަދި އެއަށްފަހު އެކުންފުނީގައި ރަނގަޅަށް މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށް ބޯނަސްވެސް މިއަރުން ފެށިގެން ލިބިގެން ދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި ބޯނަސް ދޭނެ ގޮތް މިހާރު އެ ކުންފުނިން ބަލަމުން އަންނަ ކަމަށްވެސް ވިދާޅުވި އެވެ.

ސްޓެލްކޯ އަށް މިދިޔަ އަހަރު މާލީ ބޮޑު ކާމިޔާބެއް ލިބުނު ކަމަށް މުގުނީ ވިދާޅުވި ނަމަވެސް އެ ކަމުގެ ތަފްސީލެއް ދެއްވާފައެއް ނުވެ އެވެ. އަދި ކުންފުންޏަށް ލިބުނު ފައިދާގެ ތަފްސީލެއްވެސް ދެއްވާފައެއް ނުވެ އެވެ.

ސްޓެލްކޯ އަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ރަނގަޅު ކުންފުންޏަށް ހެދުމަށ ްއަމާޒު ހިފާފައިވާ ކަމަށާއި އެ އަމާޒަށް މިހާރު ވާސިލް ވަމުންދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ސްޓެލްކޯ އިން މިދިޔަ އަހަރު ހޯދި ކާމިޔާބީތަކުގެ ތެރޭގައި މަޓާޓޯ ޓރެވެލް އެވޯޑްސްގެ އަހަރުގެ އެންމެ ރަނގަޅު ކުންފުންޏަށް ދޭ އެވޯޑު، ޕަބްލިކް އެންޓަޕްރައިސް އެވޯޑް ސްޓެލްކޯ އަށ ްވަނީ ލިބިފަ އެވެ.