ހަބަރު

ޖަލު އިސްލާހެއް ނުކުރެވުނު، އިމްރާނާއި މުނާޒް އިސްތިއުފާ ދޭން ޖެހޭ: އިދިކޮޅު

ޖަލު އިސްލާހު ކުރުމުގެ ގާބިލް ކަމެއް ނެތް ކަމަށާއި ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒާއި ހޯމް މިިނިސްޓަރު އިމްރާން އަބްދުﷲ މަގާމުން އިސްތިއުފާ ދޭން ޖެހޭ ކަމަށް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ހިމެނޭ ކޯލިޝަނުން މިއަދު ބުނެފި އެވެ.

މާފުށީ ޖަލުގައި ހަމަނުޖެހުމެއް ހިނގައި ޖަލު އޮފިސަރުން ގޮޅިތަކަށް ވަދެ ކަރުނަ ގޭހައި ޕެޕަ ސުޕްރޭ ޖަހައި ބައެއް ގައިދީން ނެރެ ކުޑަ ކަކޫ ޖަހައި އެތައް ގައިދީއަކަށް އޮފިސަރުން އަނިޔާކޮށްފައިވާ ކަމަށް ބުނާ އަޑުތައް ފެތުވެރިފައިވެ އެވެ. އެކަމަކު ކަރެކްޝަންސް އިން ބުނެފައި ވަނީ އޮފިސަރުންނާއި ގައިދީންނާ ދެމެދު އެއްވެސް ކުރިމަތިލުމެއް ނުހިނގާ ކަމަށެވެ.

މާފުށީ ޖަލުގައި ހަމަނުޖެހުން ހިނގަމުންދާ ކަމަށް އަޑު ފެތުރުމާ ގުޅިގެން އިދިކޮޅު ކޯލިޝަނުްނ ނެރުނު ބަޔާނެއްގައި ބުނީ ގައިދީންނަށް އެފަދަ ލާއިންސާނީ ގޮތަކަށް އަނިޔާ ކުރުމަކީ އެ ކޯލިޝަނުން އެއްވެސް ގޮތަކަށް ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

ޖަލުގައި ހިނގާ ހަމަނުޖެހުންތަކާއެކު އެ ތަނުގައި ފަސް އަހަރު ދުވަހުގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދާ އެ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ސަރުކާރަށް އިދިކޮޅު ކޯލިޝަނުން ގޮވާލާފައިވެ އެވެ. ރައީސް ޔާމީން ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނީ އެމަނިކުފާނުގެ މައްޗަށް މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅާ އިއްވި ހުކުމާ ގުޅިގެންނެވެ.

މީގެ ކުރިން ވެސް މާފުށި ޖަލުގައި ގައިދީންނަށް އަނިޔާ ކުރި މައްސަލައެއް ފެންމަތިވުމާއެކު ހޯމް މިނިސްޓަރު އިމްރާން ޖަލުގެ ހާލަތު ރަނގަޅު ކުރައްވާނެ ކަމަށް ވިދާޅުވެފައިވާ ކަން އިދިކޮޅު ކޯލިޝަންގެ ބަޔާނުގައި ފާހަގަކޮށް ބުނީ ޖަލުގެ ހާލަތު އިސްލާހު ނުވެ ކަންކަން އިތުރަށް ތަކުރާރުވަމުންދާ ކަމަށެވެ.

ޖަލުތަކުގެ ހިންގުން ހަރުދަނާކޮށް ގައިދީންގެ ކަންކަން ކަށަވަރުކޮށްދިނުމުގައި ސަރުކާރު ފެއިލްވެފައިވާ ވަރަށް ސާފު ކަމަށް އިދިކޮޅު ކޯލިޝަނުގެ ބަޔާނުގައި ބުނެފައިވެ އެވެ. އެހެންވެ ހޯމް މިނިސްޓަރު އިމްރާނާއި ކޮމިޝަނާ އޮފް ޕްރިޒަންސް މިހާރުން މިހާރަށް އިސްތިއުފާ ދެއްވުމަށް އިދިކޮޅު ކޯލިޝަނުން ގޮވާލާފައިވެ އެވެ.

މާފުށީ ޖަލުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އިންސްޕެކްޓާ އޮފް ކަރެކްޝަނަލް ސާވިސް އަހުމަދު މުހައްމަދު ވިދާޅުވީ މަފުށީ ޖަލު އޮފިސަރުންނާއި ރިމާންޑް ބަންދުގައި ތިބި މީހުން ދެމެދު ހިތްހަމަ ނުޖެހުންތަކެއް ހުރިކަން އެނގިގެން މޮނިޓާ ކުރިއިރު، އިއްޔެ ހިންގަން އުޅުނު ސާޗް އޮޕަރޭޝަނަކަށް ގައިދީން ހުރަސް އެޅުމުން ބާރުގެ ބޭނުން ކޮށްފައިވާ ކަމަށެވެ.

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ވެސް ބުނެފައި ވަނީ މާފުށީ ޖަލުގައި ހަމަނުޖެހުން ހިނގައި ބަޔަކަށް އަނިޔާ ކުރާ ކަމަށް ރިޕޯޓް ލިބިފައިވާ ކަމަށާއި އެ މައްސަލަ އެ ކޮމިޝަނުން ބަލަމުންދާ ކަމަށެވެ. ބަލަމުންދާ މައްސަލައަކަށްވާތީވެ އިތުރު ތަފުސީލެއް އެ ކޮމިޝަނުން ނުދެ އެވެ.